ޕެރަސައިޓް ކަމުގޮސްގެން އެންމެފަހުން އެޗްބީއޯ ސީރީޒްއަކަށް

ޕެރަސައިޓްގެ ޕްރޮމޯ ޕޯސްޓަރެއް -- ފޮޓޯ : ސީޖޭ އެންޓަޓެއިންމެންޓް

ދެކުނު ކޮރެއާއިން މިދިޔަ އަހަރު ތައްޔާރުކުރި ޑްރާމާ އަދި ތްރިލާ ފިލްމު "ޕެރަސައިޓް" ދަނީ އެމެރިކާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ބޮޑު އެވޯޑު ހަފްލާއެއް ބާއްވައިފިނަމަ ޕެރަސައިޓްއަށް އެވޯޑެއް ނުލިބިއެއް ނުދާނެއެވެ. އެމެރިކާގެ ޕްރޮޑަކްޝަން ކުންފުނިތަކަށްވެސް މިކަން ފާހަގަވެއްޖެއެވެ. އެކަމާ ގުޅިގެން އެޗްބީއޯއިން އެ ފިލްމަށް ސީރީޒްއެއް ހަދަން ނިންމައިފިއެވެ.

"ގޭމް އޮފް ތްރޯންސް" އާއި "ވެސްޓް ވޯލްޑް" ފަދަ ބޮޑެތި ހިޓް ސީރީޒްތައް ގެނެސްދޭ ނެޓްވޯކެއް ކަމަށްވާ އެޗްބީއޯއިން ވަނީ ޕެރަސައިޓްގެ ލިމިޓެޑް ސީރީޒް އެއް ހަދާނެ ކަމަށް ބުނެފައެވެ.

ލިމިޓެޑް ސީރީޒްތަކަކީ އާންމުކޮށް އެއް ސީޒަންގެ ތެރޭގައި ސީރީޒްގެ ޕްލޮޓު އެއްކޮށް ވަށާ ޖައްސާ ސީރީޒްތަކެވެ. އެޗްބީއޯއިން ވަނީ ޗެނޯބިލްގެ ނިއުކްލިއާ ޕަވާ ޕްލާންޓް ގޮވި ހާދިސާއަށް ބިނާކޮށް މިދިޔަ އަހަރުގައި ލިމިޓެޑް ސީރީޒްއެއް ނެރެފައެވެ. ޖުމްލަ ހަތަރު އެޕިސޯޑުގެ އެ ސީރީޒްއަށް ގިނަ ބައެއްގެ ލޯބި ލިބިގެން ދިޔައެވެ.

ޕެރަސައިޓް ސީރީޒްއާ ގުޅޭގޮތުން އެޗްބީއޯއިން ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ކާސްޓިންގެ މަސައްކަތް ފަށާނެކަމަށް އެޗްބީއޯއިން ބުނެއެވެ.

ދާދި ފަހުން ބޭއްވި ގޯލްޑަން ގްލޯބްސް އެވޯޑު ހަފްލާގައި އެންމެ މޮޅު ފޮރިން ފިލްމުގެ އެވޯޑު ހޯދާފައިވަނީ ޕެރަސައިޓްއަށެވެ. އަދި އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑުގައި އެންމެ މޮޅު ފިލްމުތަކުގެ ރޭހުގައި ޕެރަސައިޓް ހިމެނޭނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. އޮސްކާ ނޯމިނޭޝަން މިރޭ އިއުލާނުކުރާނެއެވެ.

comment ކޮމެންޓް