އެރިޔަދޫ ރިސޯޓުގެ ކޮޓަރިއެއްތެރޭ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެރިޔަދޫ އައިލެންޑް ރިސޯޓު --- ފޮޓޯ: ބުކިން.ކޮމް

ކ. އެރިޔަދޫ އައިލެންޑް ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން ދުވަސްވީ ފަތުރުވެރިއެކެވެ. އޭނާ އެ ރިސޯޓަަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނީ އެކަނި ކަމަށް ވެއެވެ.

އެރިޔަދޫ ރިސޯޓުން ވާހަކަ ދެއްކި އިސް ބޭފުޅަކު ވިދާޅުވީ ފަތުރުވެރިޔާ ހުރި ކޮޓަރި ސާފުކުރަން އެދިފައި އޮންނަނީ ކޮންމެ ދުވަހަކުވެސް 11:00 ގެ ފަހުން ކަމަށެވެ. އޭނާ އިއްޔެވެސް ހުރީ ހާލު ރަނގަޅަށް ކަމަށާއި ރޭ ރޫމް ބޯއީ ކޮޓަރި ސާފު ކުރަން ދިޔައިރު އޭނާ އޮތީ ނިދާފައި ކަމަށެވެ.

"މިއަދު 1:30 ހާއިރު ރޫމް ބޯއީ ކޮޓަރި ސާފު ކުރަންދިޔައިރު އޭނާގެ އަނގައިން ފޮނު އަރާފައި އޮއްވާ ފެނުނީ،" އެ ރިސޯޓުން ވާހަކަ ދެއްކި އިސް ފަރާތުން ވިދާޅުވީ ފަތުރުވެރިޔާ އަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިސޯޓަށް އައި މީހެއް ކަމަށެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ރަޝިއާ އަށް ފޮނުވާލުމުގެ މަސައްކަތް ހޮސްޕިޓަލުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓަރިއެއްގައި 60 އަހަރުގެ ރަޝިއާ ފިރިހެން ފަތުރުވެރިއަކު މަރުވެފައި އޮތްކަމަށް ބެލެވޭ ކަމަށް މިއަދު 14:22 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސްފައިވާ ކަމަށާއި އޭނަގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް