ދިއްދޫ ހައުސިން ޔުނިޓުތަކުގެ ފޯމުތައް އަލުން އިވެލުއޭޓު ކުރަނީ

ދިއްދޫ ހައުސިން ޔުނިޓުތައް --- ފޮޓޯ: ހައުސިން

ހއ ދިއްދޫ ގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށް އޭސީސީ އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން، ފޯމުތައް އަލުން އިވެލުއޭޓުކޮށް ލިސްޓު ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމުގެ ދަށުން ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ މީހުންގެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމެޓީ އަކުން ކަމަށާއި އެކަމުގައި ބޭނުންވާ ފަންނި އެހީ ހައުސިން މިނިސްޓްރީ އިން ފޯރުކޮށްދެމުންދާ ކަމަށެވެ.

ދިއްދޫގައި 250 ހައުސިން ޔުނިޓު އިމާރާތްކޮށްފައިވާއިރު ކެޓަގަރީ އޭގެ 125 ފްލެޓާއި ކެޓަގަރީ ބީގެ 15 ފްލެޓަށް އެދުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

https://sun.mv/120872

އެފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން 440 މީހުން ފޯމު ހުށަހެޅިއެވެ. ހައުސިން ޔުނިޓު ލިބުނު 140 މީހުންގެ ތެރެއިން 135 މީހުންނާ 2018 ވަނަ އަހަރުގެ ޖުލައިމަހު ހައުސިން ޔުނިޓުތައް ހަވާލު ކުރިއެވެ.

ބާކީ ހުރި 110 ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާލިއިރު ދެވަނަ ބުރުގެ ފްލެޓުތައް ދިނުން މަޑުޖައްސާލާފައިވަނީ އެ 110 ހައުސިން ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރުމުން އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ދިއްދޫ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބުމުންނެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ފުރަތަމަ ބުރުގައި ވެސް ދިއްދޫ އިން ހައުސިން ޔުނޓު ދޫކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ރައްޔިތުންނާއި ކައުންސިލުން މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅި ކަމަށެވެ.

ދިއްދޫ ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ މީހުންގެ ފޯމުތައް ރީ އިވެލުއޭޓު ކުރުން -- ފޮޓޯ: ހައުސިން

މިހާރު މަސައްކަތްތައް ފަށާފައިވަނީ ޖުލައި 2018 ގައި ކޮށްފައިވަ އިއުލާނު ބާތިލްކޮށް، 2015 އޭޕްރީލް ގައި ދިއްދޫ ކައުންސިލުން ކުރި އިއުލާނަށް އިޖާބަދީ ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އަލުން އޭރުގެ ހާލަތަށް ބަލާ އިވެލުއޭޓު ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓުކޮށް ލިސްތު ފައިނަލްކުރެވުނުހާ އަވަހަކަށް ހައުސިން ޔުނިޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް