ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އަޅައިދޭނެ ބަޔަކު ހޯދަނީ

އެއާޕޯޓް އަޅަން ހޯޜަފުށި ފަޅުން ހިއްކިބައި-- ފޮޓޯ: މުހައްމަދު ވަހީދު

ހއ ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރީޖަނަލް އެއާޕޯޓްްސްގެ އެދުމުގެ މަތިން ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އާއި ފަޔާ ބިލްޑިން އިމާރަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިުވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުުން ކަމަށް ފިނޭންސް އިން ބުންޏެވެ.

ފިނޭންސްގެ އިއުލާނުގައި ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 12 އިން 21 ގެ ނިޔަލަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 75,000 ރުފިޔާ ދައްކަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.

ހޯރަފުށީ ގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު މި އަހަރުގެ އޮގަސްޓު މަހު ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީގެ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން އެއާޕޯޓު ތަރައްގީކުރާއިރު އެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ.

comment ކޮމެންޓް