ކައްޕި ގެއްލުން ސަރަހައްދުން ވަޅިއަކާއި އިތުރު އެއްޗެހިތަކެއް ފެނިއްޖެ

ކައްޕި ހޯދަން ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތަކެތި -- ފޮޓޯ: އެމްއެންޑީއެފް

ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދު ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފް އިން އަންނަނީ ކަނޑު އުޅަނދުތަކާއި، ހެލިކޮޕްޓަރާއި އަދި ޑައިވަރުން ބޭނުން ކުރަމުންނެވެ. މިއަދާ ހަމައަށް ބޮޑު ސަރަހައްދެއް ބަލާފައި ވާއިރު، މީހާގެ އެއްވެސް ހަބަރެއް ނުވެއެވެ.

ނަމަވެސް މިއަދު ފީނަމުން ދިޔަ ޑައިވަރުންނަށް ވަނީ އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވެއެވެ. އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރުމުން ސުވާލު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުރިހަމަ މައުލޫމާތު އެނގޭނީ ތަހުލީލުތަކަށް ފަހު ކަމަށެވެ.

ތުވާލީގެ އިތުރުން ޑަސްޓްބިން ކޮތަޅެއްގެ ތެރޭގައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައި ވަނީ 41 މީޓަރު އަޑިންނެވެ.

ދޯނި ފަރަށް އެރި އިރު ދޯނީގައި މުހައްމަދު ޔޫސުފްގެ އިތުރުން ދެން ތިބީ ދެ ބިދޭސީންނެވެ. މުހައްމަދު ޔޫސުފް ގެއްލިގެން އުޅޭކަމަށް ރިޕޯޓުކުރީ އެ ދޯނިންނެވެ.

އެމްއެންޑީއެފް އިން ބުނީ މުހައްމަދު ޔޫސުފްގެ ފޯނާއި ދަބަސް، ދޯނީގައި އޮތް ކަމަށެވެ.

މިދިޔަ ހަފްތާގައި ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ވެސް މީހަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާގައި ގެއްލިފައި ވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުންނާއި ޑައިވް ރޮބޮޓް ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް