އީރާނުން އެމެރިކާއަށް ދިނީ ހިކްމަތްތެރި ރައްދެއް

އެމެރިކާއިން އީރާނުގެ އަސްކަރީ ލީޑަރެއް ކަމުގައިވާ ޖެނެރަލް ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން މިވަނީ އެމެރިކާއަށް ރައްދެއް ދީފަ އެވެ. މިއީ އީރާނުން ސީދާގޮތެއްގައި އެމެރިކާއަށް ރައްދު ދިން ފުރަތަމަ ފަހަރެވެ. އަދި މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގައުމަކުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ސީދާ ގޮތެއްގައި ދިން ފުރަތަމަ ހަމަލާ އެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ކަމަށްވެފައި އެމެރިކާއަށް ހަމަލާދީފިނަމަ ކުރިމަތިވެދާނެ ނުރައްކާތައް އަންދާޒާކުރަންވެސް ގައުމުތަކުން ޖެހިލުންވެ އެވެ. އަދި އެމެރިކާއާ ހަނގުރާމަ ކުރެވިދާނެތޯވެސް ސުވާލު އުފައްދަ އެވެ. ނަމަވެސް 18 އަހަރުގެ ހަނގުރާމައަށްފަހުވެސް އެމެރިކާއަށް ވަނީ، ތާލިބާން ފަދަ ޖަމާއަތްތައް ބަލި ކުރުމުގައި ނުކުޅެދިފަ އެވެ. އެންމެ ފަހުން އެމެރިކާވަނީ ތާލިބާނުންނާއެކު ސުލްހައިގެ ވާހަކަތައް ފަށާފަ އެވެ.

އަފްޣާނިސްތާނާއި ވިއެޓްނާމް ފަދަ އެތަށް މައިދާނެއްގައި ހަނގުރާމައަށް އެތަށް ބިލިޔަން ޑޮލަރެއް ހަރަދުކޮށް އަދި އެމެރިކާ ސިފައިންގެ އެތަށް ބަޔަކު މަރުވެގެންވެސް އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ހަމައެކަނި ބޮން އަޅައިގެން ކުރާ ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ކުރެވިފައިވެސް އެބަހުއްޓެވެ.

އީރާނުން ސްޓްރެޓެޖީ ބަދަލުކޮށްފި

އެމެރިކާއަށް ސީދާގޮތެއްގައި ހަމަލާދިނުމަކީ އެމެރިކާގެ ދުޝްމަން ގައުމުތަކަށްވެސް މިހާތަނަށް ކުރަންކެރިފައިވާ ކަމެއްނޫނެވެ. އެމެރިކާއަށް ސީދާ ގޮތެއްގައި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ތާލިބާންފަދަ އަސްކަރީ ޖަމާއަތްތަކުންނެވެ. އީރާނުންވެސް އެމެރިކާގެ ގޯނާތަކަށް މީގެކުރިން ހަމަލާދީފައިވަނީ އެގައުމުގެ އެޖެންޓް ޖަމާއަތްތައް މެދުވެރިކޮށެވެ. ނަމަވެސް ޖެނެރަލް ސުލައިމާނީގެ މަރާގުޅިގެން އީރާނުން ސީދާ ގޮތެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިނުމުން އީރާނުން އެމެރިކާއާ ކުރިމަތިލުމުގެ ސްޓްރެޓެޖީ އާއި އޭގެ ގަވައިދު މިވަނީ އެއްކޮށް ބަދަލުވފައެވެ.

އީރާނުން ބޭނުންކުރީ ބައު މިސައިލްތަކެއް

އީރާނުން ހަމަލާދިނީ މެދުރާސްތާގެ ބައު މިސައިލްތަކެއް ބޭނުންކޮށްގެންނެވެ. ބައު މިސައިލްތަކެއް ބޭނުންކޮށްގެން ދިން ހަމަލާތައްވެސް އިރާގުގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްތަކަށްވާ އައިނުލްއަސަދު ވައިގެ ބޭހަށާއި އިރްބީލްގައިވާ ހަރީރު ވައިގެ ބޭހަށްވަނީ އަރާފަ އެވެ. ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުގައިވާ އެ ދެމަރުކަޒަށް އީރާނުގެ ހަމަލާތައް އަރާފައިވާކަން އެމެރިކާ ކަށަވަރުކޮށްދީފައިވާއިރު އީރާނުގެ މިސައިލްތައް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލުމުގައި އެމެރިކާގެ ބާރުގަދަ އަސްކަރިއްޔާ ވަނީ ނާކާމިޔާބުވެފަ އެވެ. އީރާނުގެ މިސައިލްގެ ބައިތައް ބެއްލެވި އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވި ގޮތުގައި އީރާނުން ހަމަލާދިނުމަށް ބޭނުންކުރީ ބައު މިސައިލްތަކެކެވެ. ބައު މިސައިލް ބޭނުންކުރީ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ޕެންޓަގަން އިން ބުނެފައިވަނީ އިރާނުގެ މިސައިލްތައް ވައްޓާނުލެވުނީ އެސަރަހައްދުގައި މިސައިލް އައްޑަނައިގެ ނިޒާމެއް ނެތުމުން ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ކޮލޮރާޑޯގައި ހުންނަ މިސައިލް އައްޑަނައިގެ ނިޒާމާއި ޔޫރަޕްގައިވާ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމުތަކުން އީރާނުގެ މިސައިލްތައް ވައްޓާލެވިދާނެކަމަށާއި އެކަން އެމެރިކާއަށް ނުކުރެވުނީ އަޑަށްވުރެ ދެގުނަ ބާރަށް ދަތުކުރި އީރާނުގެ މިސައިލް ވައްޓާލުމަށް ވަގުތު ނެތުމުންކަމަށް ތަޖްރިބާކާރުން ބުނެއެވެ. އީރާނުން މިސައިލް ފޮނުވާލިތާ 10 މިނިއްޓުގެ ތެރޭގައި އެމިސައިލްތައް އެމެރިކާގެ މަރުކަޒަށް ވެއްޓިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަދަލުހިފުމަކީ މެދުއިރުމަތިން އެމެރިކާ ފައްސާލުން

އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވެފައިވަނީ ސުލައިމާނީގެ މަރަށް އީރާނުން ދިނީ ބޭނުންވި ވަރަށްވުރެ ކުޑަ ރައްދެއްކަމަށާ އެއީ އެމެރިކާގެ އަސްކަރީ ހައިބަތު ނަގާލުމުގެ އެތިފަހަރެއް ކަމަށާއި އެއީ ބަދަލުހިފުމުގެ ހަމަލާއެއް ނޫންކަމުގައެވެ. ސުލައިމާނީގެ މަރަށް ބަދަލުހިފާނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ ބާރުތައް ފައްސާލައިގެން ކަމަށާ އެމެރިކާގެ ބޭސްތަކަކީ އީރާނުގެ އިތުރުން މުޅި ސަރަހައްދަށްވެސް އޮތް ނުރައްކަލެއްކަމަށް ޚަމަނާއި ވިދާޅުވިއެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުގެ ބައެއް އަސްކަރީ މަސްއޫލުވެރިން އެމެރިކާއާ ދެކޮޅަށް ވަރުގަދަ ބަދަލެއް ހިފާނެކަމުގެ އިންޒާރު ދިންނަމަވެސް އީރާން ސަރުކާރުން ރައްދު ދީފައިވަނީ ހިކްމަތްތެރި ގޮތަކަށެވެ. އެއީ އީރާނަށްވެސް އެންމެ ގެއްލުންކުޑަ އަދި ސަރަހައްދުގައި ހަނގުރާމައެއްވެސް ނުފެށޭނެ ގޮތަކަށެވެ.

އީރާނުން ދިން ހަމަލާއަކީ އެމެރިކާ ސިފައިންގެ ބަޔަކު މަރާލުމުގެ މަގްސަދުގައި ދިން ހަމަލާއެއް ނޫނެވެ. ހަމަލާގެ ކުރިން އީރާނުންވަނީ ހަމަލާދޭނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އެކަނިކަމުގައެވެ. އަދި އެ ހަމަލާއިން އިރާގުގެ މީހަކު މަރުވެދާނެތީ ޙަމަލާދިނުމުގެ ކުޑަތަންކޮޅެއް ކުރިން އީރާނުންވަނީ ހަމަލާދޭނެ ދެމަރުކަޒުގެ ނަންވެސް އިރާގުގެ އިސްވެރިންނާ ހިއްސާ ކޮށްފައެވެ. މިއީ ނުސީދާގޮތެއްގައި އެމެރިކާއަށްވެސް އެކަން އެންގުމަށް ކުރިކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އިރާގުން އެކަން އެމެރިކާއަށް އެންގުމުން އެމެރިކާއިންވަނީ އެދެމަރުކަޒުން އެމެރިކާގެ ސިފައިން ނެރެފައެވެ.

ރައްދު ދިނީ އީރާނަށް މަޖްބޫރުވެގެން

އީރާނުން ސުލައިމާނީގެ މަރަށް ރައްދު ދިނީ އެކަން ނުކޮށްފިނަމަ އެމެރިކާއާއި އިސްރާއީލުގެ ކުރިމަތީގައި އީރާނުގެ ބަލިކަށިކަން ދޭހަވާނެއެވެ. އެހެންކަމުން ރައްދުދީ އީރާނުގެ ޖެހިލުން ކުޑަކަން ދައްކާނުލައިފިނަމަ އެމެރިކާއާއި އިސްރާއީލުން އީރާނުގެ އިތުރު މަސްއޫލުވެރިން މެރުމުގެ ސްޓޭޓް ޓެރަރިޒަމްގެ ހަމަލާތައް ކުރިޔަށްގެންދާނެކަން އީރާނަށް އެނގެއެވެ. މީގެއިތުރުން އެމެރިކާއަށް ރައްދު ދިނުމަށް އެދި އީރާނުގެ ރައްޔިތުން ގޮވާލާ ގޮވާލުންތަކަކީވެސް އެކަންކުރަން އީރާނުގެ ސަރުކާރަށް މަޖްބޫރު ވެގެން ދިޔަ ސަބަބެކެވެ. ގައުމީ ބަތަލެއްގެ ގޮތުގައި އީރާނުގައި ސިފަކުރެވޭ ސުލައިމާނީގެ ޖަނާޒާގައި އީރާނުގެ ފަސްމިލިޔަން މީހުން ބައިވެރިވެ އޭނާގެ މަރަށް ބަދަލުހިފުމަށް އެމީހުން ގޮވާލި ގޮވާލުމަކީ އެކަމަށް އިޖާބަދޭން އީރާން ސަކާރަށް ޖެހޭ ކަމެކެވެ.

މިއާއެކުވެސް އީރާނުން އެމެރިކާއަށް ރައްދު ދީފައި މިވަނީ އެމެރިކާއަށްވެސް މާބޮޑު ގެއްލުމެއް ނުލިބޭގޮތަށް އަދި އެމެރިކާގެ ބައިވެރިން ކަމަށްވާ ގަލްފުގެ ގައުމުތަކުގައިވާ ތެލުގެ މަރުކަޒުތަކަށްވެސް ހަމަލާނުދީ އީރާނަށާ އަދި ސަރަހައްދަށްވެސް އެންމެ ގެއްލުން ކުޑަގޮތަކަށެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާގެ އަގު ވެއްޓި އީރާނުގެ އަގުވަނީ އަރާފައެވެ. އީރާނުގެ ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ނޫސްކޮންފަރެންސްއިންވެސް މިކަން އެނގެއެވެ. ސުލައިމާނީގެ މަރުގެ ރައްދުގައި އެމެރިކާގެ އެއްވެސް މަސްލަހަތަކަށް އީރާނުން ހަމަލާއެއް ދީފިނަމަ އީރާނުގެ 52 އަމާޒަކަށް ވަގުތުން ހަމަލާތައްދޭނެކަމާއި އޭގެތެރޭގައި އީރާނުގެ ސަގާފީ އަދި ހަޟާރީ މަރުކަޒުތައްވެސް ހިމެނޭނެކަމަށް ވިދާޅުވެ ޓްރަމްޕްވަނީ އީރާނަށް އިންޒާރުތައް ދެއްވާފައެވެ.

ނަމަވެސް އީރާނުގެ ޙަމަލާތަކަށްފަހު ޓްރަމްޕް ވިދާޅުވިފަދަ ހަމަލާއެއްގެ ހިލަމެއްވެސް އެމެރިކާގެ ފަރާތުން ވެފައެއްނުވެއެވެ. އޭގެބަދަލުގައި ޓްރަމްޕްވަނީ އީރާނާއެކު ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށް އޮތްކަމަށް ނޫސްކޮންފަރެންސްގައި ވިދާޅުވެފައެވެ. އަދި ރޭގެ ވަގުތެއްގައި އެމެރިކާ ވަނީ އީރާނާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ޓަކައި މެދުވެރިއެއްގެ ބައި އަދާކޮށްދިނުމަށް އެދި އދ. އަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ދުނިޔޭގެ ބޮޑު ބާރުގެ ސްޓެރެޓެޖީ އެއްނެތް

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މާބޮޑު ސްޓްރެޓެޖީ އެއްނެތި ކުލިވަރު ކުޅޭގޮތަށް ގައުމުތަކާ މުއާމަލަތް ކުރައްވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު ޓްރަމްޕްވަނީ އުތުރުކޮރެއާއަށް ހަމަލާދީ އެގައުމު ވުޖޫދުން ފުހެލާނެކަމުގެ އިންޒާރު ދެއްވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލުކުރައްވައި ސުލްހައިގެ ވާހަކަތައް ފައްޓަވާފައެވެ. މީނޫންވެސް މިފަދަ އެތަށް ކަމެއް ޓްރަމްޕްވަނީ ކުރައްޥާފައެވެ.

ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުކަމަށްވާ ބާރުގަދަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ސީދާގޮތެއްގައި ހަމަލާދޭން ކެރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ސްޓްރެޓީޖިކް ގޮތުން އީރާން ހޯދި ބޮޑު ކާމިޔާބީއެކެވެ. މިއާއެކު އީރާނާ ތޮޅުމަށް އެމެރިކާއާއި އެމެރިކާގެ ވާގިވެރިޔާ އިސްރާއީލު ކުރިޔަށްވުރެ ބޮޑަށް ޖެހިލުންވާނެއެވެ.

އެމެރިކާގެ ބަލިފައި

އީރާނުން ބުނެފައިވަނީ އެމެރިކާއިން އިތުރު ޙަމަލާއެއް ނުދޭނަމަ އެގައުމުންވެސް އިތުރު ހަމަލާއެއް ނުދޭނެކަމަށާ ނަމަވެސް އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގައެވެ. މިގޮތުން އެމެރިކާއިން އިތުރު ޙަމަލާއެއް ދީފިނަމަ ޔޫއޭއީގެ ވިޔަފާރީގެ މައި މަރުކަޒުކަމަށްވާ ދުބާއި އަށާއި އިސްރާއީލުގެ އިގްތިސާދީ މަރުކަޒު ކަމަށްވާ ހައިފާ ސިޓީއަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ. އެމެރިކާގެ ބަލިފަޔަކީ އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ހިއްވަރުދޭ ގަލްފުގެ ދެގައުމު ކަމަށްވާ ސައޫދީ އާއި ޔޫއޭއީގެ ބަލިފައިތަކެވެ. އެދެގައުމުގެ ތެލުގެ މަރުކަޒުތަކާއި ފެންއުފައްދާ ޑެސިލިނޭޝަން ޕްލާންޓްތައް ހަލާކުކޮށްލުމަކީ އީރާނަށް ފަސޭހައިން ކުރެވިދާނެކަމެކެވެ. އެކަން ކޮށްފިނަމަ އެދެގައުމު އިނދަޖެހޭނެއެވެ.

އީރާނުގެ އަސްކަރީ ސިނާއަތަށް ލިބުނު ޔަގީންކަމެއް

އީރާނާ ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުގައިވާ ޢައިނުލްއަސަދު ވައިގެ ބޭހަށް ހަމަލާދެވުމަކީ އީރާނަށް ސްޓްރެޓިޖިކް ގޮތުން ލިބުނު ކާމިޔާބެއްގެ އިތުރުން އެއީ އީރާނުގެ މިސައިލް ޓެކްނޮލޮޖީއާއި އެގައުމުގެ އަސްކަރީ ސިނާއަތަށްވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ހަގީގީ ތަޖްރިބާއެއް ކޮށްލަން ލިބުނު ރަނުގެ ފުރްސަތެކެވެ. އީރާނުގެ މިސައިލް ޓެކްނޮލޮޖީއަކީ ކުރިން ހަމައެކަނި ދެކެވޭ އަދި އަޑުއިވޭ ވާހަކައަކަށް ވިޔަސް މިހަމަލާތަކުގެ ސަބަބުން އީރާނުގެ މިސައިލް ޓެކްނޮލޮޖީގެ ބާރާއި އޭގެ ގާބިލްކަން މިވަނީ ދުނިޔެއަށް ފެނިފަ އެވެ. މިއީ ސްޓްރެޓީޖިކް ކުރިއެރުމެކެވެ.

ހަމަލާދިން ގޮތާއި ވައްޓަފާޅިއަށް ބަލާއިރު އެމެރިކާއިން އީރާނުގެ ކޮމާންޑަރު އަވަހާރަކޮށްލުމަށް ހަމަލާދިނީ އިރާގަށްވެސް ނާންގައި އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަ ގޮތަށް ސްޓޭޓް ޓެރިޒަމްގެ އުސޫލުންނެވެ. ނަމަވެސް އީރާނުން އެމެރިކާގެ ކޯތާފަތް މަތީގައި ތަފާޖެހީ ބުނެ އަންގާފަ އެވެ. އިރާގަށްވެސް އަންގައި އިރާގުގެ ސިޔާދަތަށް އިހްތިރާމް ކޮށްގެންނެވެ.

comment ކޮމެންޓް