މަޑަވެލީގައި ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަލިފާން ރޯވި ސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ --- ފޮޓޯ : އެމްއެންޑީއެފް

ގދ. މަޑަވެލީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މަޑަވެލީ ކައުންސިލުގެ ރައީސް ހަމީޒް އަހުމަދު 'ސަން' އަށް މިއަދު ވިދާޅުވީ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެެވެ. އެ ހާާދިސާގައި ރޯވެފައިވަނީ ނާރެސް ނަމަކަށް ކިޔާ ގެއެއްގައެވެ.

ހާމިޒް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އެ ހާދިސާގައި ގޭގެ 80 ޕަސެންޓް ވަނީ އަނދާފައި ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުލިބޭ ކަމަށްވެސް އެމްއެންޑީއެފް އިން ފާހަގަކުރެއެވެ.

އަލިފާން ރޯވުމުން އާންމުންގެ އެހީތެރިކަން ފޯރުކޮށްދެނީ --- ފޮޓޯ : އަޒްހާޓް

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ގޭގެ ހަތަރު ކޮޓަރިއެއްގައި އަލިފާން ރޯވެފައިވާއިރު ބާކީ ދެ ކޮޓަރިއަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

މިހާރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާއިރު އަލިފާންގަނޑު ނިއްވާލުމުގައި ރަށުގެ އާންމުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ހަމީޒް ވިދާޅުވިއެވެ.

ހަމީޒް ވިދާޅުވިގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ އެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން މިވަގުތުވެސް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް