މެސީއާއި ސައްޓުގެ ގޯލާ އެކު ޓީސީއަށް މުހިއްމު މޮޅެއް

ޓީސީއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އިޝާން އިބްރާހިމް (ސައްޓު) އަދި އިސްމާއިލް އީސަ (މެސީ) ޖެހި ގޯލުތަކާ އެކު ގްރީންސްޓްރީޓްސް ބަލިކޮށް ޓީސީ ތިންވަނައަށް ޖެހިލައިފި އެވެ.

ލީގުގެ ދެވަނަ ބުރުގައި ޓީސީއަށް ބާކީ އެއް މެޗު އޮތް އިރު އެ ޓީމުން ރޭ ގްރީން އަތުން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ޓީސީން ތާވަލުގެ ތިންވަނައަށް އަރާފައި ވަނީ 15 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އީގަލްސްއިން 30 ޕޮއިންޓް ހަމަކޮށްފައިވާ އިރު އަންނަ އާދިއްތަ ދުވަހު އީގަލްސްއާއި ޓީސީ ދެވަނަ ބުރުގެ ފަހު މެޗުގައި ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެއް ދެވަނައަށް އަރާނެ އެވެ.

ޓީސީއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ// އެފްއޭއެމް

ރޭގެ މެޗަށް ޓީސީން ނުކުތީ ބޮޑެތި ބަދަލުތަކާ އެކު އެވެ. އައު އަހަރުގެ ޓްރާންސްފާ މާކެޓުގައި ޓީސީގެ މުހިއްމު ދެ ކުޅުންތެރިއަކު ޓީމު ދޫކޮށްލުމުން އެ ޓީމުން ބަދަލުގައި ގެނައި ތިން ކުޅުންތެރިން ކަމަށްވާ ޕާކިސްތާނުގެ ގޯލު ކީޕަރު ހަނީފް ސާގިބްއާއި އަލީ ޝާމިސް (ތޮއްޕޭ) އަދި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ވެސް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އިންޓެންސް ކުޅުމެއް ފެނިގެން ދިޔަ އިރު ގިނަ ހަމަލާތައް އުފެއްދީ ގްރީނުންނެވެ. އެގޮތުން ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން (ޔާން) އަށް ހުސް ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ރަނގަޅަށް ފަޔަށް ނާރަ އެވެ. އަދި އަލީ އަޝްފާގު ދަގަނޑޭއަށް ވެސް އެ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ވަރު ވަނީ ލިބިފަ އެވެ.

ގްރީނަށް މެޗުގެ ކުރީކޮޅު ލިބުނު ގިނަ ފުރުސަތުތައް ނިންމާ ނުލެވުމުގެ ނަތީޖާއަކަށް ވީ ދެވަނަ ހާފު ފެށިގެން ޓީސީން ގޯލެއް ޖަހައި ލީޑު ނެގުމެވެ. ޓީސީން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގައި އިސްމާއިލް އީސަ (މެސީ) ވައްދާލި ޕެނަލްޓީންނެވެ.

އެއަށް ފަހު ނަތީޖާ ހަމަހަމަކުރަން މެޗުގެ 67 ވަނަ މިނިޓްގައި ގްރީނުގެ ޔާން އަށް ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސާގިބް ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި އޭގެ ފަހުން ގްރީންގެ ކެޕްޓަން ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ސާގިބް އަތަށެވެ.

ޓީސީއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޓީސީއިން --- ފޮޓޯ// އެފްއޭއެމް

ގްރީނުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އިބްރާހިމް ރިޒުހާން (ރިޒްކޯ) އަށް ވަނީ ގާތްގާތުގައި ދެ ރީނދޫ ކާޑު ދައްކައި ރަތް ކާޑެއް ދައްކައިފަ އެވެ. ރިޒްކޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޓީސީގެ މަހުމޫދަށް ކުރި ފައުލަކަށެވެ. އަދި ދެ ވަނަ ރީނދޫއާ އެކު ރަތް ކާޑެއް ދެއްކީ ރެފްރީ މުހައްމަދު ޖާވިޒާ ދިމާލަށް ބުނި އެއްޗަކުންނެވެ.

އެއާއެކު ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ގްރީން ކޮޅަށް ޓީސީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އީސަ ހުސްކޮށްލާފައި ދިން ބޯޅަ ސައްޓު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

comment ކޮމެންޓް