ޖުމްހޫރީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭޕީން ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެނޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ޖޭޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 20:20ގެ ކުރިން ޕާޓީގެ މައި އޮފީހަށް، ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވެސް މިހާރު ވަނީ ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އަދި އަދާލަތު ޕާޓީން ވަނީ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ވަނީ ހާއްސަކޮށްފަ އެވެ.

comment ކޮމެންޓް