ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން، ބޮޑު ބުރައެއް!

ފުލުހުންގެ 31 ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ޕޮލިސް

ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 31 ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ވެސް ހަމަޖެހުމާއި ފާގަތިކަމާ އެކު ކުރިއަރައި ދިއުމަށް އެންމެ ބޭނުންވާ ބަހާއަކީ އިގްތިސޯދީ ދުޅަހެޔޮކަން ކަމަށެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ފުލުހަށް ހުށަހެޅިފައި ހުރި ކުށުގެ ރެކޯޑުތަކަށް ބަލާ އިރު، ގެވެށި އަނިޔާ، ވައްކަމާއި ފޭރުން، ޓްރެފިކް އެކްސިޑެންޓުތައް، ޗެކް ބައުންސް، ކައުންޓަފިޓް އެންޑް ފޯޖަރީ، މަސްތުވާތަކެއްކާއި، ޖިންސީ ގޯނާ އާއި އެހެނިހެން ކުށްތަކުގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަނގަޅު ދިރާސާއެއް ކޮށްފި ނަމަ، އެ ކުށްތަކުގެ އިގްތިސޯދީ ގެއްލުން އުޅޭނީ 100 މިލިއަނުން މަތީގައި ކަމަށެވެ. އަދި މިދިޔަ އަހަރު ބަންދުގައި މީހުން ބޭތިއްބުމަށާއި އެމީހުން ރިހެބިލިޓޭޓް ކުރުމަށް 400 މިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ 31 ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ޕޮލިސް

"މިއީ އަޅުގަނޑުމެން ކަހަލަ ކުޑަ، ވަސީލަތް މަދު ގައުމަކަށް ނެގޭނެ ބުރައެއް ނޫން. ފުލުހުންގެ ރޯލް މުހިންމުވަނީ މި ކަންތައް ހޯދުމުގެ އިތުރަށް މިކަންތައްތައް ހުއްޓުވޭނެ މެކޭނިޒަމް ވެސް ހޯދަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އިގްތިސޯދު ކުރިއަރަން ބޭނުންވާ އެންމެ މުހިންމު އެއް ބަހާއަކީ، އެތަނެއްގެ އަމާންކަމާއި، އެ ގައުމުގެ ރައްޔިތުންނާއި ބޭރުން ޒިޔާރަތްކުރާމީހުން އެ ގައުމުގައި ރައްކާތެރިކަން ވަޒަންކުރާ މިންވަރު ކަމަށެވެ.

އެހެންކަމުން އިގްތިސޯދު ކުރިއަރުވަން، އިފެކްޓިވް އަދި ޑިމޮކްރެޓިކް ފުލުހުންގެ ހިދުމަތަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި އޯގަނައިޒްޑް ކްރައިމް އާއި ކޮރަޕްޝަން އަކީ އިގްތިސޯދީ ކުރިއެރުމަށް ހުރަސްއަޅާ ކަންތައްތައް ކަމުގައި ދިރާސާއިން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ ގައުމުތަކަށް ބަލާލި ކަމުގައިވިޔަސް، ކޮރަޕްޝަނާއި އޯގަނައިޒްޑް ކްރައިމް ވަރަށް ބޮޑަށް ފެތުރިފައިވާ ނަމަ އެ ގައުމުތައް އިގްތިސާދީ ގޮތުން ކުރިއެރުން ވަރަށް ލަސް. އިފެކްޓިވް ފުލުހުންގެ ހިދުމަތެއް މުހިންމު ވަނީ މި ސަބަބުތަކާއި ހެދި. ކޮރަޕްޝަނާއި ކްރައިމް ހުއްޓުވޭނީ އިފެކްޓިވް ޕޮލިސިންގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަނގަޅު އިގްތިސޯދެއް ބިނާކުރެވޭނީ އިޖްތިމާއީ ހަމަހަމަކަމާއި، ޒިންމާދާރުކުރުވަނިވި އަދި ޑިމޮކްރެޓިކް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި ގާނޫނުގެ ވެރިކަމާއި ސިޔާސީ ހަމަޖެހުމާއި އަދި ރަނގަޅު ހިންގުމުގެ ނިޒާމެއް އޮވެގެން ކަމަށެވެ.

އަދި އެކަންކަން މުހިންމު ވަނީ ބޭރުގެ އިންވެސްޓްމެންޓް ގެންނަން ކަމަށާއި އެކަންކަން ނެތް ނަމަ، އެ ތަނަކަށް އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުން ނުލިބޭނެ ކަމަށެވެ.

"ރިސާޗް ދައްކާ ގޮތުން ރޫލް އޮފް ލޯ ވަރަށް ބޮޑަށް ގާއިމްވެފައި އޮންނަ ގައުމުތަކާއި ރޫލް އޮފް ލޯ ވަރަށް ދަށް ގައުމުތަކުގެ އިގްތިސޯދު ކުރިއަރާ މިންވަރުގައި އެވްރެޖްކޮށް ތިން ޕަސެންޓުގެ ތަފާތު ހުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ތަމްރީންވި 91 ފުލުހަކަށް ވަނީ ސެޓްފިކެޓްދީފަ އެވެ. އެ ފުލުހުންނަށް އަމާޒުކޮށް މިނިސްޓަރު ވިދާޅުވީ މުއައްސަސާގެ އަގު ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށާއި ތަމްރީން ޕްރޮގްރާމުން އެކަމުގެ އިލްމާއި ހުނަރު މިހާރު ހާސިލްކުރެވިފައިވާނެ ކަމަށެވެ.

"އެހެންކަމުން މާދަމާ ތީގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް އަމަލާއި ބަހުން އެކަން ދައްކަވަމުން ކުރިއަށް ވަޑައިގަންނަވަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ އަމާން ގައުމެއްގެ ގޮތުގައި ދިވެހި ދަރީންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް ދައްކުވާދެވޭނީ ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެހެންކަމުން ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމާއި އިތުބާރު ބޮޑުކުރަން ޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

comment ކޮމެންޓް