ވަގުތު ކުޑަތަންވެފައި، ބައެއް ސްކޫލްތަކަށް އަދިވެސް ޓީޗަރުން ހޯދަނީ

ނ. ކެނދިކުޅުދޫ ސްކޫލުގެ ޓީޗަރުންތަކެއް-- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ބައެއް ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާންކޮށްފި އެވެ.

ޓީޗަރުން ހޯދަން އިއުލާން ކުރިއިރު ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ އެވެ.

ޓީޗަރުން ހޯދަން އިއުލާންކުރި ސްކޫލްތަކުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޓީޗަރުންވެސް ހިމެނެ އެވެ.

އެގޮތުން ބައެއް ސްކޫލްތަކަށް ބައިލޮޖީ އަދި ފިޒިކްސް އަދި ސެން ޓީޗަރުން ފަދަ މާއްދާތަަކަށް ޓީޗަރުން ހޯދުމަށް ފާއިތުވި 24 ގަޑިއިރުވެސް ވަނީ ސަރުކާރުގެ ގެެޒެޓްގައި ޝާއިއުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކަށް އަލަށް ގުޅިވަޑައިގެންނެވި ބިދޭސީ ޓީޗަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދަމުންދާ ކަަމަށެވެ.

ސްކޫލްތަކުގައި ކިޔަވައިދޭން އެކަށީގެންވާ ޓީޗަރުން ހަމަވެފައިވޭތޯ ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަންގެ މިނިސްޓްރީގެ ބަހެއް ހޯދަން "ސަން" އިން ކުރި މަސައްކަތުން އެއްވެސް ވަރެއްގެ މައުލޫޫމާތެއް މިިހާތަނަށްވެސް ވަނީ ނުލިބިފަ އެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު "ސަން" އަށް މީގެ ކުރިން ވިދާޅުވީ ނިމިގެން ދިޔަ ދިރާސީ އަހަރު 1890 ބިދޭސީ ޓީޗަރުން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދިން ކަމަށެވެ. އަދި މިއަހަރު 315 ބިދޭސީ ޓީޗަރުން ހޯދަން ސްކޫލްތަކުން އެދިފައިވާކަމަށްވެސް މިނިސްޓްރީން ކުރިން ބުންޏެވެ.

ބިދޭސީ ޓީޗަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހި ޓީޗަރުން ހޯދަން ގިނަ އަދަދެއްގެ އަތޮޅުތަކުގެ ސްކޫލްތަކުން މިދިޔަ އަހަރު ފަހުކޮޅު އިއުާލާން ވެސް ކުރި އެވެ.

އެންމެ ގިނައިން ބިދޭސީ ޓީޗަރުން މަސައްކަތް ކުރަނީ ސާނަވީ ގްރޭޑްތަކުގަ އެވެ. ފިޒިކްސް ކެމިސްޓްރީ ބައިލޮޖީ ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކެއް އަބަދުވެސް ހުރެ އެވެ. ހާއްސަކޮށް އެފަދަ މާއްދާތައް އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވާދޭ ޓީޗަރުން މާލެ ބަދަލުވުން ފަދަ ހާލަތްތައް ކުރިމަތިވެ، ދިވެހި ޓީޗަރުން ހޯދުމުގައި ދަތިވާކަމަށް މިނިސްޓްރީން ކުރިން ބުންޏެވެ.

މިދިޔަ އޮގަސްޓް މަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުގައި ތަމްރީން ނެތް 634 ރިލީފް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި މިހާރު ކިޔަވައިދެމުންދާ ކަމަށެވެ. މިއަހަރުވެސް ބައެއް ސްކޫލްތަކަށް ރިލީފް ޓީޗަރުން ހޯދަން އިއުލާންކޮށްފައިވެ އެވެ.

comment ކޮމެންޓް