ޔޫތު މިނިސްޓްރީގެ "ރަން އަހަރު 2019" ކުލަގަދަ ރަސްމިއްޔާތަކާ އެކު ފާހަގަކޮށްފި

ދަރުބާރުގޭގައި ރޭ ބޭއްވި "ރަން އަހަރު 2019"ގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

ވޭތުވެ ދިޔަ އަހަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް މިނިސްޓްރީގެ "ރަން އަހަރު 2019" ކުލަގަދަ ރަސްމިއްޔާތަކާ އެކު ފާހަގަކޮށްފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި މިނިސްޓަރު އަހްމަދު މަހްލޫފް އަދި ރައީސް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންގެ އިތުރުން ރައްޔިތުން މަޖިލީގުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ޖަލްސާގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައި ވަނީ ޒުވާނުން އެކި އެކި ކަންކަމުން 2019 ވަނަ އަހަރު ހޯދި ކާމިޔާބީތަކާއި މިނިސްޓްރީން ކުރި މަސައްކަތްތަކުގެ މައްޗަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި "ރަން އަހަރު 2019" ގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

އެ ޖަލްސާގައި ރޭ ވަނީ ހާއްސަ ތިން އެވޯޑެއް ވެސް ތައާރަފް ކޮށްފަ އެވެ. އެއީ "ޒުވާނުންގެ އެވޯޑް" އާއި، ކުޅިވަރަށް ހާއްސަ "ސްޕޯޓްސް އެވޯޑް" އަދި "ސިވިލް ސޮސައިޓީ އެވޯޑް" އެވެ.

މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ވެސް ދެމުންގެންދާނެ މި އެވޯޑްތަކުގެ ތެރެއިން ޒުވާނުންގެ އެވޯޑް އަކީ ޒުވާނުންގެ އިލްމާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށާއި ޒުވާނުންނަށް ފަރުދީގޮތުންނާއި، ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި ހިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑް ރޭ ތައާރަފް ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

މީގެ އިތުރުން މިރޭ ތައާރަފް ކުރި ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާ ކުރުމަށް ހިތްވަރުދޭ އެވޯޑެކެވެ. އެ އެވޯޑް ތާރަފްކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި "ރަން އަހަރު 2019"ގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

ރޭ ތައާރަފު ކުރި ފަހު އެވޯޑް ކަމުގައިވާ ސިވިލް ސޮސައިޓީ އެވޯޑަކީ، ރަޖިސްޓްރީކޮށްގެން ހިންގާ މަަދަނީ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށްކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އެ އެވޯޑް ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، މީގެ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ކާމިޔާބީތަކެއް މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ކަމަށާއި ޒުވާނުންނާއި މުޖުތަމައު ބާރުވެރި ކުރުމުގެ ދާއިރާއިން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި މި ޖަލްސާގައި ވާހަކަޕުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ބަޔަކަށް ރައްޔިތުން ހެދުން ކަމަށާއި އެހެންކަމުން ސްކޫލުން ފެށިގެން އެފަދަ ކަންކަން ކުދިންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

comment ކޮމެންޓް