ސީއެމްޑީއަށް ލީސްކުރުމުގެ ލައިސެންސް ދީފި

އެމްއެމްއޭ

ސީއެމްޑީ ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމަށް ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީއެމްޑީއަށް ރާއްޖޭގައި ލީސިން ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ އަށެއްގެ ނިޔަލަށް ކަމަށެވެ.

ސީއެމްޑީއިން ލީސިން ވިޔަފާރި ފެށުމުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމާއި ވާދަވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

އެ ކުންފުންޏަކީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެއްކަމުގައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑް އިން 99 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޭއެމްޓީ އަކީ 80 ޕަސެންޓް ޖަޕާނުގެ ހިއްސާދާރު އޮންނަ ކުންފުންޏެކެވެ.

ފައިނޭންސް ލީސިން ވިޔަފާރި ކުރުމަށް ސީއެމްޑީއަށް ހުއްދަ ދީފައިވާއިރު ރާއްޖޭގައި ފުޅާ ދާއިރާއަކަށް އެ ވިޔަފާރި ކުރާ އެއް ކުންފުންޏަކީ މޯލްޑިވްސް ފައިނެންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

comment ކޮމެންޓް