ގެއްލިފައިވާ ދެމީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

ނަސްރުﷲ ހޯދުމަށް ސިފައިންގެ އުޅަނދު، ޝަހީދު އަލީ ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ދާދިފަހުން ކަނޑުމަތީގައި ގެއްލިފައިވާ ދެމީހުން ހޯދުމަށްޓަކައި މިހާރު ވަރަށް ބޮޑު ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގައި ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެއްގެ ކައްޕި ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދާ ކައްޕިއަކީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައިވެސް ވަނީ މީހަކު ގެއްލިފައެވެ. އެހާދިސާގައި ގެއްލިފައިވަނީ ނަސްރުﷲ އަބްދުﷲ، 41 / ބ. އޭދަފުށީ، މުޝްތަރީގެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރ މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ދެމީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެ މަސައްކަތް އަދިވެސް ހުއްޓާ ނުލާ ކަމަށެވެ.

އާޒިމް ވިދާޅުވީ ދެމީހުން ހޯދުމަށްޓަކައި އިތުރު ސަރަހައްދުތައްވެސް ކުރިއަށް އޮތްތަނުގައި ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެމީހުން ހޯދުމަށް ވައިގެ މަގުން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އެމީހުން ހޯދުމަށްޓަކައި ބަލާނެ ސަރަހައްދު ކަނޑައަޅަނީ އެދުވަހެއްގެ ވައި ހުރިގޮތަށް ބަލާފައި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ވައިގެ މަގުގެ އިތުރުން ކަނޑު މަގުންވެސް އެމީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ދޮންފަނު ކައިރީ ހިނގި އެކްސިޑެންޓުގައި ލޯންޗު ވަނީ ކަނޑުއަޑިއަށް ގޮސްފައެވެ. އަދި އެމްއެންޑީއެފް އިން މިއަދު ވަނީ އެ ލޯންޗު ހޯދާފައެވެ.

comment ކޮމެންޓް