މަޑުއްވަރިން ރޭ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ---

ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރ. މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ރޭ އެ ރަށުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މަޑުއްވަރިން ރޭ ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާ ކަމަށާއި އެހެން ނަމަވެސް ސަލާމަތީ ސަބަބުތަކަށް ޓަކައި އެއީ ކޮން ކޯޓެއްކަން ހާމަކުރެވެން ނެތް ކަމަށެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިން ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިންމީހުންގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު 10 ދުވަސް ޖަހާފައިވެ އެވެ.

މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެއީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެ ރަށުގެ ބައެއް ގެތަކާއި ދޯންޏެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ހެކިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ.

މަޑުއްވަރީ މީހުން ބުނާ ގޮތުން އެ ރަށުގައި ދީނީ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އުޅެ އެވެ. ފުލުހުން ބުނެފައި ވަނީ ކުދިންނަށް ވެކްސިން ނުދިނުމާއި، ޝަރުއީ ކޯޓުތަކުން ބޭރުން ކައިވެނީގެ ނަމުގައި ގުޅުންތައް ހިންގުން ފަދަ ކަންކަން ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް