އިންޑިއާ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް 24 ގަޑިއިރުގެ ހަޅުތާލެއް

ކަލްކަތާގައި ބޭއްވި ހަޅުތާލުގެ ތެރެއިން އިންޑިއާގެ ކޮމިއުނިސްޓު ޕާޓީއަށް ތާއިދު ކުރާ މީހުން ރޭލު ދަތުރަށް ހުރަސް އަޅަނީ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޖެނުއަރީ 8): އިންޑިއާ ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތަކާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި މިއަދު 24 ގަޑިއިރުގެ ހަޅުތާލެއް ފަށައިފި އެވެ.

އިންޑިއާގެ ސެންޓާ އޮފް އިންޑިއަން ޓްރޭޑް ޔޫނިއަންސް (ސީއައިޓީޔޫ) އާއި އިތުރު ނުވަ ވިޔާފަރި ޔޫނިއަންތަކުން އެ ހަޅުތާލު ކުރަން ގޮވާލީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވަނީ "މަސައްކަތްތެރިންނާއި ރައްޔިތުންނާ ދެކޮޅު ސިޔާސަތުތައް" ކަމަށް ބުނެ އެވެ. އަދި މިނިމަމް ވޭޖް ބޮޑު ކުރުމަށާއި އެމީހަކު ކުރާ މަސައްކަތަށް އެކަށޭނަ އުޖޫރައެއް ދިނުމަށް ގޮވާލުމަށެވެ.

މިއަދު ހެނދުނު 6:00ގައި ފެށި އެ ހަޅުތާލުގައި އެތައް މިލިއަން މީހުން ބައިވެރިވަމުންދާ ކަމަށް އެ ޓްރޭޑް ޔޫނިއަންތަކުން ބުންޏެވެ. އެ ހަޅުތާލުތައް ބާއްވަމުންދާ ސްޓޭޓުތަކުގެ ތެރޭގައި ވެސްޓް ބެންގާލް، ބިހާރު، އޮޑީޝާ، މަހާރަޝްތުރާ، ހަރިޔާނާ، ކެރަލާ އަދި ކަރުނާޓަކާ ހިމެނެ އެވެ.

އިންޑިއާގެ އިގުތިސާދީ ކުރިއެރުން މަޑުޖެހުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން ވަނީ ދައުލަތުގެ ބައެއް ބޮޑެތި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށާއި ދައުލަތުގެ 10 ބޭންކެއް މާޖާ އެއްބަސްވުންތަކުގެ ދަށުން ހަތަރު ބޭންކަކަށް ހަދަން ނިންމާފަ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލޭނެ ކަމުގެ ކަންބޮޑުވުން ޔޫނިއަންތަކުން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިއާގައި އެ ހަޅުތާލު ކުރަނީ މިދިޔަ މަހުގެ 11ގައި ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުންދަނިކޮށެވެ. އެމުޒާހަރާތަކުގައި 25 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ ހަޅުތާލުގައި ބައިވެރިވާ މީހުންގެ މުސާރައިން ކަނޑާ، ސުލޫކީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އިންޑިއާގެ އިގުތިސާދުގެ ކުރިއެރުން، ފާއިތުވި 11 އަހަރު ތެރޭ ދަށްނުވާ މިންވަރަކަށް މި އަހަރު ދަށްވާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާގެ އިކޮނޮމިސްޓުން ވިދާޅުވާ ގޮތުގައި އެ ގައުމުގެ އިގުތިސާދީ ކުރިއެރުން ދަށްވަނީ އުފެންދުންތެރިކަން ކުޑަވުމާއި މުޅި ދުނިޔޭގެ ވެސް އިގުތިސާދީ ކުރިއެރުން މަޑުޖެހެމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އުފެއްދުންތެރިކަމުގެ ސިނާއަތަށް ލޮޅުން އެރީ 2016 ވަނަ އަހަރު ގައުމުގެ ސަރުކާރުން ކުއްލި ގޮތަކަށް ފައިސާގެ ދެ ނޫޓެއް އުވާލުމާއި ޖެހިގެން އައި އަހަރު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފެށުމުންނެވެ.

އިންޑިއާއިން މީގެ ތިން އަހަރު ކުރިން 500 ރުޕީސްގެ ނޫޓާއި 1،000 ރުޕީސްގެ ނޫޓު އުވާލީ ކަޅު ބާޒާރުގައި ފައިސާ ދައުރުކުރުން ހުއްޓުވުމަށްޓަކަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް