ރައީސްގެ ތައުޒިޔާ އިންޑޮނޭޝިއާ އަށް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އިންޑޮނޭޝިއާގެ ޖަކާޓާގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހި އާންމުންގެ މުދަލަށާއި ގެދޮރަށް ގެއްލުންވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އަދި އިންޑޮނީޝިޔާގެ ސަރުކާރަށާއި އާންމު ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މިދިޔަ ހަފުތާގެ އަންގާރަދުވަހުން ފެށިގެން އިންޑޮނޭޝިއާ އަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ހިނގި ހާދިސާތަކާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު މަރުވެފައިވެއެވެ.

މި ހާދިސާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ހާލުގައިޖެހިފައި ވެއެވެ.

comment ކޮމެންޓް