ހަރުކަށި ފިކުރުގެ ތިން މީހަކު މަޑުއްވަރީ އިން ހައްޔަރުކޮށްފި

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ހަރުކަށިފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީ އިން އިއްޔެ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިންވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިންމީހުންގެ ބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު 10 ދުވަސް ޖަހާފައިވެއެވެ.

މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންކުރިއަށްްގެންދާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެއީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި މިހާތަނަށް ހަ މީހުން ހައްޔަރު ކުރިއިރު ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅިހުރި ހެކިތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.

މަޑުއްވަރީ މީހުން ބުނާގޮތުން އެރަށުގައި ދީނީ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އުޅެ އެވެ. ފުލުހުން ބުނެފައިވަނީ ކުދިންނަށް ވެކްސިން ނުދިނުމާއި، ޝަރުއީ ކޯޓުތަކުން ބޭރުން ކައިވެނީގެ ނަމުގައި ގުޅުންތައް ހިންގުން ފަދަ ކަންކަން ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް