ޔާމީންގެ މަރުގެ މައްސަލައިގައި ދިފާއީ ބައެއް ހެކީންގެ ހެކިބަސް ނުނަގަން ނިންމައިފި

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ އިސްމާއިލް ހައިޝަމް ރަޝީދު މީގެ ކުރިން ކޯޓަށް ހާޒިރު ކުރަނީ: އޭނާގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކީން ވަނީ ދޫކޮށްލައިފައި -- ސަން ފޮޓޯ.

ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުން ހުށަހަޅާފައިވާ ބައެއް ދިފާއީ ހެކީންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހައިޝަމްގެ ފަރާތުން ބުނެފައި ވަނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ. އަދި ޒިހާންގެ ފަރާތުން ބުނީ، އޭނާގެ ދިފާއުގައި ހުށަހަޅާފައިވާ އެއް ހެކިވެރިއެއްގެ ބަސް ފިޔަވައި އެހެން އެންމެންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

ހެކިވެރިން ދޫކޮށްލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުން ސާބިތު ނުވާނެކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހައިޝަމް އާއި ޒިހާންގެ ވަކީލުން އިއްޔެގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

(ކ-ވ) އިސްމާއިލް ރަޝީދު، އިސްމާއިލް ހައިޝަމް ރަޝީދު، އަހުމަދު ޒިހާން އިސްމާއިލް --

އިސްމާއިލް ރަޝީދުގެ ފަރާތުން ދިފާއީ 11 ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އޭގެތެރެއިން ހަތް މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މީގެ ކުރީގެ އަޑުއެހުމެއްގައި ވަނީ ވިދާޅުވެފައެވެ. އޭނާވެސް ފާހަގަކުރެއްވި ސަބަބަކީ ގަސްދު މަރެއް ސާބިތު ކުރެވޭ ވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނެތުމެވެ.

އޭނާގެ ފަރާތުން ހުށަހެޅި ހެކީންގެ ތެރެއިން ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒު ހާޒިރު ކުރުމުގެ އަމުރަކަށް މީގެ ކުރިން މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ. ޒާހިދުގެ ފޯނު ނަމްބަރާއި މިހާރު އުޅޭ އެޑްރެސް ސާފު ކުރުމަށް ފަހު އޭނާ ހާޒިރުވުމުގެ އަމުރެއް ނެރޭނެ ކަމަށް އިއްޔެ މައްސަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވި އެވެ.

comment ކޮމެންޓް