އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ހަމަލާތަކެއް ދީފި

އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ދެ އަސްކަރީ މަރުކަޒަކަށް އީރާނުން ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

ބެލެސްޓިކް މިސައިލު ބޭނުންކޮށްގެން ދިން މި ހަމަލާތަކަކީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އީރާނުގެ ސެޓަލައިޓް ޓީވީ އާއި ހަވާލާދީ ބީބީސީ އިން ބުނީ އީރާނުން އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ޕެންޓަގަން އިން ބުނީ އީރާނުން ހަމަލާ ދީފައިވަނީ އިރާގުގެ އިރްބިލް އަދި އަލް އަސަދުގައި އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ދެ ބޭސް އަކަށް ކަމަށެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ޒަހަމްވިކަމެއް އަދި އެއްވެސް މީހަކު މަރުވިކަމެއް އަދި ސާފެއް ނުވެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ތަރުޖަމާނު ސްޓެފަނީ ގްރީޝަމް ވިދާޅުވީ އިރާގުގައި ހުންނަ އެމެރިކާ ސިފައިންގެ ދެ ބޭސް އަކަށް އީރާނުން ހަމަލާދީފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ނޭޝަނަލް ސެކިޔުރިޓީ ޓީމާއެކު އެކަމާ ގުޅޭގޮތުން ޓްރަމްޕް ދަނީ މަޝްވަރާ ކުރައްވަމުން ކަމަށްވެސް ސްޓެފަނީ ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ އެމެރިކާ ސިފައިންގެ ބޭސް އަށް ދިން ހަމަލާތަކަކީ ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ ތަކެއް ކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު ޒަވާދު ޒާރިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީރާނުން ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަމިއްލަ ދިފާއުގައި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާއެއް ދިނީ ކަމަށެވެ.

އެއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ.

އީރާނުން އެމެރިކާއަށް ނުވަތަ އެގައުމުގެ ރައްޔިތުންނަށް ހަމަލާ ދީފި ނަމަ އެމެރިކާއިން އީރާނުގެ 52 އަމާޒަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

އެ 52 އަމާޒު ރަމްޒުކޮށްދެނީ، 1979ގައި އީރާނުގެ ބަޔަކު އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ރަހީނު ކުރި 52 މީހުން ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ސުލައިމާނީ އަވަހާރަކޮށްލި ވައިގެ ހަމަލާ ދޭން އަމުރު ކުރެއްވީ އެމެރިކާގެ ރައީސް ޓްރަމްޕް ކަން ޕެންޓަގަން އާއި ވައިޓް ހައުސްއިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް