ސަލާހު ފަހަތަށް ޖައްސާލުމަށްފަހު އެފްރިކާގެ މޮޅު ކުޅުންތެރިޔާކަން މާނޭއަށް

ލިވަޕޫލްގެ ތަރި ސާޑިއޯ މާނޭ އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ އެކު --- ފޮޓޯ// އޭޕީ

ވޭތުވެ ދިޔަ ދެ އަހަރުވެސް އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިސްރުގެ މުހައްމަދު ސަލާހު ފަހަތަށް ޖައްސާލުމަށްފަހު އޭނާއާ އެކު ލިވަޕޫލުގައި ކުރިއަށް ކުޅޭ ސާޑިއޯ މާނޭ މިފަހަރުގެ އެއްވަނަ ހޯދައިފި އެވެ.

މިދިޔަ ސީޒަނާއި މިދިޔަ އަހަރުގެ ފަހު ކޮޅު ދެއްކި މޮޅު ކުޅުމާ އެކު މާނޭއަށް އެވޯޑް ހައްގު ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އިރު އޭނާ ވަނީ ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ މަގާމަށް ވާދަކޮށް ގަދަ ތިނެއްގައި ހިމެނިފަ އެވެ. އެގޮތުން މިދިޔަ ދެ އަހަރު ވަނީ ދެވަނަ ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރު ތިންވަނަ ހޯދި އެވެ.

ވޭތުވެ ދިޔަ އަހަރަކީ މާނޭގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރެވެ. ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ލިވަޕޫލުން އުފުލާލި އިރު މުހިއްމު ދައުރެއް އަދާ ކުރި މާނޭ ވަނީ އެ ޓީމާ އެކު ކުލަބު ވޯލްޑް ކަޕު ހޯދުމުގެ އިތުރުން ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މާނޭއާ އެކު މިފަހަރު އެ މަގާމަށް ދެން ވާދަކުރީ ލިވަޕޫލްގެ ޓީމް މޭޓް މުހައްމަދު ސަލާހުއާއި އިނގިރޭސި ޓްރެބަލްއާއި އަލް ޖީރިއާއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރި ރިޔާދު މަހްރޭޒް އެވެ.

މާނޭ އަކީ 2002 ވަނަ އަހަރުގެ ފަހުން އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ދެހާސްދެވަނަ އަހަރު އެ މަގާމު ހޯދީ އެލް ހާޖީ ޑިއޯފް އެވެ.

ލިވަޕޫލުން މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތަކުގެ އިތުރުން 2020 ވަނަ އަހަރަކީ މާނޭގެ އަމިއްލަ ކަރިއަރު ރެކޯޑްތަކަކާއި މުހިއްމު ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ލީގުގައި މާނޭ ކުޅުނު 36 މެޗުގައި އޭނާ ވަނީ 24 ގޯލު ޖަހައިފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ސަލާހުއަށް ޖެހިފައި ވަނީ 18 ގޯލެވެ.

comment ކޮމެންޓް