27 ނޮވެމްބަރ 2011 އާ ގުޅޭ

ރޭގަނޑުގެ ހަމަހިމޭންކަމުގެތެރޭ ފިނިކޮއްފައިހުރި ބޮޑުކޮޓަރީގައި މަޑުތަންމައްޗެއްގައި ޒައުލް ނިދާފައިއޮތެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތް ކުޑަކުއްޖަކު ފަދައިންނެވެ. ނަމަވެސް އަރާމުނިދީގެ ތެރެއިން އޭނަ ހޭލައްވާލީ އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީއޮތް އޭނަގެ މޯބައިލް ފޯނުގެ ރިންގުންނެވެ. ނިދިބަރުކަމާއިއެކު ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ދެން ބަލާލެވުނީ ހަމައެމޭޒުމަތީގައި ހުރި ގަޑިއަށެވެ. ދަންވަރު ދެގަނޑިބައި ތިނެއްޖަހަނީއެވެ. އެނދުގައި ތެދުވެ އިށީނދެލަމުން އަތުން ދެލޯފޮހެލާފަދަ ގޮތަކަށް އަތްހާކާލިއެވެ. އަދި ދެލޯ ތަންކޮޅެއް ބޮޑަށް ހުޅުވާލާފައި ކަރުކެހިލަމުން ފޯނަށް ޖަވާބުދިނެވެ.

"ޒައުލް ނިދާފަ ދޯ އޮތީ... ސޮރީ ހޭލައްވާލެވުނީތީ..." ޔޫހާ ފޯނުން ބުނެލި އަޑުއިވުނެވެ.
"އާން، މިގަޑީގަ އެންމެންވެސް ތިބޭނީ ނިދާފައެއްނު... ކިހިނެތްވީ ޔޫހާ މިގަޑީގަ ތިގުޅީ" ޒައުލް އަހާލިއެވެ.
"އަހަރެން މިއުޅެނީ ނުނިދިގެން، ހަމަދެރަވަނީ ޒައުލް އާއި ދުރަށް ދާންޖެހޭތީ، އެނގޭ ކުޑަދުވަސްކޮޅަކަށްކަން، އެކަމަކު ޒައުލް މާލޭގަ ހުރި ދުވަސްކޮޅެއްގަ ދުރަށްދާން ޖެހޭތީ ދެރަވަނީ..." ޔޫހާގެ ވާހަކަ ޒައުލް މެދުކަނޑާލިއެވެ.
"އެހެންވީރު ރަށަށް ނުގޮސް މަޑުކުރަންވީނު" ޒައުލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
"ޒައުލް، އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ ތިހިރީ، އަހަރެން ވާހަކައެއް ބުނަންތަ؟" ޔޫހާ ވާހަކަދެއްކިއެވެ. ޒައުލް އާފުރިލަމުން ބުރަކައްޓާއި އެނދާއި ދޭތެރޭ ބާލީހެއް ހަމަޖައްސާލަމުން ލެނގިލިއެވެ.
"ހޫމް، ބުނެބަލަ..." ޒައުލް ބުނެލިއެވެ.
"ޒައުލްވެސް ޗުއްޓީއަށެއްނު ތިހިރީ މާލެ އައިސް، ހިނގާ އަހަންނާއިއެކު އަހަރެންގެ ރަށަށް ދާން، އަހަރެންގެ ގޭގަ ހުންނާނެ ޒައުލް ހުންނާނެ ކޮޓަރިއެއްވެސް... އަހަރެން ޒައުލްއަށް ހުރިހާ ކަމެއްވެސް ކޮއްދޭނަން، ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ، އޭރުން އަހަރެންގެ މަންމަ އާއިވެސް ޒައުލް ބައްދަލުވާނެ..." ޔޫހާ އޭނަގެ ހިޔާލު ފާޅުކުރަމުންދިޔައެވެ.
"ޔޫހާ...ޔޫހާ.... އަދި ތިހިސާބަށް ދާން މާއަވަސް، އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރަން ބޭނުން ނުވަނީކީ ނޫން، އެކަމަކު އަދި ތިހާ ބޮޑު ފިޔަވަޅެއް އަޅަން އަހަރެން ތައްޔާރެއް ނޫން، މިގަޑީގަ ތިކަމާ ނުވިސްނާ ހިނގާ ނިދަމާ... މާދަން ހަމަޖެހިލައިގެން ތިބެ ތިވާހަކަ ދައްކާނީ... ޔޫހާ މާދަން އޮފީހަށްވެސް ދާންޖެހޭނެއެއްނު، އެހެންވީމަ އަވަހަށް ނިދާ، އެހެންނޫނީ ހެނދުނު ނުހޭލެވިދާނެ" ޒައުލް ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ.
"ފޯނު ބާއްވަންވީތަ" ޔޫހާ ބޭނުން ނުވާފަދަ ގޮތަކަށް އަހާލިއެވެ. އެހެންނަމަވެސް ޒައުލްގެ ބުނުމަށް އޭނަ ފޯނު ކަނޑާލިއެވެ. ޒައުލް ފޯނަށް ބަލާލަމުން ފުންނޭވާއެއް ބޭރުކޮއްލިއެވެ. އޭނަގެ ނިދިފިލާ ގޮއްސިއެވެ. އެނދުގައި ހަށިގަނޑު ދަމާލަމުން ޔޫހާ ދެއްކިވާހަކަ އާއިމެދު އޭނައަށް ވިސްނާލެވުނެވެ. ޔޫހާ އޭނަ އާއި ހެދި ޝައުގުވެރިވެފައިވާވަރު ޒައުލްއަށް އެނގެއެވެ. ބައެއްފަހަރު އެއަންހެން ކުއްޖާ އާއިމެދު ހަމްދަރުދީއުފެދި އެދެމެދުގައިވާ ގުޅުން ކަނޑާލުމަށް އޭނަ ހިތަށްއަރައެވެ. ނަމަވެސް އެކަންކުރެވޭތަނެއް ދުވަހަކުވެސް ނައެވެ. ހަގީގަތަށް ބުނަންޏާ ޔޫހާ ފެނިލުމުން އޭނައަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިއްބައިދެއެވެ. ޔޫހާ އޭނައަށްޓަކައި އިންތިޒާރު ކުރާކަމީ އަޖައިބެއްފަދަ ކަމެކެވެ. ޔޫހާއަކީ ރީތި ކުއްޖަކަށްވީހިނދު، އެފަދަ އަންހެނުން ބޭވަފާތެރިވާލެއް އަވަސްވާނެކަމަށް ޒައުލް އަބަދުވެސް ދެކެވެ. ޔޫހާ އޭނައާއި އިތުރު ސުވާލެއް ނުކުރާކަމީވެސް އެކަމުގެ ހެއްކެއްކަމުގައި ނޫނީ ނުވާނެކަން ޒައުލް ހީކުރިއެވެ. އޭނަ ކިޔަވަން ބޭރުގައި ހުންނައިރު ޔޫހާ ކޮންމެ ގޮތަކަށް އުޅުނަސް އޭނައަކަށް ނޭގޭނެވިއްޔާއެވެ. ވިސްނި ވަރަކަށް ޒައުލްއަށް ޔޫހާގެ ރީތިކަމަކީ ވިހަގަދަ ނާގަހަރުފައެއްގެ ވިހަޔަށްވުރެސް ނުބައި ވަރުގަދަ ވިހައެކެވެ. އަބުރުވެރިކަމަށް ހެދިގެން އުޅުމަކީވެސް ބައެއް އަންހެނުންގެ ހުނަރެއްކަމުގައި ޒައުލް ދެކުނެވެ. ޔޫހާ އާއިމެދު ވީ ހަމްދަރުދީ ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ގޮއްސިއެވެ.

ގޭތެރޭގެ ރީތި އާދަތަކާއި މާމަ ލާއިގާގެ އުސޫލުތަކަށް ބޯލެނބުމުގެ ގޮތުން ޒައުލް ހެނދުހެނދުނާ ތެދުވިއެވެ. އެހެންނަމަވެސް ހެނދުނުގެ ނާސްތާއަށްފަހު އެނބުރި ކޮޓަރިއަށްވަތް ޒައުލްގެ ދެލޮލުގެ އެތެރެ ފެންނަވަރުވީ މެންދުރުވީފަހުންނެވެ. އެވެސް ކޮއްކޮ އީލާކް އައިސް ކޮޓަރި ދޮރުގައި ތަޅާވަރުންނެވެ. މެންދުރުގެ ކެއުމުން އަވަދިވުމާއިއެކު ޒައުލް ލާއިގާގެ ހުއްދަ އާއިއެކު ކާރުގައި ނުކުތީ އޭނަގެ ރަޙުމަތްތެރިންގެ ގާތަށް ދިއުމަށެވެ. އެމީހުން މިހާރު ތިބޭނީ ޒައުލްގެ އިންތިޒާރުގައިކަން އެނގޭތީވެސްމެއެވެ.

"ހާދަ ލަސްވީ، ރޭގަ ނުނިދަންތަ، އެގެއަށްވަނީތަ؟" ލާނެތް ގޮތަކަށް ޖިނާ އަހާލިއެވެ.
"މަމީ ތިކަހަލަ ވިޔާނުދާ ކަންތައްތައް ކުރާ މީހެއްނޫން..." ޒައުލް އަމިއްލަ ނަފްސުގެ މައްޗަށް ފަޙުރުވެރިވަމުން ބުނެލިއެވެ.
"ބަލަ ދަތް ހުއްޓައޭ ކާށިކެވޭނީ ބުނޭ، އަނެއްކޮޅުން އަތުގަ ކޭތެންޏާ ދަތުގަވެސް ކޭތޭނެއެއްނު، އެއީ މައްސަލައެއްނޫނޭ.... މީނަމީ ކަމެއްވެސް ވާ މީހެއްނޫން..." ޖިނާ އަނެއްކާވެސް ދިމާކޮއްލިއެވެ.
"އޭނަގެ އެއްބައި ހިއްސު ރަނގަޅަށް މަސައްކަތް ނުކުރަނީކަންނޭގެ..." ޖިނާ އާއި ޖެހިގެން އިން ޒައުލްގެ އެހެން ރަޙުމަތްތެރިއަކު ބުނެލިއަޑު އިވުނެވެ. އެއާއިއެކު ޗޮކެއްކަނޑާލަމުން އޭނަގެ ކަރުގައި ޒައުލް އެލިގަތެވެ.
"އޭ، ތިއެއްނޫނޭ، ތިކަމަށްވުރެ ބޮޑުކަމެއް ކުރިމަތިވެގެންނޭ މިއުޅެނީ" ޒައުލްގެ ރޭގެ ނިދި ނަގާލި ވާހަކަކިޔާދޭން ފެށިއެވެ.
"ހުވާތަ... އެމަންޖެއަށް ހާދަވަރެއްވެއްޖެޔޭ ދޯ..." ޒައުލް ޔޫހާ ފާޅުކުރި ހިޔާލު އެކުވެރިންނާއި ހިއްޞާކޮއްލުމުން އެތަނުން އެކަކު ބުނެލިއެވެ.
"މަށަށް ބުނާނެ އެއްޗެއްވެސް ނޭގުނު، އަވަހަށް ފޯނު ބޭއްވީ.... އޭނަ އޮފީސް ނިންމާފަ މަށަށް ގުޅާނެކަން ޔަގީން، ހިތަށް އެބައަރާ މިކަންތައް ނިންމާލަންވީއޭ..." ޒައުލް ސީރިއަސްވެލިއެވެ.
"ނޫން، އޭރުން އަހަރުމެންނާ ހެދި ޑީލް ބްރޭކްވީއެއްނު، އަހަރުމެންނާ ޔޫހާ އާއި ބައްދަލުކޮއްދީފަ ތިކަން ނިންމާލަންވާނީ" ޖިނާ އެދުނެވެ.

ރަޙުމަތްތެރިންގެ އޮލަވާހަކައިގައި އިން ޒައުލްއަށް އޭނަގެ މާމަ ގުޅިއެވެ. އަވަސް އަވަހަށް ކައިރީގައި އިން ރަޙުމަތްތެރިއެއްގެ ނަން ބުނެލާފައި އެގޭގައި އިންކަމުގައި ބުނެ ދޮގެއްހަދާލިއެވެ. ހަވީރުގެ ސައި ބޮއެގެން ނޫނީ އެނގެއިން ދިއުމުގެ ހުއްދަނުދެއްވިކަމުގައި ބުނެ ފޯނުބޭއްވިއެވެ. އެއާއިއެކު ހުނުމުގެ އަޑުފަޅައިގެން ދިޔައެވެ.

ޔޫހާ ގެ ފޯންކޯލް އައުމާއިއެކު ޒައުލްއަށް އިންތަނުން ތެދުވެވުނެވެ. ހަރަކާތް އަވަސް ކޮއްލާފައި ޔޫހާ އޮފީހުން ނިމުނީކަމުގައި ބުނެ ރަޙުމަތްތެރިންނާއި ވަކިވިއެވެ. ފޮރިން މިނިސްޓްރީގެ ގޭޓު ކައިރީ މަޑުކޮއްލައިގެން ހުރި ޔޫހާ ދުރުންވެސް ޒައުލްއަށް ފާހަގަވިއެވެ. ޔޫހާ އާއި ގާތްވުމާއިއެކު ފިރިހެންވަންތަކަމުން ފުރިގެންވި ހިނިތުންވުމެއް އޭނައަށް ދެމުން އަތް ދިއްކޮއްލީ ހިނގާށޭ ދާން ބުނަމުންނެވެ. ޔޫހާ ހިނިއައިސްފައި އަވަސް އަވަހަށް ޒައުލްގެ އަތްތިލާގެ ތެރެއަށް އޭނަގެ އަތްލައްވާލިއެވެ.

"އަހަރެން ބުނި ކަންތަކާ ވިސްނާލިންތަ؟" ޔޫހާ ހުރީ ކެތްމަދުވެފަ ހުރިހެންނެވެ.
"ހޫމް...ވިސްނިން، އެކަމަކު، އަދި އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރާކަށް ތައްޔާރެއްނޫން، އަހަންނަކަށް ޔޫހާ އާއި މިހާރު ކައިވެނި ކުރެވޭކަށްވެސް ނެތް... އެހިސާބަށް ދިއުމުން ނޫނީ އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލުކުރާކަށް ބޭނުމެއްނޫން، އަހަންނަކީ ޔޫހާއަށް ގާބިލް މީހަކަށްވާން ބޭނުން، އަދި ވަގުތު ބޭނުން އަހަރެން... ޔޫހާ އަންޑަސްޓޭންޑު ވާނެކަމަށް ހީކުރަން..." ޒައުލް ޔޫހާ އާއިއެކު ހިނގަމުން ވާހަކަދެއްކިއެވެ.
"އަހަރެން އަންޑަސްޓޭންޑްވޭ، އަހަރެންވެސް ޒައުލް ކައިރީ ނޭދެން ކައިވެނި ކުރާކަށް، އެކަމަކު ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަންވެސް ބޭނުން، ޒައުލް ބޭނުން ނުވާކަމެއް އަހަރެން ކުރުވާކަށްނެތިން..." ޔޫހާ އިސް ޖަހާލިއެވެ.
"ޔޫހާ ނުގޮސް ފަރުޖެހޭނެ ގޮތެއް ހަމަ ނޯންނާނެތަ؟ ކިހިނެތްވާނީ އަހަރެން ފުރީމަ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއް ނަގައިގެން ރަށަށް މަންމަމެންގެ ގާތަށް ދިއުން... އޮފީހުން ދެހަފްތާވަރަކަށް ދުވަހުގެ ޗުއްޓީއެއް ނުދޭނެތަ..." ޒައުލް އޭނަގެ ހިޔާލު ފާޅުކުރިއެވެ.
"އަހަރެން ތިކަމާ ވިސްނާނަން، ކުޑަ ޗާންސްއެއް އޮތްނަމަވެސް އަހަރެން ޒައުލްއާއި ދުރަކަށް ނުދާނަން، އޯކޭ...އުފާވެއްޖެތަ؟" ޔޫހާ ހިނިތުންވެލަމުން ޒައުލްއަށް ބާލިއެވެ. ޒައުލް ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ޔޫހާގެ އުދާސްކަން ވެރިވެފައިވާ މޫނު ފޮރުވާލުން އެހާ ފަސޭހަކަމަކަށް ނުވިއެވެ. ޒައުލްއަށް އެމޫނުމަތީގައިވާ އެއްޗެއް ފަސޭހަކަމާއިއެކު ދެނެގަންނަން އެނގުނެވެ.

އާއަހަރު ފެށުމަށް ދެގަޑިއިރަށްވެފައިވެއެވެ. އެހެން އަހަރުތަކާއި ހިލާފަށް އާއަހަރު ދިމާވީ ފުރިހަމަ ހަނދަކަށްވުރެ ބޮޑުކޮށް ހަނދު އިންރެއަކާއެވެ. ސަފާރީގެ ޑެކުގައި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ތިބިއިރު ކޮންމެ މީހެއްގެ އަތުގެތެރޭ އަންހެން ކުއްޖަކުވިއެވެ. ޒައުލްގެ މޫނުމަތިން ފެންނަނީ އޭނައަށް ލިބުނު ކާމިޔާބީގެ އުފާވެރި ކުލަވަރެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނިވައިރޯޅީގައި ވަށައިގެންވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭ ރަތްކުލައަކަށްދާ ބޮޑު ހަނދުފެންނަނީ ކިތަންމެހާވެސް ހުވަފެނީކޮށެވެ. ލޯބިވެރިންނަށްޓަކައި ފަޒާޔަށް މަސްތަކުކަމެއް ވެރިކުރުވާފައިވާ ކަހަލައެވެ. ކޮންމެ މީހަކުވެސް ދިޔައީ ގަޑިއަށް ބަލަމުންނެވެ. ބާރަޖަހަން ފަސްވަރަކަށް މިނެޓަށް ވުމާއިއެކު ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ލައިގެން ތިބި ޓީޝާރޓުތައް ބާލާލުމަށްފަހު މޫދަށް ފުންމާލުމަށް ތައްޔާރުވިއެވެ. ސަފަރީތެރޭގައި ހުނުމުގެ އަޑާއި ސަކަރާތުގެ އަޑުތައް ގުގުމައިގެންދިޔައެވެ. ފަތާލާފައި ދެވޭހާ ހިސާބުގައި ފިނޮޅެއް ފެންނަންއޮތެވެ. ސަފާރީ އަޅާފައިއޮތީ ފަޅެއްގައެވެ. އޭގެ ވަށައިގެން ދިއްލާލާފައިހުރި ލައިޓުތަކުގެ އަލި ފަޅުގެ ލޮނުގަނޑަށް އެޅިފައިހުރިއިރު ނުހަނު ހިތްގައިމެވެ.

"ހުރިހާ އެންމެންވެސް ޖެހޭނެ މޫދަށް ފުންމާލަން..." ޖިނާ ބުނެލިއެވެ.
"ޒައުލް، އަހަންނަށް ވަރަށް އަވަހަށް ފިނިވާނެ، އަނެއްކާ ފަތާކަށްވެސް ނޭގޭ... ވަރަށް ބިރުގަނޭ މޫދަށް އެރެން" ޔޫހާ ކަންބޮޑުވިއެވެ.
"އަހަރެން މިހިރީނު، އަހަންނަށް ފަތަން އެނގޭ، އަހަރެން ޔޫހާ ގެނބުނަކަ ނުދޭނަމޭ..." ޒައުލް ބުނެލިއެވެ.
"ނޫން...މޫދަށް އެރޭކަށް ނުކެރޭނެ.... ޕްލީޒް..." ޔޫހާ އިންކާރުކުރިވަރުން ޒައުލް އެއްބަސްވިއެވެ. އެހެންނަމަވެސް ގަޑިޖެހުމާއިއެކު ހުރިހާ އެންމެން ހަޅޭލަވަންފެށި އެވެ. އަދި ފަހަރަކު މީހަކު މޫދަށް ފުންމަން ފެށިއެވެ. ޒައުލްވެސް ޔޫހާއަށް ބަލާލުމެއްނެތި ހަޅޭލަވަމުން މޫދަށް ފުންމާލައިފިއެވެ. ގިނައިރެއްނުވެ ޒައުލް އަޑިއަށްގޮސް ލޮނުގަނޑުން މައްޗަށް ބޯހިއްލާލިވަގުތު އެތަން ބަލަންހުރި ޔޫހާގެ ބުރަކަށީގައި އަތްއަޅާ ޒައުލް އާއި ދިމާލަށް މީހަކު ކޮއްޕާލިއެވެ. ޔޫހާގެ ހަޅޭކުގެ އަޑުއިވިގެން ދިޔައެވެ. ޒައުލް ހުށިޔާރުކަމާއިއެކު ޔޫހާގެ އަތުގައި ހިފާ ލޮނުގަނޑުން މައްޗަށް އުފުލާލިއެވެ.
"ހެޕީ ނިއު އިޔާރ..." ހިނިއައިސްފައި ޒައުލް ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލުމަށްފަހު އޭނަގެ ކަރުގައި ދެއަތް އަޅުވާލަމުން އޮޅުލައިގަތެވެ.
"ޔޫހާ...އަހަރެން ޔޫހާ ގެނބުނަކަ ނުދޭނަމޭ، ޖަސްޓް ރިލެކްސް... ސިލީ ގާރލް... ހަށިގަނޑު ރިލެކްސް ކޮށްލަބަލަ..." ޒައުލް ޔޫހާއަށް ހަމަޖެހިލުމަށް އެދެމުން ދިޔައެވެ. ޖިނާ އާއިއެކު ހުރިހާ އެކުވެރިން ފަތާފައި ފިނޮޅާއި ދިމާލަށް ދާތަން ޒައުލްއަށް ފެނުނެވެ. އެހެންނަމަވެސް ޔޫހާ އޭނަގެ ގައިގާ އައްޓަން މަހެއްހެން ތަތްކޮއްލާފައި ވުމުން ފަތައިގަންނާކަށް ފަސޭހައެއްނުވިއެވެ. އެންމެފަހުން ސަފާރީގެ ސިޑިއާއި ދިމާލަށް ގޮސް ޔޫހާ ސަފާރީއަށް އެރުވިއެވެ.
"ކުރިން ނުވެސް ބުނޭ މޫދަށް އެރެން ޖެހޭނެއެކޭ.... އަހަރެން ނުލާހިކު ބިރުގަނޭ...." ޔޫހާ ޝަކުވާކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި ސަފާރީގެ ކޮޅުގައި ކަހަލަގޮތަކަށް ގޮސް އިށީނދެއްޖެވެ. ޒައުލްއަށް ވެސް ޖެހުނީ ޔޫހާގެ ފަހަތުން ސަފާރީއަށް އަރަންށެވެ. ޔޫހާ އެކަނި ސަފާރީގައި ބައިންދާފައި ދާން އޭނައަށް ނުކެރުނީއެވެ. އަދި އެއީ އިންސާފުވެރިގޮތަކަށްވެސް ނުވާނެތީއެވެ. ޒައުލް ސަފާރީގެ ގެގަޑުތެރެއަށްވަދެފައި ނުކުތީ ކުޑަފެންފުޅިއެއް ހިފައިގެންނެވެ. އަދި އެފެންފުޅި ޔޫހާއަށް ދިއްކޮއްލުމަށްފަހު ތަންކޮޅެއް ދުރުގައި އީށީނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު