އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް އަގުހެޔޮކޮށް ބޭސްތައް ލިބޭނެގޮތް ހަދަން މަޝްވަރާކޮށްފި

ސިއްހީ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އިންޑިއާއާއިރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް އަގުހެޔޮކޮށް ބޭސްތައް ލިބޭނެގޮތް ހަދަން މަޝްވަރާކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިދިޔަ ޖޫން މަހު ކުރެއްވި ޒިޔާރަތުގައި ވަނީ ސިއްހީ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެ އެމްއޯޔޫގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއިން އިސްކޮށް ހަރަކާތްތެރިވީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުﷲއެވެ. އަދި އިންޑިއާގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޕްރީތީ ސުދަންއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ޑޮކްޓަރުން އިންޑިއާގެ އިންސްޓްޓިއުޝަންތަކުގައި ޓްރެއިން ކުރުމާއި ނަރުހުންނާއި ޕެރަމެޑިކްސްއިންނާއި އަދި ހެލްތު އެޑްމިނިސްޓްރޭޓަރުން ތަމްރީން ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އިންޑިއާގެ ފާމަސޫޓިކަލް އިންޑަސްޓްރީ މުޅި ދުނިޔޭގެ 30 ޕަސެންޓް މާކެޓް ހިއްސާކުރެއެވެ. އެހެންކަމުން ބްރޭންޑެޑް އަދި ޖެނެރިކް މެޑިސިން އަގުހެޔޮކޮށް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް އިންޑިއާގެ އެމްބަސީން ބުންޏެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލްއެއް އެޅުމަށްވެސް އިންޑިއާއިން ވަނީ ނިންމައިފައެވެ. އަދި އެހޮސްޕިޓަލްއަށް ދޭން ޖެހޭ ފަންނީ އެހީތެރިކޮށްދޭނެކަމަށް އިންޑިއާގެ އެމްބަސީން ބުންޏެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކުގެ ހާލަތު ދެނެގަނެ އެފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ހިދުމަތްތައް ފުޅާކުރުމަށްވެސް އެހީތެރިވާނެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ޓެލެމެޑިސިންގެ ހިދުމަތް ރާއްޖޭގައި އިތުރަށް ތަރައްގީކޮށް ޓެލެ ރޭޑިއޮލޮޖީއާއި އަދި ޑިޖިޓަލް ހެލްތު ފްރޭމްވޯކްއެއް ހެދުމަށްވެސް އިންޑިއާއިން އެހީތެރިވެދާނެއެެވެ.

comment ކޮމެންޓް