އިސްލާމިކް ޔުނިވާސިޓީން އަލަށް ފައިނޭންސްއާ ގުޅޭ ކޯސްތަކެއް ތައާރަފްކޮށްފި

އިސްލާމިކް ޔުނިވާސިޓީން އަލަށް ފައިނޭންސްއާ ގުޅޭ ކޯހާ ބެހޭގޮތުުން މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އައިޔޫއެމް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން އަލަށް އެކައުންޓިން އަދި ފައިނޭންސްއާ ގުޅޭ ކޯސްތަކެއް ތައާރަފްކޮށްފިއެވެ.

އައިޔޫއެމްއިން ތައާރަފްކޮށްފައިވަނީ ޑިޕްލޮމާ އިން އެކައުންޓިންގ އެންޑް ފައިނޭންސް އަދި ބެޗްލާރސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސް ކޯހެވެ. އެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާނީ މާލެ ސިޓީ، ހދ. ހަނިމާދޫ، ލ. ފޮނަދޫ އަދި ފުވައްމުލަކު ސިޓީ ގައެވެ.

އައިޔޫއެމްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޯސްތައް އަންނަ މަހު ހައެއްގައި ފެށޭނެ ކަަމަށެވެ.

އައިޔޫއެމްއިން ބުނީ އެ ދެ ކޯސް ފަރުމާ ކުރެވިފައިވަނީ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ދާއިރާއަށް ބޭނުންވާ ތަފާތު މަޢުލޫމާތާއި ހުނަރާއި، ގާބިލިއްޔަތުތައް ތަރައްގީ ކުރެވޭނެ ފަދަގޮތަކަށެވެ. އަދި ބުނީ އެކޯސް ފަރުމާ ކުރެވިފައިވަނީ، ދާއިރާއަށް އަންނަމުންދާ ހަލުވި ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރެވޭނެ ފަދަ ގޮތަށް ކަމަށެވެ.

އެ ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ފައިނޭންޝިއަލް އެކައުންޓެންޓް، މެނޭޖްމަންޓް އެކައުންޓެންޓް، އޮޑިޓިންގ، ޓެކްސޭޝަން، ފައިނޭންސް މެނޭޖަރ، އަމިއްލަ ވިޔަފާރިތައް ފެށުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް އައިޔޫއެމްއިން ބުންޏެވެ.

އެ ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ޕްރޮގްރާމްގެ ތެރޭގައި ޕްރޮގްރާމް އާއި ގުޅުންހުރި ދާއިރާތަކުގައި އިތުރު ތަމްރީން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި އިންޓަރންޝިޕް ރިސަރޗް ޕްރޮޖެކްޓްތައް ހިމެނެއެވެ.

comment ކޮމެންޓް