ޓޫރިޒަމްގެ މަސައްކަތް މުޅި އިންޑަސްޓްރީ އިން ބަލައިގެންފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގްތިސޯދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެވްރެޖުކޮށް އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ވެސް މި ސިނާއަތުގަ އެވެ.

ފާއިތުވި އެއް އަހަރު ތެރޭގައި ޓުއަރިޒަމް ދާއިރާ އިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރެކޯޑު މުގުރާލައިފަ އެވެ. އަހަރު ނިމުނު އިރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު މިއީ މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކުންފުނިތައް އަދި މިނިސްޓްރީ އިން ކުރި މަސައްކަތްތަކުގެ ނަތީޖާ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖޭގައި އޮޕަރޭޓުކުރާ ޓޫރިސްޓު ފެސިލިޓީތަކުގެ އޮޑިޓެއް ފާއިތުވި އަހަރު ހަދައިފަ އެވެ. އެ އޮޑިޓުން ފާހަގަވި ކަންތައް ރަނގަޅު ކުރުމަށް މުހުލަތު ދީފައިވާއިރު ފިޔަވަޅު އަޅަން ޖެހޭ ކަންތައްތަކުގައި މި އަހަރު ތެރޭ ފިޔަވަޅު ވެސް އަޅާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ޖަމިއްޔާއަކުން ވެސް ވަނީ ފާއިތުވި އަހަރު އެ ސިނާއަތް ކުރިއެރުވުމަށް ޓުއަރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. އަދި ދާއިރާގެ ކުރިއެރުމަށް މިނިސްޓްރީ އިން ކުރާ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ވަނީ ދީފަ އެވެ.

ޓޫރިޒަމް ދާއިރާގައި މިހާރު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ސާވިސްޗާޖުގެ މައްސަލާގައި މިނިސްޓްރީ އިން ކުރާ މަސައްކަތްތައް ފާހަގަކޮށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާ އަކުން ވެސް ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ، އިންވެސްޓްރުންނާއި ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ ސިނާއަތަކަށް ބަދަލުވެގެން ދިއުމުގެ އަސަރު އެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ލިބެމުންދާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާ އާ ގުޅުންހުރި ގާނޫނާއި ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތް މި އަހަރުގެ މެއި މަހުގެ ކުރިން ފަށާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު މި އަހަރަށް އަމާޒުކޮށް ކުރީ އަހަރަށް ވުރެ ވަރުގަދަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

ޓޫރިޒަމް ދާއިރާ އިން ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ބަލައިގަނެފައިވާ އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ މިނިސްޓްރީގެ ދޮރުތައް އަބަދު ވެސް ހުންނާނީ ހުޅުވާލާފައި ކަމަށާއި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

އަދި ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ހައްގުތައް ފުރިހަމަޔަށް ހިމާޔަތް ކުރުމާއި އެ މީހުންގެ އަގު ވަޒަން ކުރުމާ އެކު، މުވައްޒަފުންގެ ހައްގުގައި ވެސް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވައުދުވެ ވަޑައިގަންނަވަ އެވެ.

comment ކޮމެންޓް