1.7 މިލިއަން ފަތުރުވެރިންނާއެކު މިދިޔަ އަހަރަކީ ރެކޯޑެއް

މިދިޔަ އަހަރު ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމުނު 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އިމިގްރޭޝަނާއި ޓޫރިސްޓް ފެސިލިޓީތަކުގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިދިޔަ ޑިސެމްބަރު މަހު އެކަނި، 171،292 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ. މިއާއެކު މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަން މީހުންނަށް އަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ މިއީ 2018 ވަނަ އަހަރާ އާޅާބަލާ އިރު 14.7 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރު ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 49 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 41 ޕަަސެންޓު ކަމަށާއި ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާ ސަރަހައްދުންނެވެ. އެ ފަތުރުވެރިންނަކީ ޖުމްލަ ފަތުރުވެރިންގެ ފަސް ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު

  • ޔޫރަޕުން: 833،904 މީހުން
  • އޭޝިއާ ޕެސިފިކް: 705،117 މީހުން
  • އެމެރިކާ ސަރަހައްދުން: 84،793 މީހުން
  • މެދު އިރުމަތިން: 60،003 މީހުން
  • އެފްރިކާ ސަރަހައްދުން: 18،698 މީހުން

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވަކިވަކި މާކެޓުތަކަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިން ކަމަށެވެ. ޖުމްލަ ފަތުރުވެރިންގެ 16.7 ޕަސެންޓް ޗައިނާ ފަތުރުވެރިން ހިއްސާ ކުރާއިރު ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 9.7 ޕަސެންޓެވެ.

ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ އިޓަލީ ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ އަށް ޕަސެންޓެވެ. ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ޖަރުމަނުުން އައިސްފައިވަނީ ޖުމްލަ ފަތުރުވެރިންގެ 7.7 މީހުންނެވެ. އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ޖުމްލަ ފަތުރުވެރިންގެ 7.4 ޕަސެންޓް ހިއްސާ ކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް އައިސްފައި ވަނީ އިންޑިއާ މާކެޓުން ކަމަށެވެ. މިދިޔަ އަހަރު އިންޑިއާ މާކެޓުން 83.5 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓުގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަނެވެ. ނަމަވެސް މި ޓާގެޓު އަހަރު ނިމުމުގެ 38 ދުވަސް ކުރިން ހާސިލްކޮށްފައިވާ އިރު ޑިސެމްބަރު މަސް ދެބައިވި އިރު 1.6 މިލިއަން ފަތުރުވެރިން ވަނީ ހަމަވެފަ އެވެ.

އެކެއް ޕޮއިންޓް ހަތެއް މިލިއަން ވަނަ ފަތުރުވެރިޔާ 31 ޑިސެމްބަރު ވަނަ ދުވަހު ރާއްޖެ އައިސްފައިވާ އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށައި މިއަަހަރަކީ 2019 ވަނަ އަހަރަށް ވުރެ ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މިތިބީ 2020 އާއި 2021 އާ ދޭތެރޭ ނުވަތަ 2021 ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ގެންނަން ޓާގެޓު ކޮށްގެން. ހަގީގަތުގައި މި އަހަރު އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް