ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީގެ މައްސަލަ އިސްތިއުނާފް ކޮށްފި

ރައުޝަން ޖިއާން ނިޔާވި ހާދިސާ ހިނގި ވަގުތުކޮޅުގެ ސީޓީވީ ފޫޓޭޖުގެ ސްކްރީންޝޮޓެއް --

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ އިމާރާތެއް ކަމަށްވާ މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އާދަމް ޝަފީގުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ.

އެ މައްސަލަ އިސްތިއުނާފުކޮށްފައިވާކަން ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ދައުވާ ކުރިއެވެ.

އޭގެ ތެރެއިން އެމްޑީ ޝަފީގު ފިޔަވައި އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޫބަރު މަހު ވަނީ ހުކުމް ކޮށްފައެވެ.

ޝަފީގުގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި އިހުމާލުވުމުގެ ދައުވާ އެވެ. ޝަފީގު ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީގެ ހައިސިއްޔަތުން ނަލަހިޔާމަންޒިލްގެ އިމާރާތް ކުރުމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގައި އިމާރާތް ކުރުމާ ބެހޭ ސަލާމަތީ ކަންކަން ގާއިމް ކުރަން ޖެހޭނެކަން ބަޔާންކޮށްފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ޝަފީގު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްޑީގެ ހައިސިއްޔަތުން ކަމުން އޭނާ އަމިއްލަ ހައިސިއްޔަތުން އޭގައިވާ ކަންކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އެ ޒިންމާ ނަގަން ޖެހޭނީ ކުންފުނިން ކަމަށް ހުކުމުގައިވެ އެވެ. އަދި، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތީކަންކަން ބެލުމަކީ އޭނާ އަމަލީ ގޮތުން ކުރަން ޖެހޭ ކަމެއް ނޫންކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

ޖިއާން މަރުވި ހާދިސާ ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ދައުވާކޮށް، ޝަރީއަތް ހިންގައި ހުކުމާ ހަމައަށް ވާސިލުވެވުނީ ގާތްގަނޑަކަށް 11 މަސް ފަހުންނެވެ.

ކުށް ސާބިތުވި މީހުންގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ކުރީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެވެ. ނަލަހިޔާމަންޒިލަށް ހާދިސާ ހިނގި ދުވަހު ސިމެންތި ބަސްތާ އެރުވީ، ކަތިބިއްގަނޑެއްގެ ބައެއް ނައްޓައިގެންނެވެ. ހުކުމުގައި ފާހަގަކޮށްފައި ވަނީ ކަތިބިއްގަނޑުން ބައެއް ނައްޓާލައިގެން އެއްޗެހި އަރުވާ އިރު ނުރައްކަލެއް ކުރިމަތިވާނެކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެ ކަމަށެވެ. އެހެންކަމަށްވާއިރު، އެ ނުރައްކަލުގެ އިންޒާރު މަގުމަތިން ދިޔަ މީހުންނަށް ލިބޭ ވަރަށް، ސުޕަވައިޒަރެއްގެ ހައިސިއްޔަތުން މޫސާ އަޅާލާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އާންމުގޮތެއްގައި އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ އެއް އަހަރާއި ހަ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، މޫސާގެ ފަރާތުން ހުކުމް ޖޫރީމާނާއަށް ބަދަލު ކުރަން އެދުމުން އަދަބު ވަނީ 115200 ރުފިޔާގެ ޖޫރީމާނާއަކަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން އެވަގުތު އެ ސައިޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީން ޖަލަށް ލާން ހުކުމް ކުރި އެވެ. އެ ދެ ބިދޭސީންނަކީ ރައްޖާވް އަލީ އާއި މުތަމަނި ރަމަޗަންދުރަން އެވެ. ބަސްތާ ވެއްޓުނު އިރު ވިންޗު އޮޕަރޭޓު ކުރަން ހުރީ ރައްޖާވް އެވެ. އޭނާގެ މައްޗަށް ކުރީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. ވިންޗު އޮޕަރޭޓު ކުރުމަކީ އޭނާ ކުރަން ޖެހޭ މަސައްކަތަކަށް ނުވާ އިރު، އޭނާ އެކަން ކުރުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަން ބުއްދި ސަލާމަތުން ހުރި މީހަކަށް އެނގޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ނުރައްކަލެއް ހުރިކަން އެނގި ހުރެ އެކަން ކުރުމަކީ އޭނާގެ ފަރުވާ ކުޑަ އަމަލު ކަމަށާއި، ރައުޝަން މަރުވީ އެ ފަރުވާކުޑަ އަމަލުގެ ސަބަބުން ކަމަށް ހުކުމުގައިވެ އެވެ. ރައްޖާވްގެ މައްޗަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އަދަބު ޖޫރީމާނާއަށް ބަދަލު ކުރަން އޭނާގެ ފަރާތުން އެދުނަސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރީތީ ގާޒީ ނިންމެވީ ޖޫރީމާނާއަށް ބަދަލު ނުކުރާށެވެ.

ރަމަޗަންދުރަން އަކީ ތިރީގައި ބަސްތާ ބަރުކުރަން ހުރި މީހާ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ، ރައްޖާވްގެ ފަރުވާކުޑަ އަމަލުގައި ބައިވެރިކަމެވެ. އޭނާގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެވެ. އެ އަދަބުވެސް ޖޫރީމާނާއަށް ބަދަލު ކުރަން އޭނާގެ ފަރާތުން އެދުނަސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރީތީ ގާޒީ ނިންމެވީ ޖޫރީމާނާއަށް ބަދަލު ނުކުރާށެވެ.

ބާކީ ދެ ބިދޭސީން ކަމަށްވާ ކެޝަހިލަލް ޗައުހާން އާއި ގުލާމް މުހައްމަދުގެ މައްޗަށް ކުރީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ. އެއީ ބަސްތާ އަރުވަމުން ދިޔަ ތަނުން ނުދާން ރައުޝަންއަށް އިންޒާރު ނުދިނުމުންނެވެ. އެކަން ހެކިތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އެ ކުށުގެ އަސްލު އަދަބަކީ 36 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ މީހުންގެ ފަރާތުން އެކަމަށް އެދުމުން، އަދަބު ގާޒީ ވަނީ 7200 ރުފިޔާގެ ޖޫރީމާނާއަކަށް ބަދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް