މާލޭ ޖަލުގައިވެސް ނުތަނަވަސްކަން ބޮޑުވެއްޖެ

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންދުގައި ތިބޭ މީހުންގެ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ބުނެ، މާލޭ ޖަލުގައި ކުރިއަށް ގެންދާ ހަމަނުޖެހުންތައް ބޮޑުވެ، ނުތަންވަސްކަން އިތުރުވާން ފަށައިފިއެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލުގައި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އަދި އެމީހުންނާ ބައިވެރިވުމުގެ ގޮތުން މިހާރު މާލޭ ޖަލުގައި ވެސް ވަނީ ހަމަނުޖެހުން ހިންގަން ފަށައިފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ޖަލުގައި ތިބި މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަންކަމާ ގުޅިގެން އެމީހުން ނުރުހުން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޖަލު އޮފިސަރުންގެ ގަޔަށް އެއްޗެހި އުކާ، އަދުގަދަކޮށް ހަމަނުޖެހުން ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ޖަލު ތެރޭގައި މިއަދު ރޯކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޮފިޝަލް ވަނީ ދޮގުކުރައްވައިފައެވެ.

ކަރެކްޝަންސް އިން އެހެން ބުނިނަމަވެސް "ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މާލޭ ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތަކާ ނުރުހުން ފާޅުކުރުމުގެ ތެރެއިން މިއަދު ވަނީ ބެޑްޝީޓެއްގައި ރޯކޮށް ގޮޅިން ބޭރަށް އެއްލާލައިފައެވެ. އެ އަލިފާން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލައިފައެވެ.

މާލޭ ޖަލުގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު ޖަލުގައި ބައިތިއްބާފައި ތިބޭ މީހުންނާއި، ޖަލު އޮފިސަރުންނާއި އާންމުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައި ހުންނަ ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ވެސް މި ފަހުން ދެ ފަހަރެއްގެ މަތިން ވަނީ ތަޅާލައިފައެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާރު ޖަލުތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޓީމަކާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޓީމެއްވެސް މާފުށީ ޖަލަށް މިއަދު ވަނީ ޒިޔާރަތް ކޮށްފައެވެ.

comment ކޮމެންޓް