މާފަރު އެއާޕޯޓުގެ އީއައިއޭ އިސްތިއުނާފު ކޮށްފި

މާފަރު އެއާޕޯޓު --- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު، ޕްލޭނިންގް މިނިސްޓްރީން އެންވާރަމަންޓް މިނިސްޓަރު އަރިހުގައި އިސްތިއުނާފުކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ މާފަރު އެއާޕޯޓުގެ އީއައިއޭ މައްސަލަ ޕްލޭނިން މިނިސްޓްރީ އިން އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އީއައިއޭ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގެ އެޑެންޑަމް މުރާޖައާ ކުރުމަށްފަހު، އެ މަޝްރޫއު ކުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީއައިއޭ އިން ނިންމި ނިންމުން ޕްލޭނިންގް މިނިސްޓްރީ އިން އެންވަޔަރަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަނަށް އިސްތިއުނާފު ކުރުމާ ގުޅިގެން އެމައްސަލަ ދިރާސާކޮށް ބެލުމަށް މިނިސްޓަރާއެކު ޕްލޭނިން މިނިސްޓްރީގެ ޓީމެއް މިއަދު ނ. މާފަރަށް ގޮސްފައިވާ ކަމަށެވެ.

https://sun.mv/129489

މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ގާތުން ބަލައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު އޮޅުންފިލުވުން ކަމަށް އެންވަޔަރަމެންްޓް މިނިސްޓްރީ އިން ބުންޏެވެ.

މި ދަތުރަށްފަހު އެންވަޔަރަންމަންޓު މިނިސްޓްރީން ފަންނީ ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރު މިކަމުގައި ނިންމެވިގޮތް އީޕީއޭއަށް އަންގާނެ ކަމަށާއި މިނިސްޓަރު މިކަމުގައި ނިންމަވާ ގޮތް ތަންފީޒު ކުރާނީ އީޕީއޭއިން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޏެވެ.

މާފަރު އެއާޕޯޓު މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ލަފާދީ އީޕީއޭއިން ބުނެފައިވަނީ މާފަރު އެއާޕޯޓުގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑުކުރެވޭ ވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަކީ ދުރު ރާސްތާއަށް ބަލާއިރު ލިބޭނެ ސޯޝިއޯއިކޮނޮމިކް އަދި ތިމާވެށީގެ މައްސަލަތަކާ އަޅާބަލާއިރު، އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

މާފަރު އެއާޕޯޓަށް އެ މަރުކާގެ ބޯޓު ޖައްސާނީ ކިހާ ގިނައިންތޯ ޔަގީންނުވާ ކަމަށާއި މިއީ ދުރުރާސްތާއަށް ބަލާއިރު ލަފާކުރަން ނޭނގޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން އެދޭކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފައެވެ.

https://sun.mv/129505

comment ކޮމެންޓް