ސާވިސް ޗާޖް އެއްވަރެއް ނުވާނެ، ނުވެސް ކުރެވޭނެ!

ފުށިފަރު ރިސޯޓުގައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާވިސްޗާޖުގެ ގޮތުގައި "ހައްގު މިންވަރު" ނުލިބުމަކީ ރިސޯޓް މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތެއް އުފެދި ތަރައްގީވިތާ 50 އަހަރު ވާން ކައިރިވެފައިވާ އިރު މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މި ޝަކުވާއަށް އަދިވެސް ނިމުމެއް ނާދެ އެވެ.

ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓުހައުސްތަކުން، އެތަންތަނުން ހިދުމަތް ލިބިގަންނަ ފަތުރުވެރިންގެ އަތުން ސާވިސް ޗާޖު ނަގަ އެވެ. އެ ފައިސާ، ވަރަށް ވެސް ގިނަ ތަންތަނުން މުވައްޒަފުންނަށް ދޭންވެސް ދެ އެވެ. ރިސޯޓް މުވައްޒަފުންގެ ވަކާލާތު ކުރަނީ، އާންމުކޮށް ހިދުމަތުގެ އަގުގެ 10 ޕަސެންޓު ސާވިސްޗާޖުގެ ގޮތުގައި ނަގާއިރު، އެ ފައިސާ މުވައްޒަފުންނަށް ހަމަހަމަ ގޮތުގައި ލިބެން ޖެހޭ ކަމަށެވެ. އެއީ ވަރަށް ވެސް ރަނގަޅު ވާހަކަ އެކެވެ.

އެންމެންނަށް ކަހަލަ ގޮތަކަށް ގަބޫލު ކުރެވިފައި އޮންނަނީ، ޝެވަލް ބްލޭންކް ރަންދެލި ރިސޯޓުން 23،000 ރުފިޔާގެ ސާވިސް ޗާޖެއް ދޭނަމަ ޖެހިގެން އޮންނަ ރިސޯޓުން ހަމަ އެ އަދަދު ދޭން ޖެހޭނެ ކަމަށެވެ. އަނެއް ބަޔަކަށް ގަބޫލު ކުރެވެނީ އެއީ އެ މީހުންގެ މުސާރައިގެ ބައެއް ކަމަށެވެ.

އެކަމަކު ކަމުގެ ހަގީގަތް އޮތީ، އެހެން ހެއްޔެވެ؟ ސާވިސް ޗާޖް ދޭން ޖެހޭ ގާނޫނީ އުސޫލެއް އެބަ އޮތް ހެއްޔެވެ؟ ރިސޯޓްތަކަށް ނޫނީ ވިޔަފާރިތަކަށް އެކަމުގައި އޮތީ ކޮން މަޖުބޫރެއް ހެއްޔެވެ؟

ސާވިސް ޗާޖްގައި ގާނޫނީ މަޖުބޫރުކަމެއް ނެތް!

ދެހާސް އަށްވަނަ އަހަރު އަލަމުކުރަން ފެށި ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި ދޭ ހިދުމަތުގެ އަގުގެ ބޭރުން ސާވިސް ޗާޖުގެ ގޮތުގައި ވަކި އަދަދެއް ކަސްޓަމަރުގެ އަތުން ނެގިދާނެ އެވެ. އަދި ސާވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާގެ އެއް ޕަސެންޓް އިދާރީ ކަންކަމަށް އުނިކުރުމަށް ފަހު، އެ ފައިސާގެ ބާކީ 99 ޕަސެންޓް މުވައްޒަފުންގެ މެދުގައި ބެހުން ލާޒިމެވެ. އަދި ނިމޭ މަހު ސާވިސް ޗާޖަށް ލިބުނު ފައިސާ ޖެހިގެން އަންނަ މަސް ފެށުމާ އެކު މުވައްޒަފުންގެ މެދުގައި ބަހަން ވެސް ގާނޫނުގައި އޮންނަނީ ލާޒިމްކޮށްފަ އެވެ.

ސާވިސް ޗާޖްގެ ޝަކުވާތަކާ ގުޅޭ ގޮތުން، ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ހެދި ދިރާސާއަކަށް ފަހު ބުނެފައިވާ ގޮތުގައި ވަޒީފާގެ ގާނޫނުގައި ސާވިސް ޗާޖް ނެގިދާނެ ކަމަށް ބުނެފައި ވިޔަސް ސާވިސް ޗާޖްގެ ގޮތުގައި ނެގޭނެ މިންވަރެއް ބުނެފައެއް ނުވެ އެވެ. އަދި މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް އެ ފައިސާ ބަހާނެ ތަފްސީލީ އުސޫލެއް ގާނޫނުން ކަށަވަރު ކޮށެއް ނުދެ އެވެ. ނަތީޖާއަކަށް ވަނީ ސާވިސް ޗާޖް ނެގުމާއި ބެހުމުގެ ހުރިހާ ބާރެއް ވިޔަފާރިތަކުގެ އަތްމަތީގައި އޮތުމެވެ.

އިގްތިސާދީ ކޮމިޓީގެ ރިޕޯޓްގައި ބުނަނީ، ސާވިސް ޗާޖްގެ ގޮތުގައި ގިނަ ވިޔަފާރިތަކުން މިހާރު ނަގަނީ ޖުމްލަ އަގުގެ 10 ޕަސެންޓް ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީއިން ތާއީދުކޮށްފައި ވަނީ، ސާވިސް ޗާޖްގެ ގޮތުގައި 10 ޕަސެންޓް ނަގަން ގާނޫނުގައި ލާޒިމްކޮށް އެބަދަލު ގެނައުމަށެވެ.

އެ ކޮމިޓީ ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި މެންބަރުން ގަބޫލު ކުރެއްވި ގޮތުގައި، ސާވިސް ޗާޖްގެ ގޮތުގައި ނަގަން ޖެހޭނެ ސީދާ އަދަދެއް ގާނޫނުގައި ކަނޑައެޅުމުން ހުރިހާ މުވައްޒަފުންނަށް އެއް ހަމައަކުން ސާވިސް ޗާޖް ދިނުމަށް މަގުފަހި ކުރެވޭނެ އެވެ. ބައެއް މެންބަރުންގެ ނަޒަރުގައި މިހާރު ސާވިސް ޗާޖްގެ ގޮތުގައި އެކި ރިސޯޓްތަކުން ނަގާ އިންސައްތަ ތަފާތުވުމަކީ ހަމަހަމަކޮށް ސާވިސް ޗާޖް ނުދެވޭ އެއް ސަބަބެވެ.

ގާނޫނު އޮތް ގޮތުން ސާވިސް ޗާޖް ނެގުމާއި ނުނެގުމަކީ ރިސޯޓެއް ނޫނި ވިޔަފާރިއެއް ހިންގާ ކޮންމެ މީހަކަށް އޮތް ހައްގެކެވެ. ސާވިސް ޗާޖް ނުނަގާ ނަމަ، އެ ނަމުގައި މުވައްޒަފުންނަށް ފައިސާއެއް ދޭން އެއްވެސް ވިޔަފާރިއަކަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

ގާނޫނު ބުނާ ގޮތުން، ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ފައިސާ ދޭން މަޖުބޫރު ވަނީ އެ ނަމުގައި ކަސްޓަމަރުގެ އަތުން ފައިސާއެއް ނަގާ ނަމަ އެވެ. އެއީ އެކަން އޮންނަން ވެސް ޖެހޭނެ ގޮތެވެ. ސާވިސް ޗާޖް ކަސްޓަމަރު އަތުން ނުނަގާ ނަމަ، އެއީ ވިޔަފާރި ވެރިޔާ މުވައްޒަފަށް ދޭން މަޖުބޫރުވާ އެއްޗަކަށް ވެގެން ނުވާނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ސާވިސްޗާޖު ނުލިބޭ ވާހަކައަކީ ބައެއް ރިސޯޓު މުވައްޒަފުންގެ ފަރާތުން އަޑު އިވޭ ޝަކުވާއެއް ކަމަށެވެ. އެ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް ގާނޫނާ އެއްގޮތަށް ސާވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓްރީން ކުރާނެ ކަމަށް ރައީސް އެ ދުވަހު ވައުދުވެ ވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެ ވައުދާ އެއްގޮތަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ރިސޯޓްތަކުގެ އޮޑިޓެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޑިޓުން ސާވިސް ޗާޖާ ބެހޭ އާ ކަންކަން ހާމަވި އެވެ. ޖަޒުބާތުގައި ދެއްކޭ ވާހަކަތަކުން ބޭރު، އަސްލު މައްސަލައިގެ ހަގީގަތް ތިލަކޮށްދިނެވެ.

އެ އޮޑިޓުން ހާމަވި ކަންކަމުގެ ކުރު ހުލާސާއެއް ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ރިސޯޓު ހިންގާ ކީ އިންވެސްޓަރުން، މުވައްޒަފުންނަށް ސާވިސްޗާޖު ދިނުމުގައި ގެންގުޅޭ އުސޫލު ރަނގަޅު ކަމަށެވެ.

"ރާއްޖޭގެ ކީ ވިޔަފާރި ކުންފުނިތައް، އިންޑަސްޓްރީގައި އިންވެސްޓު ކޮށްފައި ތިބި ރާއްޖޭގެ ކުންފުނިތަކަށް ބަލާއިރު ވެސް ބޭރުގެ ވިޔަފާރިތަކުން ވެސް ސާވިސްޗާޖު ދޭ މިންވަރާއި ދިވެހިން [ކުންފުނިތަކުން] ހިފަހައްޓާ މިންވަރު ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ބައެއް ވަރަށް މަދު ވިޔަފާރިތަކުން ސާވިސްޗާޖު ދިނުމުގައި ގެންގުޅޭ އުސޫލު ރަނގަޅު ނޫން ކަމަށް މިނިސްޓަރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެކަންތައް ރަނގަޅު ކުރުމަށް ފުރުސަތު ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް މި އަހަރު ތެރޭ ކުރައްވާނެ ކަމަށެވެ. އަދި އޮޑިޓުން ފާހަގަވި ކަންތައްތަކާ މެދު މި އަހަރު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސާވިސް ޗާޖަކީ މުސާރައިގެ ބައެއް ނޫން!

ސާވިސް ޗާޖަކީ ވިޔަފާރިވެރިޔާ، މުވައްޒަފަށް ދޭ އެލަވަންސެއް ނޫނެވެ. އެ މާނަ އެގޮތަށް ނެގިގެން ވެސް ނުވާނެ އެވެ. އެކަމަކު ގިނަ ރިސޯޓު މުވައްފުންގެ ސާވިސް ޗާޖް މާނަކުރެވެނީ އެއީ އެ މީހުންގެ މުސާރައާ އެކު ވަޒީފާދޭ ފަރާތުން އެ މީހުންނަށް ދޭ އެލަވަންސެއް ކަމަށެވެ. އެހެން ވަނީވެސް އެކަމުގައި ސަބަބުތަކެއް ހުރީމަ އެވެ. މުވައްޒަފުން ބުނަނީ، އެ މީހުންގެ މުސާރަ ކުޑަކޮށް، އެބައި ފޫބައްދަނީ ސާވިސް ޗާޖް ދީގެން ކަމަށެވެ. އެހެން ވީމާ، ސާވިސް ޗާޖަކީ މުސާރައިގެ ބައެއްގެ ގޮތުގައި އެ މީހުން ބަލަނީ އެވެ. އެކަމަކު އެއީ ކަމުގެ ހަގީގަތެއް ނޫނެވެ. ކަން ވާން ޖެހޭ ގޮތެއް ނޫނެވެ. އެއީ ބަދަލުވާންވީ ސަގާފަތެކެވެ.

ސާވިސް ޗާޖު މައްސަލާގައި ޓޫރިޒަމް ވިޔަފާރިވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ބުނަނީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ އެކި ފަންތި އަށް އަދި އެކި ގިންތި އަށް ނިސްބަތްވާ ރިސޯޓުތައް ކަމަށެވެ. އެހެން ކަމުން އެ ތަންތަނުން ދެވޭ ހިދުމަތްތަކުގެ ގޮތުންނާއި އަގުގެ ގޮތުން އަދި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުން ސާވިސް ޗާޖް ލިބޭ ވަރު ތަފާތު ވާނެ ކަމަށެވެ.

"ރާއްޖޭގެ ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރޭ. ސާވިސް ޗާޖު ބެހުމާ ބެހޭ ގަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން ޖެހޭނެ،" މަޓީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާ، ޓީމްގެ ޖެެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ ސާވިސްޗާޖުގެ މައްސަލައަށް ހައްލެއް އަންނާނީ ރިސޯޓު މުވައްޒަފުންނަށް މިނިމަމްވޭޖެއް ނޫނީ އެންމެ ކުޑަ އުޖޫރަ ނުވަތަ ލިވިން ވޭޖެއް ކަނޑައެޅިގެން އެވެ. އަދި އެ މީހުންގެ މުސާރަ އާއި އިނާޔަތް ސާވިސް ޗާޖަށް ބަރޯސާވެފައި އޮވެގެން ނުވާނެ ކަމަށް އޭނާވެސް ދެކެވަޑައިގަންނަވަ އެވެ.

"ސާވިސްޗާޖު ދަށްވުމުން ބައެއް މުވައްޒަފުންނަށް ލިބޭ އެއްޗެއް އެބަ ކުޑަވޭ. އެއީ ވަރަށް ބޮޑު ރިސްކެއް މުވައްޒަފުން ނަގާ. ޓީމުން އެހާ ބޮޑަށް ބޭނުމެއް ނުވޭ މުވައްޒަފުން ސާވިސްޗާޖަށް ޑިޕެންޑުވާވުން އެގޮތަށް ބާއްވާކަށް. ޓީމުން ބޭނުން ވަނީ އެއަށް ވުރެ ބޮޑަށް މުވައްޒަފުންގެ ގެރެންޓީޑް އިންކަމްއެއްގެ ގޮތުގައި މިނިމަމް ވޭޖު ނުވަތަ ލިވިން ވޭޖެއް ކަނޑައެޅިގެން ދިޔުން." މައުރޫފް ވިދާޅުވި އެވެ.

ސާވިސް ޗާޖަކީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ބައެއް މީހުންދެކެ އެވެ. އަދި އެކި ފަންތިއަށް ވިއްކާ ރިސޯޓްތަކުން ވެސް އެއްވަރަކަށް ސާވިސް ޗާޖުގެ ގޮތުގައި ފައިސާ ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާހެން ވެސް ހީވެ އެވެ. އެކަމަކު އެއީ އެހެން ވާނެ ކަމެއް ނޫނެވެ. ރާއްޖޭގައި އެންމެ އާދައިގެ ހޮޓާތަކުން ދޭ ހިދުމަތާއި އެންމެ މަތީ ފެންވަރުގެ ހޮޓާތަކުން ދޭ ހިދުމަތުގައި އަގުގައި ވެސް އުޑާއި ބިމާ ދެމެދުގެ ތަފާތު ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ. އަދި ސާވިސް ލިބުމުގައި ވެސް އެ ތަފާތު ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ސާވިސް ޗާޖް ހުރިހާ ރިސޯޓެއްގައި އެއްވަރެއް ނުވާނެ ކަމެވެ. އަދި ހަމަހަމަ އެއްވެސް ނުކުރެވޭނެ ކަމެވެ. ސާވިސް ޗާޖް ބިނާ ވާނީ އެ ރިސޯޓެއްގެ އޮކިއުޕެންސީ އާއި މުވައްޒަފުން ތިބި ނިސްބަތާއި އެ ރިސޯޓެއްގެ ފެންވަރުގެ އިތުރަށް ސާވިސް ވިއްކާ އަގެއްގެ މައްޗަށެވެ. އެ ހަގީގަތް މުވައްޒަފުން ވެސް ގަބޫލު ކުރަން ޖެހެ އެވެ.

comment ކޮމެންޓް