ހަމަނުޖެހުންތަކާއެކު އެޗްއާރުސީއެމުން މާފުށީ ޖަލަށް

މާފުށީ ޖަލު--- ސަން ފޮޓޯ// ފަޔާޒު މޫސާ

މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމެއް ޖަލަށް ޒިޔާރަތްކޮށްފިއެވެ.

އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް "ސަން"އަށް ވިދާޅުވީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޮމިޝަންގެ ޓީމެއް މާފުށީ ޖަލަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

"މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ނުކުރެވޭނެ،" އީނާސް ވިދާޅުވިއެވެ.

މީގެ އިތުރުން މާފުށީ ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޓީމެއްވެސް މާފުށީ ޖަލަށް މިއަދު ވަނީ ޒިޔާރަތް ކޮށްފައެވެ.

މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް މިފަހުން އުފެދުނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.

ޖަލުގައި ހަމަނުޖެހުން ހިންގީ ރިމާންޑުގައި ތިބި ބައެއް ކަމަށާއި، އެމީހުންގެ މައިގަނޑު ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭގޮތަށް ކުރިއަށް ނުދިއުން ކަމަށް ކަރެކްޝަންސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރުނު ފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓުވީޓެއްގައި ގައިދީން ޖަލު އޮފިސަރުންނަށް ގޯނާ ކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

https://sun.mv/129737

ހުކުރު ދުވަހުގެ ފަހުން އާދީއްތަ ދުވަހުވެސް ޖަލުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން ޖަލު އޮފިސަރުންނާ ގައިދީންނާ ދެމެދު ހަމަނުޖެހުންތަކެއް ހުރިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ޖަލު އޮފިސަރުން ގޮޅިތައް ކައިރިއަށް ދިއުމުން އޮފިސަރުން ގަޔަށް އެކި ކަހަލަ ކާތަކެތި ޖަހައި އޮފިސަރުންގެ ވާޖިބަށް ހުރަސް އެޅުމުން ގައިދީންނާ ދެކޮޅަށް ބާރުގެ ބޭނުންކުރި ކަމަށް އެ ޓުވީޓުގައި ބަޔާން ކުރައްވާފައިވެ އެވެ.

ނަމަވެސް ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ޖިސްމާނީ ހާނީއްކައެއް ދީފައިވާކަމަށް އިންސްޕެކްޓަރު ކުރެއްވި ޓުވީޓުގައި ބަޔާން ކުރައްވާފައި ނުވެއެވެ.

comment ކޮމެންޓް