ފޯނުގެ ޗާޖު ފަސް ދުވަހަށް ހިފަހައްޓާލާ ބެޓެރިއެއް!

ސްމާޓްފޯނުގެ ޗާޖު ފަސް ދުވަހަށް ދަމަހައްޓައިދޭނެ ހާއްސަ ބެޓެރިއެއް އުފައްދާފައިވާ ކަމަށް އޮސްޓްރޭލިއާގެ ރިސާޗަރުންތަކެއް ބުނެފި އެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ މޮނާޝް ޔުނިވާސިޓީ ވަނީ ދާދި ފަހުން އާ ވައްތަރެއްގެ ލިތިއަމް ސަލްފާ ބެޓެރިއެއް ތައްޔާރުކޮށްފައެވެ.

ރިސާޗަރުން ބުނާގޮތުގައި އެ ބެޓެރިއަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ "އެފިޝެންޓް" ބެޓެރިއަށް ވާއިރު، އާންމުކޮށް ގެންގުޅޭ ބެޓެރިތަކަށްވުރެ ހަތަރު ގުނަ ވަރުގަދަވާނެއެވެ.

އެ ބެޓެރިން ސްމާޓްފޯނުގެ ޗާޖު ފަސް ދުވަހަށް ދަމަހައްޓާނެ ކަމަށް ރިސާޗަރުން ބުނެއެވެ. އަދި ކާރު ތަކުގައި އެ ބެޓެރި ބޭނުންކުރާނަމަ 1،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މޮނާޝް ޔުނިވާސިޓީގެ ފަރާތުން އެ ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ، މިހާރު މަސައްކަތް ކުރަމުންދަނީ އެ ބެޓެރީ އާންމުންނަށް ބޭނުންކުރެވޭ ކަހަލަ ގޮތަކަށް ފަރުމާކުރުމުގެ މަސައްކަތް ކަމަށެވެ.

ވިޔަފާރީގެ ބޭނުންމަށް ތަފާތު އުފެއްދުންތަކުގައި މިހާތަނަށް ގިނައިން ބޭނުން ކުރަމުން ގެންދަނީ ލިތިއަމް އަޔޯން ބެޓެރިއެވެ. އެފަދަ ބެޓެރިތަކާ ހިލާފަށް ލިތިއަމް ސަލްފާ ބެޓެރިތަކަކީ ހަކަތަ ބޭނުންކުރާވަރު މަދުވެފައި ޕްރޮޑަކްޓްތަކަށް ގިނަ އިރަށް ހަކަތަ ފޯރުކޮށްދެވޭނެ ބެޓެރިތަކެވެ.

އެހެންނަމަވެސް ލިތިއަމް އަޔޯން ބެޓެރިތަކާ އަޅާ ބަލާއިރު ލިތިއަމް ސަލްފޭޓް ބެޓެރިތަކުގެ އުމުރު ކުރެވެ. އެފަދަ ބެޓެރިތައް މާ އަވަހަށް ހަލާކުވަނީއެވެ. އެ ސަބަބަށްޓަކައި ސްމާޓް ފޯނުތަކުގައި ބޭނުން ކުރަނީ ގިނަ ދުވަސް ވަންދެއް ހަލާކު ނުވެ ހުންނަ ލިތިއަމް އަޔޯން ބެޓެރިއެވެ.

މޮނާޝް ޔުނިވާސިޓީގެ ރިސާޗަރުން ބުނާގޮތުގައި އެފަރާތްތަކުން އުފައްދާފައިވާ ލިތިއަމް ސަލްފޭޓް ބެޓެރިއަކީ އޭގެ އުމުރު ގިނަ ދުވަހު ހުންނާނެ އެއްޗެކެވެ.

ސައިންސުވެރިން ބުނާގޮތުގައި އެފަދަ ޓެކްނޮލޮޖީ އާންމުންގެ އުފެއްދުންތަކުގައި ބޭނުންކުރަން ފެށުމުން ހަކަތަ ސަލާމަތްކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ބޭކާރުވާ ހަކަތައިގެ މިންވަރުވެސް މަދުވެގެންދާނެ ކަމަށް ސައިންސުވެރިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު