މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާ ވަނީ ފެއިލްވެފައި: ފިލިޕީންސްގެ ނައިބު ރައީސް

ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އާއި ނައިބު ރައީސް ލެނީ ރޮބްރެޑޯ -- ފޮޓޯ: އޭޕީ

މެނީލާ (ޖެނުއަރީ 7): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓެ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ ހަނގުރާމަ ފެއިލްވެފައިވާ ކަމަށް އެގައުމުގެ ނައިބު ރައީސް ލެނީ ރޮބްރެޑޯ ވިދާޅުވެއްޖެ އެވެ.

ފިލިޕީންސްގެ އިދިކޮޅު ލީޑަރު ކަމަށްވާ ރޮބްރެޑޯ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު ޑުޓާޓޭ ވެރިކަމަށް ވަޑައިގެންނެވި ފަހުން ގަވާއިދާ ހިލާފު މަސްތުވާތަކެތި ނައްތާލުމަށް ފެއްޓެވި މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުފެންނަ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން ފާއިތުވި ތިން އަހަރު ތެރޭ ފުލުހުންނަށް ހޯދިފައި ވަނީ އެގައުމުގައި ދައުރުވަމުންދާ މަސްތުވާއެއްޗެއް ކަމަށްވާ މެތެމްފެޓަމިންގެ އެންމެ ޕަސެންޓެއް ކަމަށް ރޮބްރެޑޯ ވިދާޅުވި އެވެ.

"ފިލިޕީންސްގެ އެތައް ރައްޔިތުންނެއް މަރާ އެތައް ފައިސާއެއް [ހަނގުރާމައަށް] ހަރަދު ކުރި ނަމަވެސް ފާއިތުވި ތިން އަހަރުތެރޭ ދައުރުވަމުންދާ މެތެމްފެޓަމިން އާއި ޑްރަގު ފައިސާގެ އެންމެ ޕަސެންޓަކަށް ވުރެ އިތުރަށް ހޯދިފައި ނުވޭ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮބްރެޑޯ ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ގަވާއިދާ ހިލާފު މަސްތުވާތަކެތި ހުއްޓުވަން ބޭނުން ނަމަ ފުރަތަމަ އަމާޒަކަށް ހަދަންވީ އެ މަސްތުވާތަކެތި ގައުމަށް ގެންނަ، އެކަމުގައި އިސްކޮށް ތިބޭ މީހުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކެމްޕެއިން އިތުރަށް ރާވާ، ކެމްޕެއިންގެ ހުރިހާ ކަމެއް ރައީސް ގާތުން ބައްލަވަމުން ނުގެންދަވާ ނަމަ އެ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފިލިޕީންސްގެ ފުލުހުންނާއި ޑްރަގް އެންފޯސްމެންޓް އޭޖެންސީން މިދިޔަ މަހު ބުނި ގޮތުގައި އެކެއް ޖުލައި 2016 އާއި 30 ނޮވެމްބަރު 2019 އާ ދޭތެރޭ އެގައުމުގައި ސަރުކާރުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 5،552 މީހަކު މަރުވެފައިވެ އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ކަމާ ބެހޭ އިދާރާތަކުން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން 2016އިން ފެށިގެން މެއި މަހާ ހަމަޔަށް 6،600 މީހަކު ވަނީ އެފަދަ އޮޕަރޭޝަންތަކުގައި މަރުވެފަ އެވެ. އެހެންކަމުން ސަރުކާރުން އާއްމު ކުރާ މައުލޫމާތުގެ ސައްހަ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިދިޔަ އަހަރުގެ ޖޫން މަހާ ހަމަޔަށް މަރުވި މީހުންގެ އަދަދު 27،000އަށް އަރާނެ އެވެ.

ފިލިޕީންސްގައި ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަނީ ވަކިން ކަމުން، ދެ މަގާމަށް އިދިކޮޅު ފިކުރުގެ ބޭފުޅުން އައުމުގެ ފުރުސަތު އޮވެ އެވެ.

ޑުޓާޓޭއާ އެކު ނައިބު ރައީސް ކަމަށް އިންތިހާބުގެ ކުރީގެ ވަކީލު ރޮބްރެޑޯ ވަނީ މިދިޔަ އަހަރު ސަރުކާރުގެ އެންޓި-ޑްރަގް ކޮމިޓީއެއްގައި އިސްކޮށް ހުންނަވާފަ އެވެ. ނަމަވެސް އެގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕެއިނާ ގުޅުން ހުރި ސިއްރު މައުލޫމާތު ހޯއްދަވަން ރޮބްރެޑޯ މަސައްކަތް ކުރެއްވުމުން އޭނާ ވަނީ މަގާމާ ހަވާލުވިތާ އެންމެ 18 ދުވަސް ފަހުން އެ މަގާމުން ދުރުކޮށްފަ އެވެ.

comment ކޮމެންޓް