މީހުން ދިރިއުޅޭ 19 ރަށެެއްގައި ބީޗު ސްކައުޓުން ބައިތިއްބަން ނިންމައި، ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ 19 ރަށެއްގެ މޫދަށްއެރޭ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސޭފްޓީ ބޯޑު ބަހައްޓައި "ބީޗު ސްކައުޓުން"ގެ ނަމުގައި ލައިފްގާޑުން ބައިތިއްބައި ނިންމައި، އެ މަގާމަށް ކުރިމަތިލާން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިއީ ރާއްޖެއަކީ، ފަތުރުވެރިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި އަދި އަމާން މަންޒިލެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީ އާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން، ފަށާފައިވާ "ވޯޓާ ސޭފްޓީ ޕްރޮގްރާމް"ގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.

އެގޮތުން ބީޗު ސްކައުޓުން ބައިތިއްބަން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓު އެނދު ގާއިމުކޮށްފައިވާ ރަށްތަކުގަ އެވެ.

މިހާތަނަށް ބީޗު ސްކައުޓުން ބޭތިއްބުމަށް ނިންމާފައިވާ 19 ރަށް:

  • ބ. ދަރަވަންދޫ
  • އއ. ރަސްދޫ
  • އއ. ތޮއްޑޫ
  • އއ. އުކުޅަސް
  • އދ. ދިގުރަށް
  • އދ. ހަންޏާމީދޫ
  • ކ. ދިއްފުށި
  • ކ. ގުޅި
  • ކ. ގުރައިދޫ
  • ކ. ހިންމަފުށި
  • ކ. ހުރާ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • ވ. ތިނަދޫ
  • ލ. ގަން
  • އައްޑޫ ސިޓީ
  • މާލެ
  • ހުޅުމާލެ
  • ވިލިމާލެ

ބީޗު ސްކައުޓުންގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިންނަށް ސޭފްޓީ ބްރީފިން ދިނުމާއި އެ ދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މައުލޫމާތާއި މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަން ޖެހޭ މިންގަނޑު ހިފަހައްޓާތޯ ބެލުމާއި މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން -ކަނޑައަޅާފައި އޮންނަ ސަރަހައްދުގެ ތެރޭގައިތޯ ބެލުމެވެ.

އޭގެ އިތުރުން މީހުން މޫދަށް އެރި އުޅުމުގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރުމާ އެކު، މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަހައްދަކީ މޫދަށް އެރޭ ފަރާތްތަކަށް ރަހްމަތްތެރި އަދި ރައްކާތެރި މާހައުލަކަށް ހަދައި، ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ސޭވިން އިކުއިޕްމަންޓް އަދި އެމަޖެންސީ ހާލަތެއްގައި ބޭނުންކުރަން ހުންނަ ތަކެތި ބޭނުންކުރުމާއި ބެލެހެއްޓުން ވެސް ބީޗު ސްކައުޓުންގެ ޒިންމާގެ ތެރޭގައި ހިމެނެ އެވެ.

ބީޗު ސްކައުޓްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ޓޫރިޒަމް މިނިސްޓްރީން ލިބެން ހުންނާނެ އެވެ. އަދި ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މަގާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއުކޮށް، ހޮވޭ ފަރާތްތައް ތަމްރީނު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ޖެނުއަރީ 22 ން ފެށިގެން 30 ވަނަ ދުވަހަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، އަންނަ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ރަށެއްގައި ވެސް ބީޗްސްކައުޓަކު ހުންނާނެ އެވެ.

comment ކޮމެންޓް