މި ބޯޓްތައް "ވެއްޓުނަސް" ކަންބޮޑުވާކަށް ނުޖެހޭ!

މިއަދު އިންޖީނު ފެއިލް ވެގެން މޫދައް ޖެއްސި ބޯޓް، 2015 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅެނިކޮށް ވެއްޓިފައި ---

މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތަކުގެ ސަބަބުން ބޯޓު ވެއްޓި ނުވަތަ އެމަޖެންސީކޮށް "ކްރޭޝް ލޭންޑް" ކުރާ އަޑު މީގެ ކުރިން ރާއްޖޭގައި އިވެނީ ވަރަށް މަދުންނެވެ. ނަމަވެސް މިފަހަކަށް އައިސް ހާއްސަކޮށް އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލްގެ ބޯޓުތަކަށް މައްސަލަ ދިމާވެ، މިފަދަ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިފަދަ ހާދިސާތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވާއިރު، އާންމުކޮށް ބޯޓު އޮންނަނީ ބޯކޮޅު ވަތަށް ރަންވޭ މައްޗަށް ވެއްޓިފައި ކަހަލަ ގޮތަކަށެވެ. ސީއޭއޭއިން ކުރާ ތަހުގީގުތަކުގެ ރިޕޯޓުން ވެސް އެނގޭ ގޮތުގައި އިމަޖެންސީކޮށް ބޯޓު ޖައްސާއިރު އެންމެ ބޮޑަށް ގެއްލުން ވާ އެއް ދިމާލަކީ ބޯޓުގެ ކުރީ ކޮޅެވެ.

ޖެނުއަރީ 4، 2020 ގައި އައްޑޫ ފްލައިންގް ސްކޫލުގެ ބޯޓެއް ވެއްޓިގެން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ-- ފޮޓޯ/އައްޑޫ ލައިވް

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާ ގޮތުގައި އޭއޭއޭގެ ފްލައިޓްތަކަށް އެކިއެކި މައްސަލަތައް ދިމާވެގެން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ހަތަރު ފަހަރަކު އެވެ. ފާއިތުވެދިޔަ އަށް ވަރަކަށް އަހަރުގެ ތެރޭގައި ހިނގި މި ހާދިސާތަކުގެ ތެރެއިން ދެ ހާދިސާ ހިނގީ، މިވީ ހައެއްކަ މަސް ދުވަހުގެ ތެރޭގަ އެވެ.

އޭގެ ތެރެއިން އެއް ހާދިސާގައި ބޯޓެއްގެ އިންޖީނު ފެއިލްވެގެން މޫދަށް ވައްޓާލާފައި ވެސް ވެއެވެ. ދެން ހިނގި ހާދިސާތަކާ ގުޅިގެން ހަބަރުތަކުގެ ސުރުހީތަކުގައި އަބަދުވެސް އޮންނަނީ ލޭންޑިންގް ގިއަރަށް މައްސަލައެއް ދިމާވެގެން ބޯޓު "ކްރޭޝް ލޭންޑް" ކުރާ ވާހަކަ އެވެ.

އައްޑޫ ސިޓީ ޝަންގްރިލާ ވިލިނގިލި ރިސޯޓު ކައިރިން މޫދަށް ޖެއްސި ބޯޓް ކަނޑުގެ އަށް މީޓަރު އަޑިއަށް ގޮސްފައި ---

ކަމާބެހޭ ފަރާތްތަކާ ހަވާލާދީގެން މިގޮތަށް ލިޔުނަސް ފްލައިންގް ސްކޫލުގެ ދަރިވަރުން ބުނަނީ އޭގެ ތެރެއިން އެއް ފަހަރު ވެސް ކްރޭޝް ލޭންޑެއް ކޮށްފައި ނުވާ ކަމަށާއި އެއީ "ކޮންޓްރޯލްޑް ލޭންޑިންގް" އެއް ކަމަށެވެ.

ސީއޭއޭއިން "ސަން"އާ ހިއްސާކުރި ފްލައިންގް ސްކޫލުގައި ހިނގި ހާދިސާތަކުގެ ހުލާސާގައި ބަޔާންކޮށްފައި އޮންނަނީ އެ ހާދިސާތައް ހިނގީ އިމްޕްރޮޕާ ރިކަވަރީ އާފްޓާ ބައުންސްޑް ލޭންޑިންގެ ސަބަބުން ކަމަށެވެ. އެ ހާލަތަކީ، ބޯޓް ޖައްސަން ޖެހޭ ސްޕީޑަށް ވުރެ ބާރަށް ބޯޓް ޖައްސަން މަސައްކަތް ކުރުމުގެ ސަބަބުން، ނޫނީ ވައިގެ ބާރުމިން ހުންނަ ގޮތެއްގެ ސަބަބުން ބޯޓް ރަނގަޅަށް ނުޖެއްސުމެވެ.

މިހާތަނަށް ހިނގި ހާދިސާތަކުގެ ކުރު ހުލާސާ

 • 8Q-GAB 2012 އިމްޕްރޮޕާ ރިކަވަރީ އާފްޓާ ބައުންސްޑް ލޭންޑިން (ރިޕޯޓް 2012-02)
 • 8Q-GAC 2015 އިމްޕްރޮޕާ ރިކަވަރީ އާފްޓާ ބައުންސްޑް ލޭންޑިން (ރިޕޯޓް 2015-02)
 • 8Q-GAC 2019 (ސީރިއަސް އިންސިޑެންޓު، އިންވެސްޓިގޭޝަން އަދި ނުނިމޭ)
 • 8Q-GAD 2020 (އިންވެސްޓިގޭޝަން އަދި ނުނިމޭ)

ސިވިލްއޭވިއޭޝަންގެ ތަހުގީގު ނުނިމި، ކުރިއަށްދަނީ މިދިޔަ ހަފުތާގައި ހިނގި ހާދިސާއަކާއި މިދިޔަ އަހަރު ހިނގި ހާދިސާއެއްގެ އެވެ. އޭގެ ތެރެއިން ސީރިއަސް އިންސިޑެންޓެއްގެ ގޮތުގައި ލިސްޓުކޮށްފައިވަނީ މިދިޔަ އަހަރު އޭއޭއޭގެ ފްލައިޓެއް އުދުހެނިކޮށް، އިންޖީނު ފެއިލްވެގެން ކަނޑަށް ވެއްޓުނު ހާދިސާ އެވެ.

ކަނޑަށް ޖެއްސި އައްޑޫ ފްލައިންގް ސްކޫލުގެ ބޯޓު ނަގަނީ--

އުފެދޭ ސުވާލަކީ މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވަނީ ކީއްވެ ހެއްޔެވެ؟ ފްލައިންގް ސްކޫލުގެ ފްލައިޓުތަކުގެ މެއިންޓަނެންސް ބަރާބަރަށް ކޮށް ސަލާމަތީ ކަންކަން ރަނގަޅު ހެއްޔެވެ؟

ސީއޭއޭއިން ބުނާ ގޮތުގައި ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި އެއްގޮތަށް މެއިންޓަނެންސް މަސައްކަތް ކުރަމުންދެ އެވެ. އަދި މިފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި ވެސް އެ އެކަޑަމީއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ؛

 • އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމިޓީން ނެރެފައިފާ ރެކޮމެންޑޭޝަންތައް ތަންފީޒް ކުރުން
 • ސީއޭއޭގެ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރެވެމުންދާ މިންވަރު ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުން
 • އައިކާއޯ އަދި އިއާސާގެ މިންގަނޑުތަކުގައި މަސައްކަތް ކުރިއަށް ގެންދިއުން
 • ބައިނަލް އަގުވާމީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރެގިއުލޭޝަންތައް ބަދަލު ކުރުން
 • މީގެ އިތުރުން ކޮންމެ އަހަރަކު ވެސް ސޭފްޓީ އިންސްޕެކްޝަން އަދި ސޭފްޓީ އޮޑިޓެއް ހަދާ ކަމަށް
 • އޮޑިޓް ފައިންޑިންގްސް ކޮލޯޒް ކުރުމުގެ ތެރެއިން، ފްލައިން ސްކޫލުގައި އުދުހުމުގެ ސަލާމަތާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން

ފްލައިންގް ސްކޫލުގެ ދަރިވަރުން ވެސް އެފަދަ ކަންކަމާ ކަންބޮޑެއް ނުވެ އެވެ. އޭނާ ބުނީ ފްލައިންގް ސްކޫލުގެ ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރު ކަމަށާއި އެފަދަ ހާދިސާއެއް ދިމާވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މެއިންޓަނެންސް ކަންތައް ވަރަށް ރަނގަޅަށް ބަލަހައްޓާކަން ފާހަގަ ކުރެވޭ. ކޮންމެ ބޯޓެއް ވެސް ވަކި ވަރަކަށް ގަޑިއިރު ފްލައި ކޮށްފައި މެއިންޓަނެންސްއަށް ލާނެ. ކްރޭޝްއެކޭ ނުބުނެވޭ އަސްލު. ޕްރީ ފްލައިޓް ޗެކުގައި ނެތް ކަމެއް ވެސް ހަމަ އިން-ފްލައިޓުގައި ދިމާވެދާނެ. ފްލައި ކުރުމުގެ ކުރިން ވަރަށް ގިނަ ކަންތައް ބަލާފަ ފްލައި ކުރާނީ." ދަރިވަރުން ބުންޏެވެ.

ސީއޭއޭގެ ރިޕޯޓުގައި ހާދިސާ ހިނގި ކަމަށް ބުނާ ސަބަބާ ބެހޭގޮތުން އޭނާ ބުނީ އިމްޕްރޮޕާ ރިކަވަރީއެއްގެ ސަބަބުން ލޭންޑިންގް ގިޔަރަށް މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އެއީ ކްރޭޝް ލޭންޑިންގްއެއް ނޫން ކަމަށެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ނަމުގައި ރަޖިސްޓްރީކޮށްގެން ޖުމްލަ 12 މަތިންދާ ބޯޓު ބޭނުން ކުރަމުންދާއިރު، ބޯޓު ވެއްޓޭ ހާދިސާތަކުން އެ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ އަރާ ކަމަށް ސީއޭއޭއިން ބުނެ އެވެ.

އެގޮތުން މިފަދަ ހާދިސާތަކާ ގުޅިގެން ބޭނުންކުރެވޭ އެއާކްރާފްޓް މަދުވުމުން ސްޓޫޑަންޓް ޕައިލެޓުން އުދުހެން ލިބޭ ފުރުސަތު މަދުވެގެން ދާނެ ކަމަށް ސީއޭއޭއިން ދެކެ އެވެ.

އޭއޭއޭގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް

 • Piper PA34 މަރުކާގެ 1 ބޯޓު
 • Cessna 172 RG މަރުކާގެ 1 ބޯޓު
 • Cessna 172 މަރުކާގެ 1 ބޯޓު
 • Cessna 150 މަރުކާގެ 8 ބޯޓު
 • Cessna 152 މަރުކާގެ 3 ބޯޓު

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން އެކްރެޑިޓް ކޮށްފައިވާ އޭއޭއޭ ފްލައިންގް ސްކޫލެއް އައްޑޫ ސިޓީ ގަމުގައި ހުޅުވީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެގްރީމަންޓް ހަމަވެގެން އެ ސްކޫލް މިއަހަރުގެ ތެރޭގައި ބަންދު ކުރަން ނިންމާފައިވާއިރު، އެ ސްކޫލުން ކޯސް ނިންމާ ދަރިވަރުންނަށް ސިވިލް އޭވިއޭޝަން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮމާޝަލް ޕައިލެޓް ލައިސެންސަށް އެދި ހުށަހެޅެ އެވެ.

comment ކޮމެންޓް