ފެހެންދޫ ޕްރީސްކޫލް ކުދިން ތައުލީމުން މަހުރޫމްވަނީ

ބ. އަތޮޅު ގޮއިދޫ (ކ) އަދި ފެހެންދޫ (ވ) ---

ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅޭ ބ. ފެހެންދޫގެ ސްކޫލަށް ދާ އުމުރުގެ ކުދިން ޒަމާނުއްސުރެ އުފުލާ ބުރައަކީ ތައުލީމު ހާސިލްކުރުމަށް ފަޅު ހުރަސްކޮށް ޖެހިގެން އޮންނަ ގޮއިދޫ އަށް ދިޔުމެވެ. އެ ހާލުގައި، ގަދަ ވަޔާއި ވިއްސާރާގައިވެސް ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވަނީ ދަރިންނަށް އެކަށީގެންވާ ތައުލީމެއް ދިނުމަށެވެ. ރަށުގައި ތިބެގެން އެ ފުރުސަތު ލިބެން ނެތީމަ އެވެ.

ފެހެންދޫގެ ގްރޭޑު 1-10 އަށް ތައުލީމު ހާސިލް ކުރާ ކުދިން މިގޮތަށް ގޮއިދޫ އަށް ދަތުރު ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ރަސްމީ ތައުލީމުގެ ދަށުން ފެހެންދޫގައި ސްކޫލެއް ނުހިންގާތީ ކުދިން ގޮއިދޫ އަށް ދިޔުމުގެ ހުރިހާ ހަރަދެއް ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާއްސަ އެލަވެންސެއްވެސް ދެއެވެ.

ސްކޫލް ފެރީގައި ފެހެންދޫ ދަރިވަރުން ގޮއިދޫއަށް ފުރަނީ ---

ނަމަވެސް ފެހެންދޫގެ ކުދިންގެ ތެރެއިން ޕްރީސްކޫލު ތައުލީމު ހާސިލްކުރާ އުމުރުގެ ކުދިންގެ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ރަށުގައި "ސަރުކާރުން ހިންގާ ޕްރީސްކޫލެއް" ނަމެއްގައި ހުންނާތީ ގޮއިދޫ އަށް އެކުދިން ގެންދަން އެލަވެންސެއް ނުދިނުމެވެ. އެކަށީގެންވާ ތަމްރީނެއް ނެތް ޓީޗަރަކާއެކު "ގޮއިދޫ ސްކޫލުގެ ޔުނިފޯމުގައިި ގޮއިދޫ ސްކޫލުގެ ކުދިންގެ ގޮތުގައި ތިބެ" ފެހެންދޫގައި ހުންނަ ސްކޫލަށް ދާންޖެހުމެވެ. އެ ކުދިންނަށް ފެހެންދޫގައި އެކަށީގެންވާ ތައުލީމެއް ލިބެން ނެތް ނަމަވެސް، ގޮއިދޫއަށް އެ ކުދިން ގެންދަން ބެލެނިވެރިންނަށް އޮތް ފުރުސަތުތައް ބަންދުވަނީ އެވެ.

ހަތް ކުދިން ގެންދަން ޑިންގީގައި ޖާގައެއް ނެތް

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މީގެ ކުރިން ފެހެންދޫ އިން ގޮއިދޫ އަށް ކިޔެވުމަށް ގޮސް އުޅުނީ ޕްރީ ސްކޫލު އުމުރުގެ ދެ ކުދިން ކަމަށެވެ. ފެހެންދޫ އާއި ގޮއިދޫ އާ ދެމެދު ދަތުރުކުރާ ޑިންގީ ގައި އެކުދިން ގޮއިދޫ އަށް ގެންގޮސް ހެދި ނަމަވެސް މިއަހަރު ފެހެންދޫ އިން ގޮއިދޫ އަށް ދާނެ ޕްރީސްކޫލު އުމުރުގެ ހަތް ކުއްޖަކު އެބަތިބި ކަމަށެވެ.

"ހަތް ކުދިން ގެންދަންޏާ އެބަޖެހޭ އިތުރު ދަތުރެއް އަޅަން. އިތުރު ދަތުރެއް އަޅަންޏާ އެއީ ހަރަދެއް. އެޑިއުކޭޝަން މިނިސްޓްރީ އިން އަޅުގަނޑުމެންނަކަށް އެ ހަރަދެެއް ނުދޭ. މިނިސްޓްރީ އިން ބުނަނީ ފެހެންދޫގައި ޕްރީސްކޫލު ހިންގާ ކަމަށް. ޕްރީސްކޫލު އެރަށުގައި ހިންގާތީ އެރަށުގެ ކުދިން ގޮއިދޫ އަށް ގެންނަން ބޭނުންވާނެ އެލަވެންސް ނުދޭނެ ކަމަށް،" ނިޒާމް ވިދާޅުވި އެވެ.

ފެހެންދޫ ސްކޫލް: ---

ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް

ފެހެންދޫ ގައި ހުންނަ ޕްރީސްކޫލަށް ތައުލީމު ހާސިލްކުރުމަށް މިދިޔަ އަހަރު ދިޔައީ އެންމެ ކުއްޖެކެވެ. އެ ކުއްޖާއަށް ކިޔަވައިދިނުމަށް ގޮއިދޫ ސްކޫލުން ވަގުތީ ޓީޗަރެއް ހަމަޖައްސައިދިނެވެ. ފެހެންދޫގެ ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ މިއެވެ. ޓްރެއިނިން ލިބިފައިވާ ޓީޗަރެއް ނެތި ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން ބޭނުމެއް ނުވެއެވެ.

"ބެލެނިވެރިންގެ ކޮންސާން އަކީ ރަސްމީތައުލީމުގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖު (ޕްރީ ސްކޫލުގެ އެލެކޭޖީ ޔޫކޭޖީ) ހިމެނޭއިރު އެކުދިން ގޮއިދޫ އަށް އަންނަން އެލަވެންސެއް ނުދިނުން،" ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ފެހެންދޫ އާއި ގޮއިދޫ އާއި ދެމެދު އާންމުކޮށް ކުރާ ދަތުރަކަށް 200 ރުފިޔާ ހޭދަވާއިރު ކޮންމެ ދުވަހަކު 400 ރުފިޔާ އަމިއްލަ އަށް ހަރަދުކުރުމަކީ ބެލެނިވެރިންނަށް ބޮޑު ބުރައަކަށް ވާނެއެވެ.

ބެލެނިވެރިންގެ އަނެއް ޝަކުވާ އަކީ ގޮއިދޫ ސްކޫލުގެ ރަޖިސްޓްރީގައި ޖައްސާފައި، ފެހެންދޫ ކުދިން ފެހެންދޫގައި ހުންނަ ސްކޫލަކަށް ގެންދިޔުމެވެ.

"ފައުންޑޭޝަން ސްޓޭޖުގައި ގޮއިދޫ ސްކޫލަށް ރަޖިސްޓްރީކޮށްފައި، ފެހެންދޫ އިމާރާތަކަށް މިވައްދަނީ ވަގުތީ ޓީޗަރެއް ގެނެސްގެން. ވަގުތީ ޓީޗަރު ބަލިވެއްޖެއްޔާ މިތިބެނީ ސްކޫލަށް ނުގޮސް،" ފެހެންދޫގެ ބެލެނިވެރިން ބުންޏެވެ.

ފެހެންދޫ ކުދިން އެރަށު ޕްރީސްކޫލަށް ދިޔަ ނަމަވެސް ލާންޖެހެނީ ގޮއިދޫ ސްކޫލުގެ ޔުނިފޯމެވެ. އެތަނުގައި ކުދިންނަށް ބޭނުންވާނެ ވަސީލަތްތަކެއް ނެތެވެ. އިޖުތިމާއީ ގުޅުމާއި ކުދިންނާއި ގުޅިގެން އުޅެން ދަސްކޮށްދޭން ޖެހޭ އުމުރުގައި، މަދު ކުދިންކޮޅަކާއެކު ތަމްރީނެއް ނެތް ޓީޗަރަކާ ކުދިން ހަވާލުކޮށްގެން ތިބޭކަށް ފެހެންދޫގެ ބެލެނިވެރިން ބޭނުމެއް ނޫނެވެ.

ބ. ފެހެންދޫ މަގެއް-- ފޮޓޯ: އޭދަފުށި ޓައިމްސް

އުސޫލާ ހިލާފަށް އެލަވެންސެއް ނުދެވޭނެ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރ އަބްދުލްވަލީއު އަލީ ވިދާޅުވީ މިނިސްޓްރީގެ އުސޫލާ އެއްގޮތަށް ފެހެންދޫގައި ޕްރީސްކޫލު ޓީޗަރެއް ހުންނާނެ ކަމަށެވެ. އަދި ފިނޭންސްގެ އުސޫލާ ހިލާފަށް ފެހެންދޫގެ ޕްރީސްކޫލު ކުދިން ގޮއިދޫ އަށް ދިޔުމަށް އެލަވެންސް ދެވެން ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮންނަ އުސޫލުގެ ދަށުން އިއުލާނު ކުރިން ފެހެންދޫ އަށް ޕްރީ ސްކޫލު ޓީޗަރެއް ހޯދަން. ޓްރެއިންޑް ޓީޗަރެއް ނުލިބުމުން ރިލީފް ޓީޗަރެއް ނަގަން ޖެހެނީ. އަނެއްކޮޅުން ޕްރީސްކޫލެއް ފެހެންދޫގައި ހުރެފައި، ޕްރީސްކޫލު ކުދިން ގޮއިދޫ އަށް ގެންދަން ބޭނުންވިޔަސް އެކުދިންނަށް ދަތުރު ހަރަދެއް ނުދެވޭނެ. އެއީ ފިނޭންސްގެ އުސޫލާ ހިލާފުކަމެއް. ރަށުން ލިބެން ހުރި ހިދުމަތެއް ހޯދަން އެހެން ރަށަކަށް ދާން ބޭނުންނަމަވެސް އެކަމަށް އެހީ ދިނުން އުސޫލުގައި ނޯވޭ،" އޭނާ ވިދާޅުވި އެވެ.

ފެހެންދޫގައި އާބާދީ މަދުވުމުގެ ސަބަބުން އެރަށުގައި ސްކޫލެއް ނުހިންގައެވެ. ފެހެންދޫ ދަރިވަރުންގެ ތެރެއިން ގޮއިދޫ އަށް ކިޔަވަންދާ ކުދިން ކޮންމެ ދުވަހަކުވެސް ސްކޫލަށް ގޮސް އައިސް ހަދަނީ ޑިންގީ އެއްގަ އެވެ. ފެހެންދޫ އާއި ގޮއިދޫ އާއި ދެމެދު ދަތުރުކުރާނެ ފެރީއެއް ބަނުމަށް އިންޑިއާ އިން އެހީދީފައިވާއިރު އެ ދެރަށް ގުޅުވާލާ ކޯޒްވޭ އެއް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް