ވީއައިއޭއަށް ރެކޯޑް ދުވަސްތަކެއް

ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެއާޓްރެފިކް މޫމަންޓްސް 811 އަށް އަރާކަމަށާއި މިއީ އާ ރެކޯޑެއް ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އާދިއްތަ ދުވަހު 252 ރަންވޭ މޫމަންޓްސް ހިނގާފައިވާއިރު ސީޕްލޭން މޫމަންޓްސްގެ އަދަދު 559 އަށް އަރައެވެ.

މިދުވަސްވަރަކީ ފަތުރުުވެރިކަމުގެ ޕީކް ސީޒަނަށްވެފައި، ބޮޑު ޗުއްޓީ ކަމަށް ވުމުން އެއާޕޯޓުގެ އޮޕަރޭޝަން އަށް ބާރު ބޮޑެވެ. ހާއްސަކޮށް އާދިއްތަ ދުވަހަކީ އެއާޕޯޓަށް ބާރު ބޮޑު ދުވަހެކެވެ.

މިމަހުގެ ފަސްވަނަ ދުވަހު ވީއައިއޭ އިން އާ ރެކޯޑެއް ހަދާފައިވަނީ ޑިސެމްބަރު 24 ވަނަ ދުވަހުގެ އެއާޓްރެފިކް މޫމަންޓް ރެކޯޑު މުގުރާލުމަށް ފަހުއެވެ.

އެމްއޭސީއެލް އިން ބުނީ އެކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެއާޕޯޓަށް އޮޕަރޭޓުކުރާ އެއާލައިންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.

މިދުވަސްވަރަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރަކަށް ވާތީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން ވަނީ މީގެ ކުރިން އެދިފައެވެ.

https://sun.mv/129769

comment ކޮމެންޓް