ޖަޕާނުގެ ނީލަމެއްގައި ކަންނެއްޔެއް 1.8 މިލިއަން ޑޮލަރަށް ވިއްކާލައިފި

ކިޔޯޝީ ކިމުރާ އޭނާ ގަތް 1.8 މިލިއަން ޑޮލަރުގެ ކަންނެއްޔާއެކު -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މަސް މާރުކޭޓެއްގައި ބޭއްވި ނީލަމެއްގައި ކަންނެއްޔެއް 1.8 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ބަރުދަނުގައި 276 ކިލޯ ހުރި އެ ނޫ އުރަހަ ކަންނެލި ގަނެފައި ވަނީ ސޫޝީ ޒަންމައި ކިޔާ ރެސްޓޯރެންޓް ޗެއިންއެއްގެ ވެރިޔާ ކަމަށްވާ ކިޔޯޝީ ކިމުރާ އެވެ. ޖަޕާނުގެ އެންއެޗްކޭ ނޫހުން ބުނި ގޮތުގައި އެ މަސް ބޭނީ ގައުމުގެ އުތުރުގައި އޮންނަ އައޮމޮރީންނެވެ.

"ޓޫނާ ކިންގް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ކިމުރާ ވަނީ 2013 ވަނަ އަހަރު 1.4 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފަ އެވެ. އަދި މިދިޔަ އަހަރު 278 ކިލޯގެ ނޫ އުރަހަ ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ގަނެފަ އެވެ. އެއީ އެގައުމުގައި އެހާވަރަށް ބޮޑު އަގަކަށް ކަންނެއްޔެއް ގަތް ފުރަތަމަ ފަހަރެވެ.

ކިމުރާ ބުނި ގޮތުގައި މަހުގެ އަގުބޮޑުވި ނަމަވެސް، އޭނާގެ ކަސްޓަމަރުންނަށް މީރު ކާނާ ފޯރުކޮށްދެވޭ ނަމަ އެއީ މައްސަލައެއް ނޫނެވެ.

ޖަޕާނަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނައިން ކަންނެލި ބޭނުން ކުރާ ގައުމެވެ. އަދި ނޫ އުރަހަ ކަންނެންޔަކީ ނެތިގެން ހިނގައި ދާނެ ކަމުގެ ބިރުހީވެފައިވާ ބާވަތެއް ނަމަވެސް، ޖަޕާނުން އެބާވަތުގެ ކަންނެލި ގިނަ އަދަދަކަށް ބާނަމުން ދާތީ ދުނިޔޭގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް