މަސްލަހަތު އޮތް މައްސަލައެއްގައި އަނާރާގެ ނުރުުހުން އެހެން ވަކީލަކަށް!

ބާ ކައުންސިލުގެ އެކްސްކޯ މެމްބަރު އަނާރާ ނައީމް (ކ) އަދި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ (ވ) --

ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރުމާ ބެހޭ އެންމެހާ ކަންކަން ނިންމާ ބާ ކައުންސިލުގެ އެކްސްކޯ މެމްބަރު އަނާރާ ނައީމް، ޓްވިޓާގައި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާއަށް ފާޑުވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަަރުގެ ކުރީކޮޅު އަނާރާގެ ފިރިކަލުން، އާދަމް ޝަފީގުގެ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މަސައްކަތް ކުރަމުން ދިޔަ މ. ނަލަހިޔާމަންޒިލް އިމާރާތުގެ މަތިން ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން ނަމަކަށް ކިޔާ ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ. ޝުނާނާ އަކީ އެ މައްސަލައިގައި، ޖިއާންގެ މައިންބަފައިންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާގެ އިސް ފަރާތެކެވެ. މިހާރު އެ މައްސަލަ ޖިއާންގެ އާއިލާގެ ފަރާތުން ވަނީ ބަދަލުހޯދަން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އާ އަހަރުގެ އަމާާޒުތަކާ ބެހޭގޮތުން ޝުނާނާ ކުރެއްވި ޓްވީޓަކަށް އިއްޔެ ކޮމެންޓު ކުރައްވަމުން އަނާރާ ވިދާޅުވީ، ކަން ކުރާ ގޮތުން ކުންފުންޏެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލި، ކުޑަކުދިންނާއި އާއިލާއެއް ބިކަވެދާނެ ކަމާ މެދުވެސް އާ އަހަރުގައި ޝުނާނާ ވިސްނާލުން ރަނގަޅު ކަމަށެވެ. އެއަށްފަހު އަނާރާ އާއި ޝުނާނާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ.

ޝުނާނާ ވިދާޅުވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އިސްވެރިން ދޭން ޖެހޭ އިރުޝާދު ނުދިނުމުގެ ސަބަބުން، މުވައްޒަަފުން އިހުމާލުވެ ކުޑަކުދިން މަރުވެ އެ ކުއްޖާގެ އާއިލާ އުމުރު ދުވަހު ހިތާމަ ކުރަން ޖެހޭ ހާލަތާ މެދުވެސް ވިސްނާލަން ޖެހޭ ކަމަށެވެ. ރައްދުގައި އަނާރާ ވިދާޅުވީ، މުވައްޒަފުގެ އިހުމާލުގެ ޒިންމާ އުފުލަން ޖެހޭނީ އިސްވެރިން ނޫން ކަމަށާއި، އެކަން ކުރި މުވައްޒަފަކު ކަމަށެވެ. އެކަމަކު އެވާހަކަތަކާ ޝުނާނާ ދެކޮޅެވެ. ވެރިންގެ ފަަރާތުން ދޭން ޖެހޭ އިރުޝާދު ނުދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ ވެރިޔާ އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިއާން މަރުވި މައްސަލައިގައި ޝަފީގާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން ނަލަހިޔާމަންޒިލުގައި މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީއަކަށް ދައުލަތުން ދައުވާ ކުރި އެވެ. އެ މައްސަލައިގައި ޝަފީގުގެ މައްޗަށް ކުރި މީހަކު މަރުވެދިޔުމުގައި އިހުމާލުވުމުގެ ދައުވާ ސާބިތު ނުވި ނަމަވެސް، މޫސަގެ މައްޗަށް ކުރި މީހަކު މަރުވެދިޔުމުގައި އިހުމާލުވުމުގެ ދައުވާ ސާބިތުވެ، 115،200 ރުފިޔާއިން އޭނާ ޖޫރިމާނާ ކުރި އެވެ.

ދައުވާ ކުރި ބިދޭސީންގެ ތެރެއިން މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ކުރި ރައްޖާވް އަލީގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އެ އަމަލަށް އެހީތެރިވުުމުގެ ދައުވާ ކުރި މުތަމަނި ރަމަޗަންދުރަންއަށް ތިން އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. ނުރައްކަލެއްގެ އިންޒާރު ނުދިނުމުގެ ދައުވާ ކުރި ކެޝަހިލަލް ޗައުހާން އާއި ގުލާމް މުހައްމަދުގެ މައްޗަށް ދައުވާ ސާބިތުވެ އެ ދެ މީހުން 7200 ރުފިޔާއިން ޖޫރިމާނާ ކުރި އެވެ.

އަނާރާގެ ޓްވީޓުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން، ޖިއާންގެ މަރާ ގުޅޭ މަދަނީ މައްސަލައެއް ކޯޓަށް ވައްދާފައި ވަނިކޮށް، އޭނާ ބާ ކައުންސިލުގެ އެކްސޯގައި ހުންނަވައިގެން، އޭނާގެ މަސްލަހަތު އޮތް އެ މައްސަލައިގައި، ދައުވާ ކުރާ ފަރާތުގެ ވަކީލުންނާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އެތިކްސްއާ ހިލާފު ކަމެއް ކަމަށް އޭނާއަށް ފާޑުކީ މީހަކު ބުންޏެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނާރާ ބާ ކައުންސިލުގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއްގައި އެހެން ވަކީލަކާ "ދިމާކުރެއްވުމަކީ" ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކަމަކު، އަނާރާ ގަބޫލުފުޅު ކުރައްވަނީ އޭނާގެ ޓްވީޓުތަކަކީ ނަސޭހަތް ކަމުގަ އެވެ. އެ ޖަވާބު މުހުތާޒަށް ދެއްވުމުގެ އިތުރުން "ނަސޭހަތް ދޭން ޖެހޭ މީހުންނަށް ނަސޭހަތްތެރިވާން ޖެހޭ" ކަމަށް ވިދާޅުވެ އޭނާ ވަކިންވެސް ޓްވީޓް ކުރެއްވި އެވެ.

"ނަސޭހަތް ދޭން ޖެހޭ މީހުންނަށް ނަސޭހަތްތެރިވާން ޖެހޭ. ނޫން ނަމަ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ކުރިމަތިވެދާނެ،" ވަކިން ކުރެއްވި ޓްވީޓެއްގައި އަނާރާ ވިދާޅުވި އެވެ.

ބާ ކައުންސިލަކީ ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވާ ކައުންސިލެވެ. ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުންނެވެ.

ބާ ކައުންސިލްގައި ތިއްބަވަނީ، ކައުންސިލުގެ ރައީސް މައުމޫން ހަމީދާއި ނައިބު ރައީސް އަބްދުﷲ މުއިއްޒުއާއި އެކްސްކޯ މެމްބަރުން، އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އަނަސް އަބުދުއްސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އަދި ނޫރުބާން ފަހުމީ އެވެ. އެކައުންސިލްގެ ރައީސް އަކީ މައުމޫން ހަމީދެވެ.

comment ކޮމެންޓް