މިނިސްޓަރު އިމްރާނާއި ސީޕީ މުނާޒްގެ އިސްތިއުފާއަށް ޕީޕީއެމް އިން ގޮވާލައިފި

ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަންފޮޓޯ

ކ. މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އިސްތިއުފާ ދެއްވުމަށް އިދިކޮޅު 'ޕްރޮގްރެސިވް ކޮންގްރެސް' ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސީޕީ މުނާޒު ފުލުހުންނާއެކު އިއްޔެ މާފުށީ ޖަލަށް ވަޑައިގެން ގައިދީންނަށް އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް ތުހުމަތުކޮށް، އެކަން ކުށްވެރިކޮށްފައިވެ އެވެ. އަދި އެއީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހިލާފު ކަމެއް ކަމަށް ކޯލިޝަނުން ބުނެ އެވެ.

މިދިޔަ އަހަރު ވެސް މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގި މައްސަލައެއް ފެންމަތިވިކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ބުނީ އެ މައްސަލައާ ގުޅިގެން ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ކުރައްވާ ތަން ނުފެންނަ ކަމަށެވެ.

"ކަންކަން އިސްލާހު ނުވެ މިފަދަ ކަންކަން އިތުރަށް ތަކުރާރު ވެގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމުން މި ސަރުކާރުގެ ކިބައިގައި ކަންކަން އިސްލާހު ކުރުމުގެ ގާބިލުކަން ނެތްކަމާއި ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމުގައްޔާއި ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ވަރަށް ސާފު. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް މި ކޯލިޝަނުން ގޮވާލަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމާއި އެފަރާތްތަކަށް ވެސް ރައްކާތެރި މާހައުލެއް ގާއިމު ކުރުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމު ކުރާ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ޖަލުގައި ހިންގަމުންދާ ކަންކަން ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފަ އެވެ.

މިފަހުން މާފުށީ ޖަލުގައި އޮފިސަރުންނާ ރިމާންޑު ބަންދުގައި ތިބި މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް އުފެދިފައިވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.

އޭގެ ފަހުން އިއްޔެ ވެސް ޖަލުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު އިއްޔެ ވިދާޅުވީ ޖަލު އޮފިސަރުން ބާރުގެ ބޭނުން ކުރީ އޮފިސަރުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ.

https://sun.mv/129828

މާފުށީ ޖަލުގެ ރިމާންޑުގައި ތިބި ބަޔަކާ ޖަލު އޮފިސަރުންނާ ދެމެދު މި ހަމަނުޖެހުންތަކެއް އުފެދެން ފެށީ ގައިދީން އެދޭ ގޮތަށް ބޭސްފަރުވާގެ ކަންކަން ކުރިއަށް ނުދާތީ އާއި ތަހުގީގު ބަންދުގެ މުއްދަތު ދިގުލައިގެންދާތީ ކަމަށް ކަރެކްޝަންސްއިން އިއްޔެ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް