ކައުންސިލް އިންތިހާބުގައި ވާދަކުރަން އަދާލަތު ޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލައިފި

އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީން ބުނީ ކައުންސިލް އިންތިހާބުތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، އެ ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ޓިކެޓަށް އެދޭ ފޯމާއެކު ގާނޫނީ ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ އަދާލަތު ޕާޓީގެ މައި އޮފީސް، ހ. ފުލިދޫގެ ތިންވަނަ ފަންގިފިލާއަށެވެ.

އީމެއިލުން ނަމަ ހުށަހަޅާނީ ފޯމާއި އެހެން ލިޔުންތަކުގެ ކުލަ ސްކޭން ޕީޑީއެފް ފޯމެޓްގައި އެ ޕާޓީގެ އީމެއިލް [email protected] އަށެވެ.

އެ ފޯމް އަދާލަތު ޕާޓީގެ ވެބްސައިޓް އަދި ޕާޓީގެ މައި އޮފީހުން ލިބެން ހުންނާނެއެވެ.

ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

އެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، އިންތިހާބު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރުމަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތު މި މަހު 13 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ރާވާފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައިވަނީ އަންހެން ކައުންސިލަރުންނަށެވެ.

comment ކޮމެންޓް