ލަންކާއަށް މަނާ ސިނގިރޭޓު އެތެރެކުރި ދިވެއްސަކާއި ވިސާ ނެތި އުޅުނު މީހެއްގެ މައްސަލަ ކޯޓަށް

ސްރީލަންކާ -- ފޮޓޯ: އޭޕީ

ސްރީލަންކާ ފުލުހުންގެ ފަރާތުން މުޅި ސްރީލަންކާގައި ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހީންގެ ތެރެއިން ދެ ދިވެއްސެއްގެ މައްސަލަ ކޯޓަށް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ 12 ދިވެހިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދިވެހި ފިރިހެނެއްގެ މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެތެރެއިން އެކަކުގެ މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ ނުވަ މަސް ވަންދެން ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ އަށް މަސް ވެފައިވާ މައްސަލައިގައެވެ.

ދެން ކޯޓަށް ފޮނުވީ ޕާސްޕޯޓު ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ސްރީލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓުގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ފިރިހެނެއްގެ މައްސަލައެވެ.

އިއްޔެ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހިންގެ ތެރޭގައި ކުޑަ ތިން ކުދިން ހިމެނެއެވެ. އެ ތިން ކުދިންނާއި އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ.

އެމީހުންގެ ޕާސްޕޯޓް، ވިސާ ޖެހުމަށް ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ގެނައުމުން، އެމީހުން ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ވިސާ ނެތި އެއް ދުވަހު ސްރީލަންކާގައި އުޅުމާއި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހި އަންހެނަކު މިއަދު ހެނދުނު ވަނީ ދޫކޮށްލާފައެވެ.

ވިސާ ނެތި ހަ މަސްދުވަހު ސްރީލަންކާގައި އުޅުމ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވަނީ ޖޫރިމަނާ ދައްކަން އަންގައި، ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

އަދި ޕާސްޕޯޓު ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ކޮފީ ޝޮޕެއްގައި ތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު ފިރިހެނަކު ވެސް މިއަދު ވަނީ ދޫކޮށްލައިފައެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އަދި ޕާސްޕޯޓު ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާންމު ތަންތަނުގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓުތައް ބެހެއްޓުމަށް ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް ވަނީ އަންގައިފައެވެ.

ހަމައެއާއެކު މިކަންކަމަށް ސަމާލުވުމަށްސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދެއެވެ.

ސްރީލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާ ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާންމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލިބިދީފައިވާ ލުއިފަސޭހަތައް ނާޖާއިޒު ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާންމުކޮށް ދިވެހިންނާ ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް