ތުރުކީ ސިފައިން ލީބިޔާއަށް ފޮނުވަން ފަށައިފިން: އުރުދުޣާން

ތުރުކީ ސިފައިން ލީބިޔާއަށް ފޮނުވަން ފަށައިފި ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައި -- ފޮޓޯ: އޭޕީ

އަންކާރާ (ޖެނުއަރީ 6): ތުރުކީގެ ސިފައިން ލީބިޔާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން އެފަދައިން ވިދާޅުވީ، ލީބިޔާގައި އޮންނަ ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ގަވަމެންޓު އޮފް ނެޝަނަލް އެކޯޑް (ޖީއެންއޭ)އިން ތުރުކީގެ އަސްކަރީ އެހީއަށް އެދުމާ ގުޅިގެންނެވެ. އަދި އެގައުމުގެ ސިފައިން ލީބިޔާއަށް ފޮނުވުމަށް ތުރުކީގެ ޕާލިމެންޓުން މިދިޔަ ބުރާސްފަތި ދުވަހު ރުހުންދިން ފަހުންނެވެ.

"[ލީބިޔާގައި] ހުންނާނެ ތުރުކީގެ އޮޕަރޭޝަން ސެންޓަރަކާއި ލެފްޓެނެންޓް ޖެނެރަލްއެއް އަދި އެގައުމުގެ ހާލަތު ބަލަހައްޓަމުންދާނެ. [ތުރުކީގެ ސިފައިން] މިހާރު ވަނީ އެގައުމަށް ދާން ފަށާފަ،" އުރުދުޣާން ވިދާޅުވި އެވެ.

ނަމަވެސް ލީބިޔާއަށް ފޮނުވަނީ ތުރުކީގެ ކިތައް ސިފައިން ކަމެއް އުރުދުޣާން ހާމަ ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތުރުކީން ބޭނުންވަނީ "ހަނގުރާމައެއް ކުރުމުގެ ބަދަލުގައި ގާނޫނީ ސަރުކާރަށް އެއްބާރުލުންދީ، އިންސާނީ ކާރިސާއެއް ހިނގުން ހުއްޓުވުމެވެ."

ލީބިޔާގައި މީގެ ކުރިން އޮތް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން އެގައުމުގައި ވަނީ އިދިކޮޅު ސަރުކާރުތައް އުފެދިފަ އެވެ. އެގޮތުން ގައުމުގެ ހުޅަނގު ކޮންޓުރޯލު ކުރަމުން ދަނީ އދ.ގެ ތާއިދު އޮތް ޖީއެންއޭ އިންނެވެ. އަދި ގައުމުގެ އިރުމަތީގައި އޮތީ ހަނގުރާމަވެރި ލީޑަރު، ޖެނެރަލް ޚަލީފާ ހަފްތަރާއި އޭނާގެ ލީބިޔަން ނެޝަނަލް އާމީ (އެލްއެންއޭ)ގެ ވެރިކަމެވެ.

ތުރުކީ އާއި ގަތަރުން ޖީއެންއޭގެ ވެރިކަމަށް ތާއިދު ކުރާ އިރު ރަޝިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ސައުދީ އާއި މިސްރާއި ފްރާންސުން ތާއިދު ކުރަނީ ހަފްތަރަށެވެ.

ތުރުކީން އެގައުމުގެ ސިފައިން ލީބިޔާއަށް ފޮނުވަން ނިންމުމާ ގުޅިގެން އެލްއެންއޭ އިން ވަނީ ތުރުކީ ސިފައިންނާ ދެކޮޅަށް ޖިހާދު އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް