ސިޓީއަކަށް ވިޔަސް ތިލަދުންމަތީ ދެކުނުގެ ވެރިކަން ކުޅުދުއްފުއްޓަށް!؟

ކުޅުދުއްފުށީ އެއާޕޯޓް ފެންނަ އޭރިއަލް ފޮޓޯއެއް -- ފޮޓޯ/ އިރުޝާދު އަބްދުއްރަހްމާން

ތިލަދުންމަތީ ދެކުނު ނޫނީ ހދ އަތޮޅުގެ ވެރިރަށުގެ ގޮތުގައި އޮތް ކުޅުދުއްފުޓަށް ނިމިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ސިޓީއެއްގެ ދަރަޖަ ދީފަ އެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ފިޔަވައި ދެން އެރަށަށް ނުވަތަ ހދ އަތޮޅަށް އަންނާނެ ބަދަލަކާ ބެހޭގޮތުން ސަރުކާރުންވެސް އަދި އެހެންވެސް މުއައްސަސާއަކުން ވާހަކައެއް ނުދައްކަ އެވެ. މިވަނީ ކީއްކަން ކުޅުދުއްދުއްފުށި ސިޓީއަކަށް ވުމުން ދެން ވާނެ ގޮތް، ހދ. ގެ މީހުންނަށްވެސް މާ ސާފެއް ނޫނެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ހދ އަތޮޅަކީ އިދާރީ އެއް ދާއިރާ އެވެ. އެ ދާއިރާގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވިޔަސް އެ ދާއިރާއިން ކުޅުދުއްފުށި ބޭރުވާ ކަމެއް ނުވަތަ ނޫން ކަމެއް ގާނޫނުގައި އެހާ ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ. އެކަމަކު ގާނޫނުގައި ބުނާ ބައެއް ވާހަކަތަކުން ބުރަވެވެނީ ހދ. އަތޮޅުން ކުޅުދުއްފުށި ބޭރު ނުވާ ކަމަށެވެ. އަދި އަތޮޅެއްގައި ހިމެނޭ ވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ އެއަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލުކުރަން ޖެހޭނެ ކަމަކަށްވެސް ގާނޫނުގައި ބުނެފައެއް ނުވެ އެވެ.

އަތޮޅު ކައުންސިލުގައި ކުޅުދުއްފުށީގެ މޭޔަރު ހިމެނޭ

ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގައި އަތޮޅެއްގައި ހިމެނޭ ވަކިރަށެއް ސިޓީއަކަށް ބަދަލުވުމުން ވާނެ ގޮތެއް މާ ސާފުކޮށް ނެތް ނަމަވެސް ބައެއް ވާހަކަތައް ހިމަނާފައި އެބަހުއްޓެވެ. އެއް ކަމަކީ އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން އަތޮޅު ކައުންސިލުގައި ހިމެނޭނީ އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ އަތޮޅު ކައުންސިލުގެ ރައީސް އާއި އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލުގެ ރައީސް އަދި އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީ ކައުންސިލުގެ މޭޔަރެވެ.

ކުޅުދއްފުށި --- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ގާނޫނީ ވަކީލަކު 'ސަން' އަށް ވިދާޅުވީ އަތޮޅު ކައުންސިލެއްގައި ސިޓީގެ މޭޔަރު ހިމެނޭ ނަމަ އޭގެ މާނައަކީ އިދާރީ ދާއިރާއިން އެ ސިޓީ ބޭރު ނުވަނީ ކަމަށެވެ. އެހެންވީމަ އެ ސިޓީއަކީ ދާއިރާގެ ތެރޭގައި ހިމެނޭ ސިޓީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުޅުދުއްފުށި އަދިވެސް ވާނީ ހދ. އަތޮޅުގެ ތެރޭގައި ހިމެނޭ ސިޓީއަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންވީމަ ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށް އެހެން ރަށަކަށް ބަދަލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ހދ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސް ހޮވާއިރު ކުޅުދުއްފުށިން މީހަކަށް ރައީސްކަމަށް ވާދަކުރެވޭނެ ތޯ އެވެ. އަދި އެ އަތޮޅުގެ ރައީސް ހޮވަން ކުޅުދުއްފުށި މީހުން ވޯޓުލާން ޖެހޭނެ ތޯ އެވެ. އިލެކްޝަންސް ކޮމިޝަނުން އަދި އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ އެކަމާ ބެހޭގޮތުން މިހާރު އެ ކޮމިޝަނުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީގަލް ބޭފުޅުންނާއެކު އެކަމާ މަޝްވަރާތަކެއް ކުރަމުން މިދަނީ. އަދި ވަކިގޮތަކަށް ނުނިންމޭ." އިލެކްޝަންސްގެ ނައިބު ރައީސް އަކްރަމް ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވާގޮތުން އިދާރީ ދާއިރާގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ ހިމެނޭ ނަމަ ހދ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސް ހޮވަން ކުޅުދުއްފުށީ މީހުންނަށް ވޯޓު ލެވެން ޖެހޭނެ އެވެ. އެއީ ދާއިރާގައި ހިމެނޭއިރު އަތޮޅު ކައުންސިލުގެ ރައީސް ހޮވުމުގައި ކުުދުއްފުއްޓަށްވެސް ބަސް ބުނެވެން ޖެހޭނެތީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން -- ފޮޓޯ/ އިލެކްޝަންސް

މިހާރު ހދ އަތޮޅުގެ ގިނަ ރަށްރަށުން އުންމީދު ކުރަމުން ދަނީ އެތޮޅުގެ ވެރިކަން ކުރާ ރަށް އެރަށަކަށް ލިބޭނެ ކަމަށެވެ. އަދި އެކަމަށް އެދި ސޯޝިއަލް މީޑިއާގައި އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ މީހުން އަންނަނީ ލޮބީވެސް ކުރަމުންނެވެ. ފަހަރެއްގައި ކުޅުދުއްފުށި ސިޓީއަކަށް ވުމުން ވެރިކަން ކުރާ ރަށް ބަދަލު ކުރަން ނުޖެހޭކަން އެ މީހުންނަށް ނޭނގެނީ ކަމަށް ވެދާނެ އެވެ.

އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން އިދާރީ ދާއިރާއެއްގެ ވެރިކަން ކުރާރަށް އެ ގާނޫނުގެ ދަށުން ސިޓީއަކަށް ބަދަލުވި ނަމަވެސް އެ އިދާރީ ދާއިރާއެއް ހިންގާނީ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލުންނެވެ. އެހެންވީމަ ކުޅުދުއްފުށި ހިމެނޭ ގޮތަށް ހދ އަތޮޅުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ހދ އަތޮޅު ކައުންސިލުންނެވެ.

ދާއިރާއިން ކުޅުދުއްފުށި ބޭރުކުރުމުން ވާނީ ކީހިނެތް؟

އިދާރީ ދާއިރާއެއްގައި ހިމެނޭ ވެރިކަންކުރާ ރަށް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ ދެން އެ ދާއިރާގައި ވެރިކަން ކުރާނީ ކޮން ރަށެއްގައިތޯ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތުމަކީ ގިނަބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދޭ ކަމެކެވެ. ހާއްސަކޮށް އެހާލަތު ތިލަދުއްމަތީ ދެކުނަށް ކުރިމަތިވެފައިވާއިރު އެ އަތޮޅުގެ ރައްޔިތުން ތިބީ ޖަވާބެއްގެ އުންމީދުގަ އެވެ. މިހާރު ސުވާލު އުފެދެނީ އެ އިދާރީ ދާއިރާއިން ކުޅުދުއްފުށި ބޭރުކޮށްފި ނަމަ ދެން ވާނީ ކިހިނެތްތޯ އެވެ.

މިހާރު ލާމަރުކަޒީ ގާނޫނުގައި ވާގޮތުން އިދާރީ ދާއިރާގެ ހުރިހާ ރައްޔިތުން އިންތިހާބު ކުރާ އަތޮޅު ކައުންސިލުގެ ރައީސާއި ކޮންމެ ރަށެއް ރައީސް އަދި އެ ދާއިރާގައި ހިމެނޭ ސިޓީ ކައުންސިލުގެ މޭޔަރު ހިމެނޭގޮތަށް އެކުލަވާލާ އަތޮޅު ކައުންސިލުން އެ ދާއިރާގެ ބޮޑެތި ނިންމުންތަކެއް ނިންމޭނެ އެވެ. އެގޮތުން އެ ދާއިރާގެ ރަށްތަކުގައި ހިންގާ ޕްރޮޖެކްޓްތައް ބިޑްކުރުމާއި އެވޯޑް ކުރުން ދާނީ އަތޮޅު ކައުންސިލަށް ކަމަށް ފިނޭންސް މިނިސްޓަރު މީގެ ކުރިން ވަނީ ދިވާޅުވެފަ އެވެ.

ހދ އަތޮޅު ކައުންސިލް އިދާރާ -- ފޮޓޯ/ އަތޮޅު ކައުންސިލް

އޭގެ އިތުރުން އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ބޭނުން ކުރެވޭނީ އަތޮޅު ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. އަދި އެ ފަޅުރަށްތަކާއި ގުޅޭގޮތުން ގޮތެ ނިންމޭނީވެސް އަތޮޅު ކައުންސިލަށެވެ. އެހެންވީމާ ތިލަދުންމަތީ ދެކުނުބުރި އެ ދާއިރާއިން ކުޅުދުއްފުށި ބޭރުކޮށްކޮށްފި ނަމަ އަދި އެއްވެސް އިދާރީ ދާއިރާކަށް ލައްވާލާ ގޮތެއް ނުވެއްޖެ ނަމަ ދެން ކުޅުދުއްފުއްޓަށް އޮތީ ކޮން މޮޅެއްތޯ ވެސް އެއީ ސުވާލެކެވެ. އެ ހާލަތު އައިސްފި ނަމަ، އޭރުން ކުޅުދުއްފުށި ވާނީ ރާއްޖޭގެ އެންމެ ފަގީރު ސިޓީއަށެވެ.

މިހާރު ކަންކަން ގޮސްފައި އޮތް ހާލަތަށް ބަލާއިރު ތިލަދުންމަތީ ދެކުނުބުރި އަދި ކުޅުދުއްފުށީ ސިޓީއަށް ވާނެގޮތް ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން އެ ރައްޔިތުންނަށް އެބަ ސާފުކޮށްދޭން ޖެހެ އެވެ. އެއްވެސް ތާކަށް ލައްވާނުލައި ކުޅުދުއްފުށި ބާކީ ވަނީތޯ ސާފުކޮށްދޭން އެބަޖެހެ އެވެ. އަދި ވެރިކަން ކުރާ ރަށަކަށް އެރަށެެއް ހެދުމުގެ އިންތިޒާރުގައި ތިބި ހދ އަތޮޅުގެ ރަށްތަކަށް ސަރުކާރުން ޖަވާބެއް ދޭން އެބަޖެހެ އެވެ. އެ ރައްޔިތުންނަށް ޖަވާބެއް ދެވެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކުންނެވެ.

comment ކޮމެންޓް