ފަރަށް އެރި ދޯނިން ގެއްލިގެން ހޯދަނީ ކުޅުދުއްފުށި މީހެއް

ކ. ކަގި ކައިރިން ފަރަށް އެރި ދޯނި -- ފޮޓޯ/އެމްއެންޑީއެފް

މިއަދު ހެނދުނު ކ. ކަގި ކައިރިން ފަރަށް އެރި ދޯނިން ގެއްލުނު ދިވެހި ކައްޕި ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ޑައިވް ކުރަން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިއަދު ހެނދުނު 08:09 ހާއިރު ފަރަށް އަރާފައި ވަނީ "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އޭނާއަކީ އެ ދޯނީގެ ކައްޕިއެވެ.

ދޯނި ފަރަށް އެރި އިރު ދޯނީގައި މުހައްމަދު ޔޫސުފްގެ އިތުރުން ދެން ތިބީ ދެ ބިދޭސީންނެވެ. މުހައްމަދު ޔޫސުފް ގެއްލިގެން އުޅޭކަމަށް ރިޕޯޓުކުރީ އެ ދޯނިންނެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައި ނުވާ ކަމަށެވެ. އަދި ޑައިވަރުންނަށް އެ ސަރަހައްދުގެ އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާ ކަމަށެވެ.

ޑައިވަރުންގެ އިތުރުން މީހާ ހޯދުމަށް ކޯސްޓްގާޑުގެ ލޯންޗް އެފްއައިސީ ވެލާނާ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މުހައްމަދު ޔޫސުފްގެ ފޯނާއި ދަބަސް، ދޯނީގައި އޮތް ކަމަށެވެ.

މިދިޔަ ހަފްތާގައި ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ވެސް މީހަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާގައި ގެއްލިފައި ވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުންނާއި ޑައިވް ރޮބޮޓް ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް