"ފްރޯޒެން 2" އަކީ އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމު

ފްރޯޒެންގެ ދެވަނަ ބައިން މަންޒަރެއް --

މިހާތަނަށް ނެރުނު އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކަށް ޑިޒްނީގެ "ފްރޯޒެން 2" ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ދައްކަން ފަށާފައިވާ ފްރޯޒެންގެ ދެވަނަ ބައި ދަނީ ބޮކްސް އޮފީހުގައި ބޮޑެތި ރެކޯޑުތައް މުގުރަމުންނެވެ.

އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާގޮތުގައި ޑިޒްނީގެ ފްރޯޒެން 2 އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބިފައިވާ އެނިމޭޓެޑް ފިލްމެވެ. އެގޮތުން އެ ފިލްމަށް މިހާތަނަށް ވަނީ 1.33 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެއީ ފްރޯޒެންގެ ފުރަތަމަ ބަޔަށްވުރެވެސް ބޮޑު އާމްދަނީއެކެވެ. ޑީޒްނީން 2013 ވަނަ އަހަރުގައި ނެރުނު ފްރޯޒެން ފިލްމަށް ވަނީ 1.28 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެނިމޭޓެޑް ފިލްމުތަކުގެ ލިސްޓުގެ ތިންވަނައިގައި އުޅެނީ ޕިކްސާގެ "އިންކްރެޑިބްލްސް" ފްރެންޗައިޒްގެ ދެވަނަ ފިލްމެވެ. އެ ފިލްމަށް ވަނީ 1.24 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެންމެ ބޮޑެތި އާމްދަނީ ލިބުނު އެނިމޭޓެޑް ފިލްމުތަކުގެ ލިސްޓުގައި ގިނައިން ހިމެނޭނީ ޑިޒްނީގެ ފިލްމުތަކެވެ. ވަރުގަދަ އެނިމޭޓެޑް ފިލްމުތަކެއް ނެރެ ޑިޒްނީއަށް ފާއިތުވި ތިން އަހަރު ވަނީ ވަރަށް ކާމިޔާބު އަހަރުތަކަކަށް ވެފައެވެ.

comment ކޮމެންޓް