ލިވަޕޫލާއި ޗެލްސީ މޮޅުވި އިރު ޓޮޓެންހަމް އެއްވަރު

ލިވަޕޫލާއި އެވަޓަން ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// ރަޔަން ބެންސަން

އިނގިރޭސި އެފްއޭ ކަޕުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވި އިރު ލޫކަސް މޯރާ ޖެހި ގޯލުން ޓޮޓެންހަމް ސަލާމަތްވެއްޖެ އެވެ.

ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ފުރަތަމަ އެގާރައިގެ މުހިއްމު ބައެއް ކުޅުންތެރިން ނުހިމަނާ ލިވަޕޫލުން ރޭ އެންފީލްޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ކާލޯ އެންޗެލޮޓީގެ އެވަޓަން އަތުން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާއަށް ވަނީ އަނިޔާވެ، ބަދަލު ކުރަން ޖެހިފަ އެވެ.

އަލަށް ހުޅުވުނު ޓްރާންސްފާ މާކެޓުގައި ލިވަޕޫލުން އެންމެ ފުރަތަމަ ސޮއި ހޯދި ޖަޕާނުގެ ޓަކޫމީ މިނަމީނޯ ގެ ފުރަތަމަ ފެނިލުން ރޭގެ މެޗުގައި ފެނިގެން ދިޔަ އިރު މެޗުގައި ޖެހި ހަމައެކަނި ގޯލު 71 ވަނަ މިނިޓްގައި ޖެހީ 18 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. އެވަޓަން އިން ލިވަޕޫލާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 20 މެޗުގައި ވެސް މޮޅުވެފައެއް ނުވެ އެވެ.

ޒުވާން ސްކޮޑަކާ އެކު މިފަހަރުގެ ސީޒަނާއި ކުރިމަތިލި ޗެލްސީން ރޭ ވަނީ ނޮޓިންގްހަމަ ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި 0-2 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ލީގުގެ ބޮޑެތި ބައެއް މެޗުތަކުން މޮޅު ހޯދަމުން އައި ނަމަވެސް ފަސޭހަ މެޗުތަކުން ބަލިވުމުގެ ސަބަބުން ޗެލްސީއަށް ކުރިއަށް ނުދެވިފައި އޮތް އިރު ރޭގެ މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޗެލްސީއިން ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޖެހީ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ކަލުމް ހަޑްސަން-އޮޑޯއި އެވެ. ދެވަނަ ގޯލު ޖެހީ އަނިޔާގެ ސަބަބުން ފަހަކަށް އައިސް ޓީމުން ފުރުސަތު ނުލިބި ހުރި ރޮސް ބާކްްލީ އެވެ.

މީގެ އިތުރުން ހޯސޭ މޮރީނިއޯ ޓޮޓެންހަމްއާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ އެފްއޭ ކަޕު މެޗުގައި ރޭ އެ ޓީމު ސަލާމަތްވީ ފަހުވަގުތު ޓީމުގެ ފޯވާޑް ލޫކަސް މޯރާ ޖަހައިދިން ގޯލުންނެވެ. އެ މެޗުގައި މިޑިލްސްބްރާ އިން މޮޅު ކުޅުމެއް ދެއްކި އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ހަތަރު ވަނަ ބުރަށް ދިއުމުގެ އުންމީދު ޓޮޓެންހަމުން ބޮޑު ކުރި އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހެރީ ކޭން މިވަގުތު ހުރީ އަނިޔާގަ އެވެ.

މޮރީނިއޯ ބުނީ އެފްއޭ ކަޕަކީ ޔޫރޮޕުގައި ކުޅެވޭ އެންމެ ބޮޑު އެއް ކަޕު ކަމަށެވެ. އެގޮތުން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ ކޮޕަ ޑެލްރޭ އަށް ވުރެން ވެސް އެފްއޭކަޕު މާ ލެވެލް މަތި ކަމަށް މޮރީނިއޯ ބުންޏެވެ.

comment ކޮމެންޓް