ހުޅުމާލެ ހޮސްޕިޓަލް "މާލޭ ހޮސްޕިޓަލް ގަވާނިން ބޯޑް"ގެ ދަށަށް

ހުޅުމާލެ ހޮސްޕިޓަލް-- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހޮސްޕިޓަލް ހިންގުމަށް "މާލޭ ހޮސްޕިޓަލް ގަވާނިން ބޯޑު"ގެ ނަމުގައި ހާއްސަ ބޯޑެއް އެކުލަވާން ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލް ހިންގާނީ، އެ ބޯޑުގެ ދަށުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ކަަމަށެވެ. އެހެން ނަމަވެސް، އެ ބޯޑަށް އަދި މެންބަރުން ހަމަޖައްސާފައިނުވާ ކަމަށް އެނގިފައިވެ އެވެ.

ކުރިން އެ ހޮސްޕިޓަލް ހިންގަމުން ދިޔައީ އާސަންދަ ކުންފުނިންނެވެ. ނަމަވެސް ރައީސް އަންގަވައިގެން އެ ހޮސްޕިޓަލް ހިންގުން މިދިޔަ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން އާސަންދަ ކުންފުނިން ވަނީ ހުއްޓާލައިފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކުރީ 2016 އޭޕްރީލް ތިން ވަނަ ދުވަހު އެވެ.

ހުޅުމާލޭ ހޮސްޕިޓަލް އާ ގަވާނިން ބޯޑެއްގެ ދަށަށްް ބަދަލުކުރި ނަމަވެސް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތައް ކުރިއެކޭވެސް އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލްއިން ބުންޏެވެ. އަދި އާސަންދަ ކުންފުނިން އެ ހޮސްޕިޓަލް ހިންގުން ހުއްޓާލިޔަސް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަައިގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލްއިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްއިން ދާދި ފަހުން ބުނީ ހަ ދާއިރާއަކުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/129209

އެގޮތުން ހުޅުމާލޭގައި މިހާރު އާބާދީ އިތުރުވަމުންދާތީ އެކަންކަމަށް ވިސްނައި އެ ހޮސްޕިޓަލް ބޮޑުކުރުމުގެ ޕްލޭންތައް ހަދައި އިމްޕްލިމަންޓްކުރުމަށް ޓަކައި ޑްރާފްޓެއް އެކުލަަވާލައިފައިވާ ކަމަށް ހެލްތުން މީގެ ކުރިން ބުނެފައިވެ އެވެ. އެ ޕްލޭނަށް އަމަލުކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް ހޮސްޕިޓަލްއިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓްލުން މިހާރުވެސް އެވެރެޖްކޮށް ދުވާލަކު 1300 އެއްހާ މީހުން ފަރުވާ ހޯދާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް