އާ ކޯޓިންގެ ސަބަބުން އަހަރުތަކަކަށް ބްރިޖުގައި ދަބަރު ނުޖަހާ ހިފަހައްޓާނެ

ސިނަމާލެ ބްރިޖް -- ސަން ފައިލް ފޮޓޯ

ސިނަމާލެ ބުރިޖުގެ ގާޑްރެއިލްތަކުގައި މިހާރު ލާން ފަށާފައިވާ އާ ކޯޓިން އަކީ ސިނަމާލެ ބްރިޖަށް ހާއްސަ ކޯޓިން އެއް ކަމަށާއި، ރަނގަޅަށް ބަލަހައްޓައިފިނަމަ ބުރިޖުގައި ދަބަރު ނުޖަހާ އަހަރުތަކެއް ވަންދެން ހިފަހައްޓާނެ ކަމަށް، ޗައިނާގެ ޝިއާމަން ޔުނިވާސިޓީގެ ޕްރޮފެސަރު ލިން ޝަންގްޖިއާން ވިދާޅުވެއްޖެ އެވެ.

ބްރިޖަށް ހާއްސަ ކޯޓިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ލިން އަކީ ދަބަރުޖެހުމުން ރައްކާތެރިކުރުމާ ގުޅޭ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

ބުރިޖުގެ ރެއިލިން ތަކުގައި ދަބަރު ޖަހާ މައްސަލަ ހައްލުކުރުމަށް މިހާރު އަންނަނީ ބުރިޖު ދަގަނޑުތަކުގައި އާ ކޯޓިން ލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޯޓިން އަކީ ބުރިޖު ހެދި ސީސީސީސީ ކުންފުންޏާއި ޝިއާމަން ޔުނިވާސިޓީގެ އިންޖިނިއަރުންގެ ޓީމެއް ގުޅިގެން ދިރާސާތަކެއް ކުރުމަށްފަހު އުފެއްދި ކޯޓިން އެކެވެ.

ޕްރޮފެސަރު ލިން ވަނީ އެ ކޯޓިން ފައިނަލް ކުރަން އެއް އަހަރު ދުވަސް ހޭދަވި ސަބަބު ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ލެބްގައި ކޯޓިން އުފައްދަން ހޭދަވީ ތިން މަސް ދުވަސް ކަމަށާއި، ނަމަވެސް ނުވަ މަސް ދުވަސް ވަންދެން ބުރިޖުގައި އެ މެޓީރިއަލް ޓެސްޓު ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ނުވަ މަސް ވަންދެން 24 ގަޑިއިރު ރާޅުޖަހާ ގޮތަށް ބެހެއްޓުމަށްފަހު، އަލުން އެ ސާމްޕަލްތައް ލެބަށް ގެންގޮސް ދިރާސާކޮށްފައިވާނެ ކަމަށެވެ.

ބްރިޖުގައި ސްޓެއިންލެސް ސްޓީލްގެ ބަދަލުގައި އެލުމިނިއަމް ބޭނުން ނުކުރީ ކީއްވެތޯ މީހުން ކުރާ ސުވާލަށް ޖަވާބު ދެއްވަމުން ޕްރޮފެސަރު ވިދާޅުވީ، އެލުމިނިއަމް އަކީ ރާއްޖޭގެ ތިމާވެއްޓަށް އެންމެ އެކަށީގެންވާ މެޓީރިއަލް ނޫންކަމަށެވެ.

އާ ކޯޓިން އަކީ ސްޓެއިލިން ސްޓީލަށް ހާއްސަ އެއްޗެއް ކަމަށާއި، ކޯޓިންގެ ސަބަބުން ކޯޓިން ފަށަލައިގެ ދަށުގައި ދަބަރު ޖެހުމުން ރައްކާތެރިކޮށްދޭނެ ކަމަށެވެ.

ޕްރޮފެސަރު ވިދާޅުވީ ބުރިޖުގައި ލާން ފަށާފައިވާ ކޯޓިން އަކީ ނެނޯޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި އެއްޗެއް ކަމަށެވެ.

އަތްވާއި ލޮނުގެ ސަބަބުން ރެއިލިންގެ ބައެއް ހިސާބުތަކުގައި ދަބަރު ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ބްރިޖުގެ މެއިންޓެނެންސް ކަންކަން ރަނގަޅަށް ބެލެހެއްޓިއްޖެނަމަ އަހަރުތަކެއް ވަންދެން ރެއިލިންގައި ދަބަރު ނުޖަހާ ހިފަހައްޓާނެ ކަމަށެވެ.

ރާއްޖެއާއި ޗައިނާ ސަރުކާރުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރި ސިނަމާލެ ބުރިޖަކީ 100 އަހަރު ވަންދެން ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ބުރިޖެކެވެ.

ސީސީސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން، ބުރިޖް އެޅުމަށް ފަހު ދެ އަހަރު ވަންދެން ބުރިޖްގެ މެއިންޓެނެންސް މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.

comment ކޮމެންޓް