ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު ކ. ކަގި ކައިރިން ފަރަށް އެރި ދޯންޏަކުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ފަރަށް އަރާފައި ވަނީ "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. ދޯނި ފަރަށް އެރި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ޖުމްލަ ތިން މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ތިން މީހުންގެ ތެރެއިން ދޯނީގެ ކެޕްޓަން ކަމަށްވާ 37 އަހަރުގެ ދިވެހި މީހާ ގެއްލިގެން އުޅޭކަމަށް ދޯނިން ރިޕޯޓުކޮށްފައިވާތީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ ފޯނާއި ދަބަސް ދޯނީގައި އޮތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދޯނި ފަރަށް އެރިކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:09 އެހާކަންހާއިރުއެވެ. އެމްއެންޑީއެފް އިން ބުނީ މިކަމުގައި ކޯސްޓްގާޑުގެ ލޯންޗް އެފްއައިސީ ވެލާނާ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ ހަފްތާގައި ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި މީހަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާގައި ގެއްލިފައި ވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުންނާއި ޑައިވް ރޮބޮޓް ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް